ދެކުނު އެފްރިކާއަށް އެރި ތޫފާން "އިދާއީ" ގައި ހާހަކަށް ވުރެ ގިނަ މީހުން މަރުވިތާ ދެ މަސް ނުވަނީސް އެ ގައުމުގެ މޮޒެމްބީކަށް އަނެއްކާވެސް ތޫފާނެއް އަރައިފި އެވެ. ތޫފާން އިދާއީގައި މޮޒެމްބިކުން އެކަނި ވެސް 600 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.
"ކެނެތު" ގެ ނަންދީފައިވާ ދެވަނަ ތޫފާނުގައި ކުރާ ގަދަ ވިއްސާރާގައިޖެހި އުތުރު މޮޒެމްބިކްގެ ބޮޑު ބައެއްގައި ދަނީ ފެން ބޮޑުވަމުން ނެވެ. ފެން ބޮޑުވުމުގެ ސަބަބުން އެ ސަރަހައްދުގެ ގެތައް ވަނީ ވެއްޓެން ފަށާފަ އެވެ. ކެނެތު ތޫފާނުގައި މިހާތަނަށް މަދުވެގެން ފަސް މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ތޫފާން ކެނެތު މޮޒެމްބިކަށް މީގެ ތިން ދުވަސް ކުރިން އެރި ފަހުން މަތިން ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ކަބޯ ޑެލްގާޑޯ ޕްރޮވިންސަށް ތޫފާނުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައި ވެއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި އެ ސަރަހައްދަށް ބޯ ވިއްސާރަ ކުރާނެ ކަމަށް މޫސުމާބެހޭ އިދާރާތަކުން ލަފާކުރާއިރު މިހާރު ވެސް ބޯކޮށް ވާރޭ ވެހެމުންދާ ޕެމްބާ ސަރަހައްދުގައި އުނަގަނޑާއި ހަމައަށް ފެން ބޮޑުވެ ކަރަންޓު ވަނީ ކެނޑިފަ އެވެ.
ފެން ބޮޑުވެ ކިސަޑު ފޭބުމުގެ ބިރު އޮތްކަން ހާމަ ކުރަމުން މޮޒެމްބިކް ސަރުކާރުގެ އޮފިޝަލުން އެ ގައުމުގެ ރައްޔިތުން ތޫފާނުން ސަލާމަތްތެރިކަން ހޯދާ ރައްކާތެރި އުސް ސަރަހައްދުތަކަށް އެރުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.
މި ތޫފާނުގެ ސަބަބުން މޮޒެމްބިކްގައި މިހާރުވެސް ބަނޑުހައި ހޫނުކަންމަތީ ހާލުގައި ޖެހިފައި ތިބި 700،000 އަށްވުރެ ގިނަ މީހުންގެ ހާލަތު އިތުރަށް ދަށަށް ދާނެކަމަށް އދ.ގެ އޮފިޝަލުން ވިދާޅުވެ އެވެ.