މަސައްކަތްތެރިންގެ ހައްގުގައި ކުރަންހުރި ކަންކަން ކުރުމުގައި ސަރުކާރު ދެމި އޮންނާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދެއްވައިފި އެވެ.
ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް ސޯލިހް ވަނީ މަސައްކަތްތެރިންގެ ހައްގުގައި ކުރަންޖެހޭ ކިތަންމެ ކަމެއް އަދިވެސް ހުރިކަން ފާހަގަކުރައްވާ އެކަންކަން ކުރުމުގައި ސަރުކާރު ދެމި އޮންނާނެ ކަމަށް ވިދާޅުވެފަ އެވެ.
މަސައްކަތްތެރިންގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމަށާއި، އެމީހުންގެ އިންސާނީ ހައްގުތަކަށް ފުރިހަމައަށް ލިބިދިނުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް ސޯލިހްގެ ހިތާބުގައި ވަނީ ގޮވާލައްވާފަ އެވެ.
އެމަނިކުފާނުގެ ހިތާބުގައި މިދިޔަ ހަތަރު އަހަރެއްހާ ދުވަހު މަސައްކަތްތެރިންގެ ހައްގުގައި ދިވެހި ސަރުކާރުގެ ފަރާތުން އަޅާފައިވާ މުހިންމު ފިޔަވަޅުތަކަށް އަލިއަޅުއްވާލެއްވި އެވެ.
އެގޮތުން ވިހެއުމާ ގުޅިގެން ކޮންމެ މަންމައަކަށް ހަ މަސްދުވަހުގެ މެޓާނިޓީ ލީވް އަދި ބައްޕައަށް އެއް މަސް ދުވަހުގެ ޕެޓާނިޓީ ލީވް ސަރުކާރުން ހަމަޖެއްސެވިކަން ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން މިނިމަމް ވޭޖު ކަނޑައެޅުމާއި ސާވިސް ޗާޖްގެ ފައިދާ ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ހަމަހަމައަށް ލިބިދެވޭނެ ގޮތަށް ގާނޫނަށް ގެންނެވި ބަދަލު ގެނެސްދެއްވި ކަމަށް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވިދާޅުވި ގޮތުގައި ދައުލަތުގެ ތަފާތު ދާއިރާތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މުސާރައަށް އެކަށީގެންވާ ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަކީ މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށާއި މުވައްޒަފުންގެ މެދުގައި ހުރި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ކުރަމުން އަންނަ މުހިންމު މަސައްކަތެކެވެ.
ރައީސް ސޯލިހްގެ ހިތާބުގައި ވަނީ ޕްރައިވެޓް ސެކްޓާގެ ތަފާތު ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ އިންސާނީ ކަރާމާތާއި އެމީހުންނަށް ޤާނޫނީ ގޮތުން ލިބެންޖެހޭ ހައްގުތަކަށް ފުރިހަމައަށް ލިބިދިނުމަށް އިލްތިމާސްކުރައްވާފަ އެވެ.