ހަބަރު

ވަޒީފާއަށް މީހުން ނެރެން އެންމެ މުހިންމީ މިނިމަމްވޭޖް ކަނޑައެޅުން: ރައީސް

ވަޒީފާގެ ބާޒާރަށް ވީހާ ގިނަ ދިވެހީން ނެރެން، މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް ކަމަކީ، ވަޒީފާ އަދާކުރާ މީހުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ބައިނަލް އަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ފޮނުއްވި ހިތާބުގައި ވިދާޅުވެފައި ވަނީ އެންމެ ކުޑަމިނުން ދެވޭ އުޖޫރަ، ގާނޫނީ އޮނގަނޑުގެ ތެރެއިން ކަނޑައެޅުމަށްޓަކައި، ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފަށައިގަތުމުން، އެ މަސައްކަތް ހަލުވިމިނުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މަސައްކަތްތެރީންނަށް ތަހުނިޔާ ވިދާޅުވެފައިވާ ހިތާބުގައި ރައީސް ވިދާޅުވެފައިވަނީ ބައިނަލްއަގުވާމީ ފެންވަރުގައި އެފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ، މަސައްކަތްތެރީންގެ މަސައްކަތުގެ އަގު ވަޒަންކުރުމާއި، އެމީހުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ހޯދައިދިނުމާއި، އެ ހައްގުތަކާއި މިނިވަންކަމުގެ ދިފާއުގައި ތެދުވުމުގެ ހިތްވަރު އާ ކޮށްދިނުން ކަމަށެވެ.

ރާއްޖޭގައި މަސައްކަތްތެރީންނަކީ ގައުމުގެ ކުރިއެރުމާއި ތަރައްގީގެ ސަރަކަ ކަމަށާއި، ގައުމީ އާމްދަނީ އުފަންވެގެން އަންނަނީ، މަސައްކަތްތެރީން ކުރާ ބުރަ މަސައްކަތުގެ ތެރެއިން ކަމަށް ކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ގައުމުގެ އިގްތިސޯދު ދިރިގެން އަންނަނީ، މަސައްކަތްތެރީން އޮހޮރާ ދަލުގެ ހަކަތައިން ކަމަށާއި، އެއީ ގައުމަށްޓަކައި އެމީހުން ކޮށްދޭ މަތިވެރި ހިދުމަތް ކަމަށެވެ. އޭގެ އަގު ވަޒަންކޮށް، އެމީހުންނަށް އައްސަރިބަހާއި ސާބަސް ދޭނެ ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، މަސައްކަތްތެރިންގެ ދުވަހެއް ފާހަގަ ކުރާއިރު، މަސައްކަތްތެރީންގެ އެތައް ހައްގުތަކެއް ނިގުޅައިގަނެވިފައިވާކަން ގަބޫލުކުރަންޖެހޭ ކަމަަށާއި، ގާނޫނުއަސާސީ އާއި ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް މުވައްޒަފުންގެ މެދުގައި ތަފާތުކުރުމާއި، މުވައްޒަފުންނަށް އިންޒާރު ދިނުމާއި، ވަޒީފާއިން ވަކިކުރުމަކީ، ސަރުކާރުގެ ތެރޭގައި ނޫނަސް، މިހާރުވެސް ހިނގަމުންދާ ކަންކަންކަމަށެވެ.

ވަކީން ހާއްސަކޮށް، އިންސާނުން ދިރިއުޅެން އެކަށީގެންނުވާ ދަށު ދަރަޖައިގެ ތަންތަނުގައި ބިދޭސީ މަސައްކަތްތެރީން ނިންދެވުމާއި، މަސައްކަތް ކުރުވުމަށްފަހު މުސާރަ ނުދިނުމަކީ، ހައްލުކުރަންޖެހިފައިވާ ބޮޑު މައްސަލައެއް ކަމަށާއި، އަރާމުކުރުމަށް އެކަށީގެންވާ ވަގުތު ނުދީ މަސައްކަތް ކުރުވުމާއި، މަކަރާއި ހީލަތުން އޮޅުވާލައިގެން އެމީހުން ލައްވައި މަސައްކަތް ކުރުވުމަކީވެސް، މިހާރުން މިހާރަށް ހުއްޓުވަން ޖެހިފައިވާ ކަންކަމަށް ރައީސްގެ ހިތާބުގައި ވަނީ ވިދާޅުވެފަ އެވެ.

ނާޖާއިޒު ގޮތުގައި ސިޔާސީ ބާރާއި ނުފޫޒު ބޭނުންކޮށް، މީހުން ވަޒީފާއިން ވަކިކުރުމާއި، ވަޒީފާ އަދާކުރާ ތަން ބަދަލުކުރުމަކީ، މިދިޔަ އަހަރުތަކުގައި މަސައްކަތްތެރީން ކުރި އެންމެ ހިތްދަތި ތަޖުރިބާ ކަމަށާއި، އެފަދަ މީހުންގެ ވަޒީފާ އަލުން އިއާދަކޮށްދިނުމުގެ މަސައްކަތް، ކުރަމުން އަންނަ ކަމަށާއި، ނުޙައްގުން ވަޒީފާއިން ވަކިކުރުމުގެ، 300 އަށްވުރެ ގިނަ މައްސަލަ، މިދިޔަ އަހަރުގެ ތެރޭގައި، ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 90 އިންސައްތައަށްވުރެ ގިނަ މައްސަލަ ނިންމާފައިވަނީ، އެމީހުންނަށް އަލުން އަނބުރާ ވަޒީފާ ދިނުމަށް ކަމަށް ރައީސްގެ ހިތާބުގައި ވަނީ ފާހަގަކޮށްފަ އެވެ.

ރައީސްގެ ހިތާބުގައި އިތުރަށް ބުނެފައިވަނީ، ދިރިއުޅުމަށްޓަކައި މަސައްކަތް ކުރުމަކީ، އިންސާނަކަށްވީތީ ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ފަރުދީ އަދި އިޖްތިމާއީ ވާޖިބެއް ކަމަށާއި، ހަލާލު ގޮތުގައި ކުރެވޭ އެއްވެސް މަސައްކަތަކީ، އޭގެ ޒާތުގައި ހުތުރު ނުވަތަ ދަށު ދަރަޖައިގެ މަސައްކަތެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ވަކި ކަހަލަ ވަޒީފާއެއް ނުލިބޭތީ، މަސައްކަތެއް ނުކޮށް، ދެއަތް އުރާލައިގެން ތިބި އެތައް ޒުވާނުންނެއް، މިހާރުވެސް ރާއްޖޭގައި އެބަތިބި ކަމަށާއި، އެކަން އެހެން އޮތްއިރު، ތަފާތު މަސައްކަތްތައް ކުރުވުމަށް، ކޮންމެ އަހަރަކު އެތައް ހާސް ބިދޭސީންނެއް ރާއްޖެއަށް އެބަ ގެންނަަކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ދިރިއުޅުމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަމިއްލައަށް އުފުލުމުގެ މުހިންމުކަން، ޒުވާނުން ގަބޫލުކޮށް، ކޮންމެވެސް މަސައްކަތަކުން އާމްދަނީ ހޯދަން ތެދުވުމަކީ، މިފަދަ ދުވަހެއް ފާހަގަކުރާއިރު، ޢަޒުމް ކަނޑައަޅަންވީ އެއް ކަންތައް ކަމަށާއި، ރާއްޖޭގައި ބިދޭސީން ކުރަމުންދާ މަސައްކަތްތަކާ ދިވެހީން ހަވާލުވުމަކީ، ގައުމުގެ އިގްތިސާދަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.