ހަބަރު

މޫސަގެ ފަހު ބަސް: ސިޔާސީ ތަޅާފޮޅުންތަކާ ނޫޅެ، ރައްޔިތުންނަށް ހިދުމަތްކޮށްދީ

ސިޔާސީ ފަރާތްތައް ސިޔާސީ ކޯޅުންތަކާ ނޫޅެ، ރައްޔިތުންނަށް ހިދުމަތެއްކޮށްދީ އެ މީހުންޓަކައި ވަކާލާތުކޮށްދެއްވުމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު އެދިވަޑައިގެންފި އެވެ.

މޫސަ މިހެން ވިދާޅުވީ ސަރުކާރު ފަރާތުން ހުށަހަޅާފައިވާ ހިއުމަން ރައިޓްސް ކޮމިޝަން ގާނޫނަށް މަޖިލީހުގެ ތަޅުމުގައި މިއަދު ބަހުސް ކުރައްވަމުންނެވެ. ނަމަވެސް މޫސަގެ މުޅި ވާހަކަ ބިނާ ކުރެއްވީ، މިއަދަކީ މި ހިނގާ 18 ވަނަ ރައްޔިތުން މަޖިލީހުގެ ފަހު ޖަލްސާއަށްވެފައި އޭނާ ވެސް މަޖިލީހުގައި މަސައްކަތް ކުރައްވާ ފަހު ދުވަސްކަމަށްވާތީ އެކަމާ ގުޅުވައިގެނެވެ.

މަޖިލީހުގައި ހިނގާފައިވާ ބޮޑެތި ކަންކަމަށް އަލިއަޅުވާލައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ މި މަޖިލީހުގެ ދެ ނައިބު ރައީސުން ވަކިކޮށްފައިވާއިރު، އުއްތަމަފަނޑިޔާރަކާއި އެހެން ފަނޑިޔާރުންތަކެއް ވެސް މަޖިލީހުން ވަކިކޮށްފައިވާ ކަމަށެވެ. އަދި ދައުލަތުގެ މާލިއްޔަތު ބަލަހައްޓާ އޮޑިޓާ ޖެނަރަލްއަކު ވަކިކޮށްފައިވާ އިރު ޕްރޮސެކިއުޓާ ޖެނަރަލްއަކު ވެސް ވަކިކޮށްފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ރައީސްއެއްގެ އިތުބާރު ނެތް މައްސަލަ ވައްދަން ތިން ފަހަރަށް ހުށަހެޅި އިރު 12 މެންބަރުން އެއްވެސް ހައްގަކާ ނުލާ މަޖިލީހަށް ނުވައްދާ ބައިތިއްބާފައި ހުރި ކަމަށް މޫސަ ވިދާޅުވި އެވެ. އޭގެ އިތުރުން މިދިޔަ ފަސް އަހަރު ދައުލަތަށް ފާސްކޮށްދިން ބަޖެޓުތަކުގެ ތަފްސީލް ވެސް މޫސަ ވަނީ ވިދާޅުވެފަ އެވެ.

"ރައްޔިތަކަށް ދައުލަތުގެ ފަރާތުން މަސައްކަތް ކުރަން ތިބި އެއްވެސް މީހަކު މުސާރަ ނުދީގެން މިތަނަށް އައިސް މަސައްކަތް ކުރި ވާހަކައެއް އަޅުގަނޑެއް އަޑެއް ނާހަން، އެހެންވެ ހިއުމަން ރައިޓްސް ކޮމިޝަން އިން ދިވެހި ދައުލަތް ބަދުނާމް ކުރަން ވާހަކަދެއްކުންތޯ ރަނގަޅީ ނުވަތަ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މައްސަލަތޯ އޮތީ ނުވަތަ ސިޔާސީ މައްސަލަތޯ އަޅުގަނޑު އެންމެ ފަހު ދުވަސްވާތީ ރެކޯޑަށްޓަކައި ވާހަކަދައްކާލަން ޖެހޭ،" މޫސަ ވިދާޅުވި އެވެ.

ސްރީލަންކާ އިން މިސާލު ނަންގަވަމުން މޫސަ ވިދާޅުވީ އެ ގައުމުގައި ގޮއްވާ ފުނޑުފުނޑު ވެގެން ދިޔަ އިރު އެ ގައުމުގެ ސިޔާސީ ވެރިން ތިބީ ސިޔާސީ ތަޅާފޮޅުމުގައި ކަމަށެވެ. އަދި ރާއްޖޭގެ މިއަދުގެ ހާލަތު އޮތީ ވެސް އެއް ބަޔަކު ވަގަށް ގޮވުމާއި އަނެއް ބަޔަކު އެޖެންޑާ 19 ގެނަައުން ކަމަށާއި އެހެންކަމުން ސިޔާސީ ފަރާތްތައް އެ މީހުންގެ ޒިންމާގެ މަތިން ވެސް ހަނދާން ކުރަން ޖެހޭ ކަމަށް މޫސަ ވިދާޅުވި އެވެ. ރައްޔިތުން އެތަށް ހާލުގައި ކުރާ މަސައްކަތަށް އަޅާލާނެ މީހަކު ނުވާ ކަމަށާއި ކުރިޔަށް އޮތް 19 ވަނަ ރައްޔިތުން މަޖިލީހުގައި ވެސް ރަައްޔިތުންގެ ހައްގުގައި ވާހަކަދެއްކެވުމަށް އެދިވަޑައިގަންނަވާ ކަމަށް މޫސަ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތަނުގައި ނުތިބޭނެ. އެކަމަކު ގަބޫލު ކުރައްވާ، ދިވެހި ބިންމީ އަޅުގަނޑު ވެސް އުފަން ބިން، މިތަނަށް އެހެން ނަހައްދަވާ،" ރައްޔިތުންގެ މަޖިލީހުގައި 15 އަހަރު މަސަައްކަތް ކުރެއްވި މޫސަ ވިދާާޅުވި އެވެ.