ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ކެމްޕޭންގެ ފުރަތަމަ ރަށަކަށް ކޮމަންޑޫއަށް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ފެއްޓެވި ރިޔާސީ ކެމްޕޭން ދަތުރުފުޅުގައި ފުރަތަމަ ރަށަކަަށް ށ. ކޮމަންޑޫއަށް ވަޑައިގެންފި އެވެ.

ރައީސް ސޯލިހު ކޮމަންޑޫއަށް ވަޑައިގަތީ މިއަދު ހެނދުނު 10:15 ހާއިރު އެވެ.

ކެމްޕޭނަށް ރައީސް ސޯލިހު ކޮމަންޑޫއަށް ވަޑައިގަތުމުން އެ ރަށުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.

ރައީސް ސޯލިހު މިއަދު ފެއްޓެވި ކެމްޕޭން ދަތުރުފުޅުގައި ށ. ކޮމަންޑޫގެ އިތުރުން މަރޮށި، ނޫމަރާ އަދި ފޯކައިދޫއަށް ވަޑައިގަންނަވާނެ އެވެ.

މި ދަތުރުފުޅުގައި ރައީސް ސޯލިހުގެ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހުމަދު ސިޔާމު މުހައްމަދު ބައިވެރިވެވަޑައިގަންނަވަ އެވެ.

މީގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭންގެ ސްލޯގަން އަކީ "އުފާވެރި އަމާންރާއްޖެ" އެވެ.

ރައީސް ސޯލިހް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވީ މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދު ބޮޑު ބައްޔަކުން ބަލިކުރުމަށްފަހު އެވެ.