ލ. ގަން

ގަމުގެ ގެއެއްގައި އަލިފާން ރޯވެ އަނދައިފި

Apr 28, 2019
1

ލ. ގަމުގެ ތުނޑީ އަވަށުގެ ގެއެއްގައި އަލިފާނުގެ ރޯވެ ބޮޑު ބައެއް އަނދައި ގެއްލުންތައް ވެއްޖެ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

ގަމު ކައުންސިލް މެންބަރު އިސްމާއިލް ޒަކީ މިއަދު "އަވަސް" އަށް ވިދާޅުވީ އެ ރަށުގެ ތުނޑީ އަވަށުގައި ހުރި ގެއެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވުމުން ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށާއި މިހާރު އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

މިއަދު މިއަދު މެންދުރު 12:58 އެހާކަންހާއިރު އަލިފާން ރޯވެފައި ވަނީ ސުނާމީގެ ހާދިސާއަށްފަހު މުންޑޫ އާއި ކަޅައިދޫ މީހުން އަލަށް އާބާދުވި ސަރަހައްދުގައި ހުރި ގެއެއްގަ އެވެ. އަލިފާނުގެ އެ ހާދިސާ ހިނގި ވަގުތު އެގޭގައި އެއްވެސް މީހަކު ނެތެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އަލިފާން ނިއްވާލި ނަމަވެސް ގެއަށް ވަރަށް ބޮޑެތި ގެއްލުން ވެފައިވާ ކަމަށެވެ.

ހުޅު ރޯވެ ބޮޑު ބައެއް އަނދައިގެން ދިޔެ ގޭގެ އަލިފާންގަނޑު ނިވާލި ނަމަވެސް އަދިވެސް ދުން އަރާތީ ސިފައިން ގެންދަނީ ދުންގަނޑު ސާފު ކުރުމުގެ މަސައްކަތް ކުރަންނެވެ.

ފުލުހުން ގެންދަނީ އަލިފާނުގެ އެ ހާދިސާ ހިނގި ސަބަބު ދެނެގަތުމަށް ތަހުގީގު ކުރަމުންނެވެ. އެނިފައިވާ ގޮތުގައި އެ ގޭގައި ރޯވީ ކަރަންޓް ޝޯޓެއްވެގެނެވެ.