ރާއްޖެ ކުޅިވަރު

ކުރިއެރޭނީ ވަރުގަދަ ގައުމުތަކާ ކުޅެގެން: ނާހިދު

Jul 14, 2015

ބާސްކެޓް ގައުމީ ޓީމު މިހާރަށްވުރެ ކުރިއަރާނީ ވަރުގަދަ ގައުމުތަކާ ގިނަގިނައިން ކުޅެގެން ކަމަށާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަކީ ވަރަށް މުހިންމު މުބާރާތެއް ކަމަށް ބާސްކެޓް ޓީމުން ބުނެފި އެވެ.

ޓީމުގެ ކޯޗު އިބްރާހީމް ނާހިދު ބުނީ އޭނާގެ އަމާޒަކީ މި ސަރަހައްދުގެ މުބާރާތަކުން މެޑަލް ހޯދުން ކަމަށާއި އެކަމަށް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.

"ކޮންމެ ގޮތެއްވިޔަސް މި މުބާރާތުގައި ކުޅެން މިޖެހެނީ އަހަރުމެންނަށްވުރެ މާވަރުގަދަ ގައުމުތަކާ. އެކަމަކު މިހާރު މިތިބަ ކުޅުންތެރިންނަށް ހިތްވަރުކޮށްގެން ވާންކުރެވިދާނެ. މޮޅުވާން އުނދަގޫވާނެ. އެކަމަކު މިއީ ކުރިއަށް އޮތް ސާފް ގޭމްސް އަށް ރަނގަޅު ތަޖުރިބާއަކަށްވާނެ،" ނާހިދު ބުންޏެވެ.

އޭނާ ބުނީ ޓީމުގައި ވަރަށް ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ހުނަރުވެރި ކުޅުންތެރިން ވެސް އެބަތިބި ކަމަށާއި ޓީމާމެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި މުބާރާތުގެ ކުރިން ތައިލެންޑްގައި ކޭމްޕް ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރިޔޫނިއަންގައި ފަށާނީ އަންނަ މަހުގެ އެކެއްގަ އެވެ. އޮގަސްޓް ހަތަކާ ހަމައަށް ކުރިއަށްދާ މުބާރާތުގަ މަދުވެގެން ނުވަ މެޑަލް ހޯދަން ރާއްޖެ އުއްމީދުކުރެ އެވެ. ގޭމްސްގައި ރާއްޖެއިން 10 ކުޅިވަރެއްގައި ވާދަކުރާނެ އެވެ. ދިވެހި ކޮންޓިންޖެންޓް މުބާރާތަށް ދާނީ މި މަހުގެ 30 ގަ އެވެ.