މި އަހަރުގެ ރޯދަ މަސް ފަށަން ހަފުތާއަކަށްވި އިރު އެހެން އަހަރުތަކެކޭ އެއްގޮތަށް ބާޒާރު މަތި އަންނަނީ ހަލަބޮލި ވަމުން ބިޒީ ވަމުންނެވެ. މިވަގުތު ރޯދައަށް ދަނޑުވެރިކަމުގެ ބާވަތްތައް މާލެ ނުގެނައި ނަމަވެސް، މާލެއިން މުދާ ގެންދިއުމުގެ ފޯރި އޮތީ ވަރަށް ބޮޑު ކޮށެވެ. ބޯޓު ފަހަރަށް މުދާ ބަރުކުރަމުން ދާތީ މުޅި ބާޒާރުމަތި ފެންނަނީ ވަރަށް ކާރުކާބޫ ބޮޑުކޮށެވެ. ނަމަވެސް ބާޒާރުގައި ރޯދަ މަހު މުހިންމު ބާވަތްތަކުގެ އަގުތަކަށް އަދި މާބޮޑު ބަދަލެއް ނާދެ އެވެ.
ރޯދަ އަށް އަބަދުވެސް އެންމެ ޑިމާންޑް ބޮޑު ފިޔާ ބަސްތާއެއް މިހާރު ވެސް ހުރީ 140ރ. އާއި 150ރ. އަށެވެ. އަދި އަލުވި ބަސްތާއެއް ވިއްކަނީ 210ރ. އަށެވެ. އަދި ބިސް ކޭހެއްގެ އަގު އުޅެނީ 290ރ. އާއި 300ރ. އާ ދެމެދުގެ އަގު ތަކެއްގަ އެވެ. ވަކިން ބިހެއް ވިއްކަނީ 1.50ރ. އަށެވެ. އަދި ފިޔާ ކިލޯއެއް 12ރ. އަށް ވިއްކާއިރު އަލުވި ކިލޯއެއް އުޅެނީ ހަށް ރުފިޔާގަ އެވެ.
ބާޒާރުގައި ހުރި އެހެން ބާވަތްތަކަށް ބަލާއިރު ކަރާ ކިލޯއެއް ވިއްކަނީ 20ރ. އަށެވެ.
ދަނޑުވެރިން ބުނާ ގޮތުގައި މި އަހަރު ރޯދަ މަހަށް ބޭނުންވާ ވަރަށް ދިވެހި ކަރާ ރާއްޖެއިން ލިބޭނެ އެވެ. އަދި ކުރިއަށް އޮތް ހަތަރު ދުވަހުގެ ތެރޭގައި ކަރާ ގެންނަންނ ފަށާނެ އެވެ.
ބާޒާރުގެ ބައެއް ބާވަތްތަކުގެ އަގުތައް
- އިނގުރު ކިލޯއެއް 25ރ.
- ކިއުކަނބާ ކިލޯއެއް 35ރ
- ތޮޅި މިރުސް 50ރ. އަށް 100 ގްރާމް
- ބީޓް ރޫޓް ކިލޯއެއް 45ރ
- ލެޓިއުސް ކިލޯއެއް 70ރ.
- ގިތެޔޮ މިރުސް 100ގ. 65ރ. އާއި 70ރ. އަށް
- ކުރުނބާއެއް 20ރ. އަށް
ބާޒާރުގައި މިހާރު އެންމެ މަދުކަމަށް ފާހަގަ ކުރެވެނީ ދިވެހި ގިތެޔޮ މިރުހެވެ. ދިވެހި ގިތެޔޮމިރުސް ކިލޯއެއް ހުރީ 400ރ. އާއި 450ރ. އަށެވެ.