ހަބަރު

"މަޖިލިސް ރައީސަކަށް ކޮންމެ ބޭފުޅަކު ވަޑައިގަތަސް މަރުހަބާ"

އަންނަ ދައުރުގެ މަޖިލިސް ރައީސް ކަމަށް ކޮންމެ ބޭފުޅަކު ވަޑައިގެންނެވި ނަމަވެސް އެބޭފުޅަކަށް މަރުހަބާ ދަންނަވާނެ ކަމަށް މަޖިލީހުގެ މިހާރުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް ވަނީ 19 ވަނަ ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރުކަމަށް ހަތަރު ވަނަ ދައުރަށް އިންތިހާބުވެފަ އެވެ.

އަށާރަ ވަނަ ރައްޔިތުން މަޖިލީހުގެ ފަހު ޖަލްސާ ނިންމަވާލައްވަމުން ގާސިމް ވިދާޅުވީ، 18 ވަނަ މަޖިލީހުގައި ފުރަތަމަ ރައީސަކު ހޮވަން ބޭއްވި ޖަލްސާގައި ނެގި ސިއްރު ވޯޓުން އޭނާ ނާކާމިޔާބުވެވަޑައިގެންނެވީ ތިން ވޯޓުގެ ތަފާތުން ކަމަށެވެ.

ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެލެއްވުމަށްފަހު މަޖިލީހުގެ ރައީސް ކަމަށް އައުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާ ކަމަށާއި އެކަމަށްޓަކައި ރައީސް ސޯލިހަށާއި އެމްޑީޕީއަށާއި ޖޭޕީ އަދި ޕީޕީއެމުން ވޯޓް ދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވާ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

"19 ވަނަ މަޖިލީހަށް ތައްޔާރުވެވަޑައިގެން، އެބޭފުޅުނަށް ވަދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގައި އަޅުގަނޑަށް ބަރީއަތް ވެވެނީ 28 ވަނަ ދުވަހުގެ ޖަލްސާ ބޭއްވުމާއި ހަމައަށް، އަދި އެދުވަހަށްފަހު މިތަނަށް ވަޑައިގަންނަވާ ރައީސަކީ ކޮން ބޭފުޅެއްކަން އަދި ނޭންގެ، ކޮންމެ ބޭފުޅަކު ވަޑައިގެންނެވި ނަމަވެސް އިހުލާސްތެރިކަމާއެކު މަރުހަބާ ދަންނަވަން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، އަންނަ މަޖިލީހަށް ހޮވިވަޑައިގެންނެވި މެންބަރުންނަކީ ގައުމަށް އިހުލާސްތެރި، ވަކި ފަރާތަކަށްނުޖެހި ގާނޫނު އަސާސީގެ ރޫހާއި ގާނޫނު އަސާސީއަށް ބަލައިގެން މަސައްކަތް ކުރާ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ރައްޔިތުންގެ ލާބާ އާއި މަންފާއަށް މަސައްކަތް ކޮށް، ވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރާ މެންބަރުންނަށް ވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

އަންނަ ދައުރުގައި މަޖިލިސް ރައީސް ކަމުގެ މަގާމަށް މިހާރު ވެސް އެމްޑީޕީގެ ފަސް ބޭފުޅުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި އާއްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި މެދު ހެންވޭރު ދާއިރާގެ މެންބަރުގެ މަގާމަށް އިންތިހާބުވި އަލީ އާޒިމާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމާއި ވިލުފުށީ ދާއިރާގެ މެންބަރު ކަމަށް އިންތިހާބުވި ހަސަން އަފީފް އާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ.

އަންނަ ދައުރުގައި މަޖިލިސް ރައީސްކަމާއި ނައިބް ރައީސްކަން ކުރައްވާނީ އެމްޑީޕީގެ މެންބަރުން ކަމަށް އެޕާޓީން ދަނީ ބުނަމުންނެވެ. 19 ވަނަ ރައްޔިތުން މަޖިލީހުގެ 65 ގޮނޑި އެމްޑީޕީއިން ވަނީ ކާމިޔާބުކޮށްފަ އެވެ.