ގައުމެއްގެ ތަރައްގީއަށް އެންމެ ބޮޑު ދިރުމެއް އަންނާނީ އެ ގައުމެއްގެ އަމިއްލަ ދަރިން ގައުމު ބިނާކޮށް އާރާސްތުކުރުމުގެ މަސައްކަތާ ހަވާލުވެގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ގޮތުން މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ބިދޭސީން ފުރަމުން އަންނަ ޖާގަތަކަށް ދިވެހި ޒުވާނުން ނުކުމެ ދިވެހިންގެ އުފެއްދުންތެރި ވިސްނުމާއެކު ގައުމު ތަރައްގީކުރަން ފަށައިފި ނަމަ މިހާރަށްވުރެ މާ ފުރިހަމަ ތަރައްގީ އެއް ހޯދޭނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވަރަށް ގިނަ އަދަދެއްގެ މަސައްކަތްތެރިންނަށް ވަރަށް ނިކަމެތި ގޮތްތައް މެދުވެރިވެގެން ދިޔަ ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުން އެފަދަ މީހުންގެ ހައްތައް ހިމާޔަތް ކޮށްދިނުމުގެ ގޮތުން 16000 އަށް ވުރެ ގިނަ ބިދޭސީ މަސައްކަތްތެރިން މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، އެ މީހުންގެ ގައުމަށް އަނބުރާ ފޮނުވައިދީ ފައިވާނެކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަސައްކަތްތެރިންނާ ގުޅިފައިވާ އެކި މައްސަލަތައް ހައްލުކޮށް އެމީހުންގެ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށް ވަރަށް ހާއްސަ އިސްކަމެއް ދީގެން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުުން މަސައްކަތްތެރިންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ކަނޑައެޅުން ފަދަ ގާނޫނަށް ގެންނެވި މުހިންމު ބަދަލުތައް ރައީސް ފާހަގަ ކުރެއްވިއެވެ.
ކޮންމެ މީހަކުވެސް ބުރަ މަސައްކަތްކޮށް ގައިން ދައު އޮހޮރުވަނީ ވަރަށް މަތިވެރި އަޒުމެއްގައެވެ. ވަރަށް ފޮނި އުންމީދެއްގައެވެ. އެއީ އުފާވެރި ތަނަވަސް ދިރިއުޅުމެއް ހޯދުމެވެ. މިއަދަކީ އެ ވަރުގަދަ އަޒުމްގައި މަސައްކަތްކުރާ މީހުންގެ އީދު ދުވަހެވެ. ދިވެހިރާއްޖޭގައި މަސައްކަތްކުރާ އެންމެހައި މަސައްކަތްތެރިންނަށާއި ވަޒީފާ އަދާކުރާ އެންމެންނަށް ވަރަށް އުފާވެރި ބާއްޖަވެރި ތަނަވަސް މުސްތަގުބަލަކަށް އެދެމެވެ.ރައީސުލްޖުމްހޫރިއްުޔާ އިބްރާހިމް މުހައްމަދު ސޯލިހް | މަސްވެރިންގެ ދުވަހުގެ ހިތާބު 2021
މިއަދުގެ ހިތާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގައުމުގެ ތަރައްގީއަށް މަސައްކަތްތެރިން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.
އެމަނިކުފާު ވިދާޅުވީ ކޮންމެ ގައުމެއްގައިވެސް މަސައްކަތްތެރިންނަކީ އެ ގައުމެއްގެ ތަރައްގީގެ ތަސައްވުރުތައް ހަގީގަތަކަށް ހަދައިދޭ މީހުން ކަމަށެވެ. އަދި ތަމައްދުންގެ ރީތި ކުލަތަކުން މުޖްތަމައު ޒީނަތްތެރިވެ ނަމޫނާ ހަލޯރަތެއް ބިނާވެގެން ދަނީ އެ މުޖްތަމައެއްގެ މަސައްކަތްތެރިން ކުރާ ބުރަ މަސައްކަތުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.