ދުނިޔެއަށް ދިމާވެފައިވާ ޕެންޑަމިކްއާ ހެދި ގައުމުތަކުގެ އިގްތިސާދަށް ލޮޅުން އަރާފައިވީ ނަމަވެސް ރާއްޖޭގެ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރި ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ އިގްތިސޯދަށް ލޮޅުންތަކެއް އަރައި މަސައްކަތްތެރިންނަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
އެހެން ނަމަވެސް އެމަނިކުފާނު ހުންނެވީ ސާބިތުކަމާއެކު ހުރިހާ މުއައްޒަފުންނާއެކުގައި ކަމަށާއި މި ޕެންޑަމިކާ ހަނގުރާމަ ކުރައްވާނީ މަަސައްކަތްތެރިންގެ ހައްގުތައް ވެސް ރައްކާތެރި ކުރަމުން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވި އިރު ކޮވިޑް-19 ވައިރަސްއާ ގުޅިގެން ބައެއް ވިޔަފާރި ކުރާ ތަންތަން ބަންދު ކުރަން ޖެހުމާއި އެތަންތަނަށް ދިމާވި ދަތިތަކާ ގުޅިގެން ގިނަ މުއައްޒަފުން ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ. އަދި އަނެއްބައި މުއައްޒަފުން އެއްވެސް މުސާރައެއް ނުދޭ ގޮތައް ގެއަށް ފޮނުވާލާފައިވާއިރު މުސާރައިގެ ބޮޑު ބައެއް އުނިކުރާ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ.
ސަރުކާރުން ވަނީ އެފަދަ މައްސަލަތައް ހުށަހަޅަން ހާއްސަ ޕޯޓަލްއެއް ގާއިމްކޮށްފަ އެވެ. އަދި އެ މައްސަލަތައް ބެލުމަށް ފަހު ޝަރުތު ހަމަވާ ފަރާތްތަކަށް 5000 ރުފިޔާގެ އެލަވަންސްއެއް ދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
އޭގެ އިތުރުން ވިޔަފާރިތަކަށް އެހީވުމުގެ ޕެކޭޖްތަކެއް ވެސް ސަރުކާރުން ވަނީ ތައާރަފްކޮށް، ބައެއް ވިޔަފާރިތަކަށް ލޯނު ދޫކުރަން ފަށައިފަ އެވެ.