އަށާރަ ވަނަ ރައްޔިތުން މަޖިލީހުގެ 94 ޕަސެންޓް މަސައްކަތް ނިންމާފައިވާ ކަމަށް މަޖިލިސް ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިއަދު ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާ ބާއްވާފަ އެވެ. މަޖިލިސް ޖަލްސާ ނިންމާލައްވަމުން ގާސިމް ވަނީ މިދައުރުގައި ކުރެވުނު މަސައްކަތްތައް އިއުލާންކޮށްފަ އެވެ.
އެމަނިކުފާނު ވިދާޅުވީ، 28 މެއި 2014 ވަނަ ދުވަހުން ފެށިގެން ޖުމްލަ 174 ބިލާއި ހަތް ގަރާރުގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. އަދި ސަރުކާރުން ހުށަހެޅި 154 މައްސަލައާ ރިޔާސަތުން ހުށަހެޅި 26 މައްސަލައާ މެންބަރުން ހުށަހެޅުއްވި 19 މައްސަލަ ނިންމާފައިވާ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ، ދައުލަތުގެ ފަސް ބަޖެޓާއި އެއް ސަޕްލިމެންޓްރީ ބަޖެޓް ފާސްކޮށްފައިވާ ކަމަށެވެ. އަދި އެކި މައްސަލަތަކާއި ގުޅޭ 151 ރިޕޯޓް ނިންމާފައިވާ ކަމަށާއި އޭގެ އިތުރުން ވަޒީރުންނާއި 60 ސުވާލު ކުރައްވާފައިވާ ކަމަށެވެ.
"ޖުމްލަ އިންސައްތައަށް ބަލާއިރު 18 ވަނަ މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއިން ޖުމްލަ 94 ޕަސެންޓް މަސައްކަތް ވަނީ ނިންމަވާފަ، އެއީ ވަރަށް ބޮޑު އަދަދެއް ޕަސަންޓޭޖްގެ ގޮތުން ބަލާއިރު،" ގާސިމް ވިދާޅުވި އެވެ.
މިއަދު 18 ވަނަ މަޖިލިސްގެ ފަހު ޖަލްސާ ނިމިގެންދާއިރު ސަރުކާރުން ހުށަހަޅުއްވާފައިވާ ވަރަށް މުހިންމު ބިލްތަކެއްގެ އިބްތިދާއީ މަރުހަލާގެ ބަހުސްތައް ނިމިފައިވާ ކަމަށެވެ. ނަމަވެސް މަޖިލިސް ގަވާއިދުގައިވާ ގޮތުގެ މަތީން ޖަލްސާ އިތުރަށް ކުރިއަށް ގެންދަންޖެހޭ ސަބަބެއް ނެތުމުން 18 ވަނަ މަޖިލީހުގެ ފަހު ޖަލްސާ ގާސިމް ވަނީ ނިންމަވާލައްވާފަ އެވެ.
އަށާރަ ވަނަ މަޖިލިސް ދައުރުގެ ފަހު ޖަލްސާ ބާއްވާފައިވާއިރު، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާ ކުރުން އޮންނާނީ އަންނަ މަހުގެ 28 ގައި އެވެ. 19 ވަނަ މަޖިލީހުގައި 87 މެންބަރުން ތިއްބަވާނެ އެވެ. އެމަޖިލީހުގައި ދެ ދާއިރާއެއް މިފަހަރު އިތުރުވާނެ އެވެ. އެއީ މައްޗަންގޮޅި މެދު ދާއިރާ އާއި ހުޅުމާލެ ދާއިރާ އެވެ.
މިފަހަރުގެ މަޖިލިސް އިންތިހާބު އެމްޑީޕީ އިން ވަނީ ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބުކޮށްފަ އެވެ. އެގޮތުން އެމްޑީޕީއިން 65 ގޮނޑި ކާމިޔާބުކޮށްފައިވާއިރު، ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އަށް ލިބިފައިވަނީ ފަސް ގޮނޑި އެވެ.