ސޫދާންގެ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކް އިސްތިއުފާ ދެއްވައިފި އެވެ.
ހަމްދޫކަށް އިސްތިއުފާ ދެއްވަން ޖެހިވަޑައި ގެންނެވި އެންމެ ބޮޑު ސަބަބަކީ އަސްކަރިއްޔާ އާއި މަދަނީ ޖަމާއަތްތަކުގެ މެދުގައި ހަމަނުޖެހުން އިތުރުވެ މަސްލަހަތަށް ގޮވާލާ އާންމުން މަގުތަކަށް ނުކުމެ ގަނޑުބަޑު ކުރުމެވެ.
ދައުލަތުގެ ޓީވީ މެދުވެރިކޮށް ރައްޔިތުންނަށް އޭނާ ވިދާޅުވީ އަސްކަރިއްޔާ އާއި މަދަނީ ޖަމާއަތްތަކުގެ މެދުގައި މަސްހަލަތު ދެމެހެއްޓޭ ގޮތެއް ނުވި ކަމަށެވެ. އޭނާ އަދި ވިދާޅުވި ގޮތުން މަސްލަހަތު ފުށުއަރާފައި އޮތް ވަގުތެއްގައި ސަރުކާރުގެ ގުނަވަންތައް އެކުގައި ހަރަކާތްތެރި ކުރުވޭނެ ގޮތެއް ވެސް ފެނިވަޑައި ނުގަތީ ކަމަށެވެ.
މިދިޔަ އަހަރު އޮކްޓޯބަރު 25 ގައި އަސްކަރިއްޔާ އިސްވެ ސޫދާނަށް ގެނައި ބަޣާވާތުގައި ބޮޑުވަޒީރު ހަމްދޫކް ހައްޔަރުކޮށް ކުރިން އެކުލަވާލާފައި އޮތް ވަގުތީ ސަރުކާރު އުވާލި އެވެ. އަދި އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް އަބްދުލް ފައްޔާހް އަލްބުރުހާން ގައުމާ ހަވާލުވެ ވަޑައިގެންނެވި އެވެ.
އެހެންނަމަވެސް ބައިނަލްއަގްވާމީ ޖަމާއަތްތަކުން ސޫދާނަށް ބާރުބޮޑުކުރަން ފެށުމުން ނޮވެމްބަރު 21 ގައި އަސްކަރިއްޔާ އާއި ހަމްދޫކްއާ ޑީލް ހައްދަވަައި، ހަމްދޫކް ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އެވެ.
ހަމްދޫކް އިސްތިއުފާ ދެއްވަމުން ވިދާޅުވި ގޮތުގައި އަސްކަރިއްޔާގެ ވެރިން ގެންގުޅޭ އެޖެންޑާއަށް ވުރެ ގައުމު މުހިންމު ކަމަށް އާންމުންނަށް ދެންނެވި އެވެ. އަދި އަސްކަރިއްޔާ އާއި ފުލުހުންނަށް ވެސް އެގޮތަށް ދަންނަވާފައި ވާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުން ވެރިކަމުން ދުރުވެ ވަޑައިގަންނަވަނީ މަޖުބޫރީ ހާލަތެއްގަ އެވެ. އެއީ ގައުމު ހިންގޭނެ އެއްވެސް ގޮތެއް ފެނިވަޑައި ނުގެންނެވުން ކަމަށް ވިދާޅުވި އެވެ.
ބޮޑުވަޒީރު ކަމުން ދުރުވެ ވަޑައިގަތުމުން އެފުރުސަތު ކޮންމެވެސް އެހެން ބޭފުޅަކަށް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ހަމްދޫކް ވިދާޅުވި އެވެ. އަދި އޭނާގެ ޒައާމަތުން ގައުމު ހިންގަން ރޭވި ގޮތަށް ވުރެ ރަނގަޅަށް ހިންގާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.