ސުދާންގެ މައްސަލައަށް ހައްލެއް ލިބުން ކައިރީގައިވާ ކަމަށް ދުނިޔެއިން އުންމީދު ކުރަމުން ދަނިކޮށް އެ ގައުމުގެ މަސްރަހު އަނެއްކާ ވެސް ގޯސްވެއްޖެ އެވެ.
ސުދާން ގެ މުޒާހަރާތަކުގައި އިސްވެ އޮތް ސޫދާނީޒް ޕްރޮފެޝަނަލްސް އެސޯސިއޭޝަން (އެސްޕީއޭ) އާއި އެ ގައުމުގެ ބާރުތައް މިވަގު ނަގާފައިވާ ޓްރާންސިޝަނަލް މިލިޓަރީ ކައުންސިލް (ޓީއެމްސީ) އެންމެ ފަހުން ބޭއްވި ބައްދަލުވުން މެދު ކަނޑާލާފައިވާކަމަށް ރޮއިޓާޒް އިން ބުނެފައި ވެއެވެ.
ދެ ފަރާތުގެ ހިތްހަމަނުޖެހުން އިތުރުވަމުން ދިޔަ އިރު އެސްޕީއޭ އިން ނެރެފައިވާ ބަޔާނެއްގައި ތުހުމަތު ކުރަނީ ޚަރްތޫމްގައި ކުރިއަށް ގެންދާ މުޒާހަރާތަކަށް މިލިޓަރީ ކައުންސިލްގެ ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މަންޒަރު ދެކުނު މީހަކު ރޮއިޓާޒްއަށް ކިޔައިދިން ގޮތުގައި އާދައިގެ ހެދުން އަޅައިގެން ތިބި ސިފައިންގެ ބަޔަކު މުޒާހަރާ ކުރާމީހުން ޖަހާފައިވާ މަގު ހުރަސްތައް ނަގަން މަސައްކަތް ކުރަނިކޮށް ވަނީ ފަހާލާފަ އެވެ. މިކަމާ ގުޅިގެން މުޒާހަރާގައި އިތުރު އާންމުން ބައިވެރިވުމަށް އެސްޕީއޭ އިން ވަނީ ގޮވާލާފަ އެވެ.
ސުދާނުގެ ކުރީގެ ރައީސް އުމަރު އަލްބަޝީރުގެ ވެރިކަން ވައްޓާލަން ފެށި މުޒާހަރާތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވެފައިވާ އެސްޕީއޭގެ ކޯލިޝަނުން ބާރުގައިތިބި މިލިޓަރީ ކައުންސިލާއެކު މިދިޔަ ހޮނިހިރު ދުުވަހުން ފެށިގެން ތިން ބައްދަލުވުން ބާއްވާފަވާއިރު އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.
މަޝްވަރާތަކުގައި ބައިވެރިވިފަރާތެއް ކިޔާދިން ގޮތުގައި އެންމެ ފަހުން ބޭއްވި މަޝްވަރާތަކުގައި ގުޅިފައިވާ ކައުންސިލް އުފެއްދުމަށް ވުރެ ބޮޑަށް އެ ކައުންސިލަށް ލިބޭނެ ބާރުތަކުގެ ވާހަކަ މިލިޓަރީއިން ތަކުރާރު ކުރުމާގުޅިގެން އެ މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
ގުޅިފައިވާ ކައުންސިލަކީ ރައްޔިތުންގެ ބާރުއޮތް ކައުންސިލަކަށް ހެދުމަށް އެސްޕީއޭ އިން ބާރުއަޅަމުންދާއިރު މިލިޓަރީ ކައުންސިލުން ރައްޔިތުންގެ އަތްމައްޗަށް ބާރު ދޫކުރާނެކަމުގެ އެއްވެސް އިޝާރާތެއް މިހާތަނަށް ކޮށްފައެއް ނުވެއެވެ.
އަލްބަޝީރުގެ ވެރިކަން ވައްޓާލުމަށް ފަހު ކުރިއަށް އޮތް ދެ އަހަރު އެ ކައުންސިލުން ބާރުގައި ތިބޭނެކަމަށް އިއުލާނު ކުރުމާއި ގުޅިގެން އެކަމާ ދެކޮޅުވެރިކަން ފާޅު ކުރަމުން އިދިކޮޅު ޕާޓީތައް ހިމެނޭ ޑެކްލަރޭޝަން އޮފް ފްރީޑަމް އެންޑް ޗޭންޖަޒް ގެ ކޯލިޝަނުން ބުނަނީ މަދަނީ ވެރިކަމެއްގެ ދަށުން ނޫންގޮތަކަށް މިލިޓަރީގެ އެހީ ހޯދަން ބޭނުން ނުވާ ކަމަށެވެ.
މިލިޓަރީ ކައުންސިލްގެ އެ ނިންމުމާއި އިދިކޮޅަށް އެޕްރިލް 6 ވަނަ ދުވަހު ފެށި މުޒާހަރާތަކާއި ހިނގާލުންތައް އަދިވެސް ކުރިއަށް ދާއިރު ޚަރްތޫމްގައި ހުރި ޑިފެންސް މިނިސްޓްރީގެ މައި މަރުކަޒު ވަށާލާ އިށީނދެގެން ތިބި އެތައް ހާސް ބަޔަކުވެސް ދަނީ މުޒާހަރާ ކުރަމުން ނެވެ.
މިދިޔަ ހޯމަ ދުވަހުގެ ބައްދަލުވުން ނިމިފައިވަނީ މުޒާހަރާވެރިން ބަންދު ކޮށްފައިވާ ބުލޫ ނައިލް ބުރިޖު ހުޅުވަން އެއްބަސްވެފައި ކަމަށް މިލިޓަރީ ކައުންސިލުގެ ތަރުޖަމާނު ބުނި ނަމަވެސް އެސްޕީއޭ އިން އެވާހަކަ ވަނީ ދޮގުކޮށްފަ އެވެ.
ކުރިއަށް އޮތް ރޯދަ މަހުގައާއި ޖެހިގެން އަންނަ އީދު ތެރޭގައި ވެސް ސިޔާސީ ހަޅުތާލުތައް ހުއްޓާނުލާނެ ކަމަށާއި މުޒާހަރާތައް ކުރިއަށް ގެންދާނެކަމަށް އެސްޕީއޭ އިން ވަނީ ބުނެފަ އެވެ.
ސުދާންގެ މައްސަލައަށް ހައްލެއް ހޯދުމުގެ ބޭނުމުގައި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭ ދެ ފަރާތުން ވެސް ގުޅިފައިވާ ކައުންސިލް އެކުލަވާލާނެ ގޮތުގެ އޮނިގަނޑު ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ޑެކްލަރޭޝަން އޮފް ފްރީޑަމް އެންޑް ޗޭންޖަޒް އިން ވަނީ ބުނެފަ އެވެ.