ދުނިޔެ

ނިއުކްލިއާ މައްސަލައިގައި އީރާނާއި ހުޅަނގުން ތާރީހީ އެއްބަސްވުމަކަށް

Jul 14, 2015

އީރާންގެ ނިއުކްލިއާ ޕްރޮގްރާމްގެ މައްސަލައިގައި އެ ގައުމާއި ދުނިޔޭގެ ބާރުތަކާ ދެމެދު އެންމެ ފަހުން ތާރީހީ އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

އޮސްޓްރިއާގެ ވިއޭނާގައި ކުރިއަަށް ގެންދިޔަ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވި ހުޅަނގުގެ އޮފިޝަލުންނާ ހަވާލާދީ އޭޕީ ނޫސް އެޖެންސީން ބުނި ގޮތުގައި އެ އެއްބަސްވުމުގެ އަސާސަކީ އީރާނުން ހިންގާ ނިއުކްލިއާ މަސައްކަތްތައް ވަކި މިންވަރެއްގައި ބަހަައްޓާ މަތިން ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމެވެ. އެކަން ބެލުމަށް އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ބޭރުގެ އިންސްޕެކްޓަރުންނަށް ޒިޔާރަތްކުރުމުގެ ފުރުސަތު ދޭން އީރާނުން އެއްބަސްވެފައިވެ އެވެ. އަދި އެއްބަސްވުމާ ހިލާފު ވާތާ 65 ދުވަހުގެ ތެރޭގައި ކުރިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އޮޓަމެޓިކުން އާ ވާނެ ކަމަށް ވެސް އެއްބަސްްވުމުގައިވެ އެވެ.

އީރާނާއި އެ ގައުމާ އެކު މަޝްވަރާކުރަމުން އައި އެމެރިކާ، އިނގިރޭސި ވިލާތް، ފްރާންސް، ޗައިނާ އަދި ރަޝިއާ އިން މިދިޔަ އޭޕްރީލް މަހު އެއްބަސްވެފައި އޮތީ ނިއުކްލިއާ މައްސަލަ ހައްލުކުރުމާ ބެހޭ ފަހުގެ އެއްބަސްވުން މިދިޔަ ޖޫން މަހުގެ ނިޔަލަށް އެކުލަވާލައި ނިންމުމަށެވެ.

އެކަމަކު، ވިއޭނާގައި ކުރިއަށް ދިޔަ ވާހަކަތައް ވަކި ހިސާބަކުން މެދުކަނޑާލަން ޖެހުމުން އެ ސުންގަޑި މީގެ ކުރިން ތިން ފަހަރަކު އިތުރުކޮށްފައިވެ އެވެ. އެންމެ ފަހުން، އިއްޔެގެ ނިޔަލަށް ކަނޑައެޅި ސުންގަޑި ހަމަވުމުން ވެސް މަޝްވަރާތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އެއްބަސްވުމަކަށް ނާދެވި ދިގުލައިގެން ދިޔައީ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވި ދެ ފަރާތުގެ އޮފިޝަލުން ވެސް ވިދާޅުވެފައިވާ ގޮތުގައި، އީރާނުން އާ ޑިމާންޑްތަކެއް ކުރަން ފެށުމުންނެވެ. އެއީ އެ ގައުމުން ކުރިއަށް ގެންދާ ބެލިސްޓިކް މިސައިލް ޕްރޮގްރާމާ ދެކޮޅަށް އދ. އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި އީރާނަށް ހަތިޔާރު ވިއްކުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމުގެ ޑިމާންޑެެވެ.

އެކަމަކު، އީރާންގެ މި ޑިމާންޑަށް ހުޅަނގުން އެއްބަސްވެފައެއް ނުވެ އެވެ.

އީރާންގެ ނިއުކްލިއާ ޕްރޮގްރާމްގެ މައްސަލައިގައި އެ ގައުމާ އެކު މަޝްވަރާކުރާ ބާރުތަކުން ބޭނުންވީ ނިއުކްލިއާ މަސައްކަތް ވަރަށް ބޮޑަށް ކުޑަކޮށް، މަދުވެގެން 10 އަހަރުދުވަސް ވަންދެން އީރާނުން އެއްވެސް ނިއުކްލިއާ ދިރާސާއެއް ނުކުރުމަށެވެ. އޭގެ ބަދަލުގައި، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން އެއްބަސް ވިޔަސް، އެކަން ކުރެވޭނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށް ހުޅަނގުން ދިޔައީ ޝަރުތުކުރަމުންނެވެ. އަދި އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ބައިނަލްއަގުވާމީ އިންސްޕެކްޓަރުންނަށް ގޮސް، ސައެންސްވެރިންނާ ސުވާލުކުރުމުގެ ފުރުސަތު ދިނުމަކީ ވެސް ޑިމާންޑެކެވެ.

އިރާނާ ދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަގުތުން އުވައިނުލަނީސް ނިއުކްލިއާ ޕްރޮގްރާމް ހުއްޓައި ނުލާނެ ކަމަށް އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވަނީ ކުރިން ވިދާޅުވެފަ އެވެ. އަދި ހުޅަނގުން އެދެމުން ދިޔައަސް، މަދުވެގެން 10 އަހަރު ދުވަސް ވަންދެން ނިއުކްލިއާ ދިރާސާތައް ހުއްޓައި ވެސް ނުލެވޭނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެެވެ.

މީގެ އިތުރުން، އީރާނުގެ އަސްކަރީ އެއްވެސް ތަނަކަށް ބައިނަލްއަގުވާމީ އިންސްޕެކްޓަރުން ވަނުމުގެ ހުއްދަ ނުދޭނެ ކަމަށާއި އެއްވެސް ސައެންސްވެރިއަކާ ސުވާލު ކުރުމުގެ ފުރުސަތު ވެސް ނުދެވޭނެ ކަމަށް އީރާނުގެ ކަންކަމުގައި ފަހު ބަސް ވިދާޅުވާ ހާމަނާއީ ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ.