ކޮމަންޑޫ ދާއިރާގެ ރައްޔިތުން މިފަހަރު ވޯޓްދޭންވީ ބަގާވާތާއި ދައުލަތުގެ ފައިސާ އިން މަނީ ލޯންޑާކުރުމާ ދެކޮޅަށް ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަތަކާއި ގުޅިގެން އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ހޫނު ސުވާލެއް ކުރިމަތި ކުރައްވައިފި އެވެ.
ބްރުއަރީ ފަސްވަނަ ދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓްގެ ކެންޕެއިން ފެށުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވަނީ އެ ޕާޓީގެ ކެންޑިޑޭޓާ ވާދަކުރާ އެމްއެންޕީ އާއި ޕީޕީއެމްގެ ކެންޑިޑޭޓަށް ފާޑުވިދާޅުވުމުގެ ގޮތުން އެ ދެ ޕާޓީގެ އިސްވެރިންނަށް އަމާޒުކުރައްވާ ނުސީދާކޮށް ބަހުގެ ހަމަލާ ދެއްވާފައެވެ.
ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ރައްޔިތުން މިފަހަރު ވޯޓްދޭއިރު ބަގާވާތާއި ދައުލަތުގެ ފައިސާ އިން މަނީ ލޯންޑާކުރުމާ ދެކޮޅަށް ކަމަށް ވޯޓް ދޭން ޖެހޭ ކަމަށެވެ.
ބަޢާވާތުގެ ބައިވެރިންނާއި ދެކޮޅަށް ވޯޓް ދޭން ޖެހޭ ކަމަށް އިޝާރާތް ކުރައްވާ ރައީސް ނުސީދާކޮށް ފާޑުވިދާޅުވީ އެމްއެންޕީ އާއި އެ ޕާޓީގެ ރައީސް ކާނަލް މުހައްމަދު ނާޒިމަށެވެ. ނާޒިމް އާއި ރިޔާޒުއަކީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުކޮށްލުމުގެ އަޑީގައި ތިއްބެވި ބޭފުޅުން ކަމަށް އެމްޑީޕީން އަބަދުވެސް ތުހުމަތު ކުރެއެވެ. ނަމަވެސް ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް އެކުގައި މަސައްކަތް ކުރަން ޖެހޭ ކޮންމެ ފަހަރަކު އެ ވާހަކަތައް ދެއްކުން އެ ބޭފުޅުން ހުއްޓަވާލައްވައެވެ. ވާދަވެރިކަން އުފެދުމާއެކު އެންމެ ހަރުއަޑުން ދައްކަވާ ވާހަކައަކަށް ބަޢާވާތުގެ ވާހަކަ ދައްކަވައެވެ.
އެމްއެންޕީގެ ނާއިބު ރައީސެއްގެ ގޮތުގައި ހުންނެވި ޝިދާތާ ޝަރީފް ވަނީ ރައީސް ސޯލިހް ދައްކަވަނީ ކޮން ބަޢާވާތެއްގެ ވާހަކަތޯ ސުވާލު ކުރައްވާފައެވެ. އަދި ރައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް 2025 ވަނަ އަހަރުގެ މޭޑޭގައި ރައީސް ސޯލިހް އޭރުގެ އިދިކޮޅު ޕާޓީތަކާއެކު ނިކުންނެވީ ދަމު ނަމާދު ކުރައްވަންތޯ ސުވާލު ކުރެއްވިއެވެ.
ރަައީސް އިބްރާހިމް މުހައްމަދު ސޯލިހް މި ދައްކަވަނީ ކޮން ބަޢާވާތެއްގެ ވާހަކަ ބާ، 2015 ގެ މޭޑޭގައި އެމަނިކުފާނު އަޅުގަނޑުމެންނާއެކު ނިކުންނެވީ ދަމުނަމާދު ކުރައްވަންތޯޝިދާތާ ޝަރީފް | އެމްއެންޕީގެ ނާއިބު ރައީސް
އެންމެ ބޮޑަށް ރާވައިގެން ޣައިރު ގާނޫނީކޮށް ރާއްޖޭގެ ސަރުކާރެއް ވައްޓާލުމަށްޓަކައި ދިވެހި ތާރީހުގައި ހިންގަން އުޅުނު އެންމެ ބޮޑު ބަޣާވާތަކީ 2015 ގެ މޭޑޭގެ ހަރަކާތް ކަމަށް އޭރުގެ ސަރުކާރުން ސިފަ ކުރިއެވެ.
އެ ތުހުމަތުތަކަށް އެންމެ ބޮޑަށް ބާރު ލިބެނީ އެ ހަރަކާތުގެ ތެރެއިން ހިނގާދިޔަ ކަންކަމާއި އެ ހަރަކާތް ލީޑް ކުރެއްވި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަތަކެވެ.
އިމްރާން ސްޕީޗްގެ ޖާނަލް އެކްޕްލޮރޭޝަން
ދެހާސް ފަނަރަ ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު އޭރުގެ އިދިކޮޅު ސިޔާސީ ޕާޓީތަކުން ބޭއްވި އެއްވުމަކީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ބޭއްވުނު މަގުމަތީގެ އެންމެ ބޮޑު ސިޔާސީ އެއްވުމެވެ. މޭޑޭގެ އެ އެއްވުމަކީ އޭރުގެ އިދިކޮޅު ދެ ޕާޓީ ކަމަށްވާ އެމްޑީޕީ އާއި އަދާލަތު ޕާޓީން އިސް ނަގައިގެން ޖުމްހޫރީ ޕާޓީގެ ވެސް އެހީތެރިކަމުގައި ބޭއްވި ސިޔާސީ ހަރަކާތެކެވެ. އެތައް ހާސް ރައްޔިތުން މާލޭ މަގުމައްޗަށް ނުކުމެ އެ ހަރަކާތުގައި ބަައިވެރި ވިއެވެ. އެއީ ރައީސް އަބްދުﷲ ޔާމީންގެ ބާރުވެރި ވަރުގަދަ ވެރިކަމަކީ އަނިޔާވެރި ވެރިކަމެއް ކަމަށް ބުނެ އެ ވެރިކަން ނިންމަން ބޭއްވި އެފަދަ ފުރަތަމަ އެއްވުމެވެ.
މާޒީގެ ރޮނގުމަތީން މޭޑޭގެ މުޒާހަރާގެ ހައިލައިޓްސް ބަލައިލާއިރު އެތައް އެތައް ކަމެއް އެ ދުވަހާއި އެރޭ ހިނގައި ދިޔަ ނަމަވެސް އެންމެ ފާހަގަކޮށްލެވޭ ކަންކަމެއް ގޮތުގައި މިއަދާ ހަމައަށް ވެސް މަންޒަރުން ނުގެއްލި، އަޑު ކަނޑައިގެން ނުގޮސް މި އޮންނަނީ އޭރުގެ އިދިކޮޅު އެއް ލީޑަރު އަދި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެ ދުވަހު ދެއްވި ވަރުގަދަ ތަގުރީރުގެ ތަންތަންކޮޅެވެ.
އެއްވެފައިވާ އެތައް ހާސް ރައްޔިތުންނާއި މުހާތަބުކޮށް އޭނާ ވަނީ 12 މިނެޓާއި ތިން ސިކުންތުގެ ޖޯޝުހުރި ވަރުގަދަ ތަގުރީރެއް ދެއްވާފަ އެވެ. އެ ތަގުރީރުގައި އިދިކޮޅުން މަގުމައްޗަށް ނުކުންނަން ޖެހުނު ސަބަބުތައް ވިދާޅުވެ ދެއްވި އެވެ. ރައީސް ޔާމީނަށް ދެން ވެރިކަމުގައި ހުންނެވޭނީ އިދިކޮޅުން ކުރާ ޝަރުތުތަކަށް ރުހި ވަޑައިގެން ކަމަށްވެސް ވިދާޅުވެ އެވެ. އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް ވެސް ކުރެއްވި އެވެ.
ތަގުރީރު ދެއްވަމުން "އެހެން ގޮތަކަށް ތެދުވުމުގެ" ކުރިން ކެތްތެރިވުމުގެ އިލްތިމާސެއް ކުރެއްވި އެވެ. ވިދާޅުވަނީ މިހެނެވެ: "އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުން. ކެތްތެރިވެވަޑައިގަންނަވާ. ކެތްތެރިވެވަޑައިގަންނަވާ! އަޅުގަނޑުމެން އިރޮއޮއްސޭ ގަޑީގައި ދުއާ ކުރާނަން. ދުއާ ކުރުމަށް ފަހުގައި ދެން ތި ބޭފުޅުން 'އެހެން ގޮތަކަށް ތެދުވެވަޑައިގަންނަވާ'. އިހަށް ކެތްތެރިވެވަޑައިގަންނަވާ، ކެތްތެރިވެވަޑައިގަންނަވާ!" އެ ވިދާޅުވި އެހެން ގޮތާއި މަރުޣުރިބު ނަމާދުގެ ގަޑިއާ ދިމާ ކުރުމަށް ރޭވި ޓެކްޓިސްއާ ގުޅުވާލުމުން ކޮންމެވެސް ވަރެއްގެ މަގެއް އަލިވެދާނެ އެވެ.
އެ ދުވަހުގެ އެ ތަގުރީރަށް ފަހު އެކަހަލަ ތަގުރީރެއް ދެއްވާނެ ފުރުސަތެއް އަދި އިމްރާނަކަށް ލިބި ވަޑައެއް ނުގަންނަވަ އެވެ. އެހެނެވީމާ މުޅި ތަގުރީރަށް ބަލާއިރު ނިންމާން ވަޑައިގެންނެވި އިރު ރައީސް ޔާމީނަށް ދެން ވެރިކަމުގައި ހުންނެވޭނީ އިދިކޮޅު ހަތަރު ލީޑަރުންނާއެކު އެއް މޭޒަކަށް ވަޑައިގެން ސުލްހައިގެ އެއްބަސްވުމެއް ހަދައިގެން ކަމަށް ވިދާޅުވެ އެވެ. އެ ނޫން ގޮތަކަށް ދެން ވެރިކަމުގައި ހުންނެވުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
"ރައީސް ޔާމީނަށް ދެން ވެރިކަމުގައި ހުރެވޭނީ އަޅުގަނޑުމެން ހަތަރު ޕާޓީގެ ލީޑަރުންނާއެކު އިށީންދެ ސުލްހައިގެ އެއްބަސްވުމެއްގައި ސޮއި ކުރުމަށްފަހުގައި. ދެން ހުރެވޭނީ އަޅުގަނޑުމެންނާއެކު މޭޒު ދޮށަށް ވަޑައިގަތުމަށްފަހުގައި. މިހާރު އިންނަވާނެ އާ ރަށުގައި ބައްލަވަން! މި ދަންނަވަނީ ތި ބޭފުޅުންގެ ހިތްވަރު ބަހައްޓަވާ،" އިމްރާން ވިދާޅުވި އެވެ.
އެ ތަގުރީރުގައި މުޒާހަރާގެ ބައިވެރިން ފަަހަތަށް ނުޖެހުމަށް ތަކުރާރުކޮށް އިމްރާން އިލްތިމާސް ކުރައްވަ އެވެ. މޭޑޭ ގެންނަން ޖެހުނީ އަނިޔާވެރި ވެރިކަމުން ސަލާމަތްވާނެ އެއްވެސް ގޮތެއް ނެތުމުން ކަމަށްވެސް ވިދާޅުވެ އެވެ.
"އެއްވެސް ބޭފުޅަކު ފަހަތަށް ޖެހިވަޑައިނުގަންނަވާތި! އެއްވެސް ބޭފުޅަކު ފަހަތަށް ޖެހިވަޑައިނުގަންނަވާތި! ހިތްވަރާ އެއްކޮށް ކުރިއަށް ވަޑައިގަންނަވާތި!"
އޭރުގެ ކޮމިޝަަނަރު ހުސައިން ވަހީދާއި އޭރުގެ ބާރުގަދަ ޓޫރިޒަމް މިނިސްޓަރު އަދީބަކީ ބޮޑު ދެ އަނިޔާވެރިން ސިފަ ކުރެއްވި އެވެ. އެ ދެ މީހުންގެ ކަންކަން އެ ދުވަހު ނިންމަން ޖެހޭނެއޭ ވިދާޅުވި އެވެ.
"އާދެ މިއަދު ތި ބޭފުޅުން މި ދެ މީހުން [ހުސައިން ވަހީދު އާއި އަދީބު] ކަންކަން ނިންމަންވާނެ އިނގޭތޯ؟!"