ރާއްޖޭގައި ކޮވިޑް-19 ޖެހުނު އަންހެނުންގެ އަދަދު މަދުކަމުގައިވިޔަސް، ފުރަބަންދުގެ ސަބަބުން ދިމާވި އަދި ދިމާވަމުންދާ ގޮންޖެހުންތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ބަޔަކީ އަންހެނުންނާއި އަންހެން ކުދީންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ފޮނުއްވި ހިތާބުގައި ވިދާޅުވީ މި ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ކޮންމެ ގައުމެއްގެވެސް އާބާދީއާ ގުޅިފައިވާ މައްސަލަތަކާމެދު އެ ގައުމެއްގެ ރައްޔިތުން ހޭލުންތެރި ކުރުން ކަމަށެވެ.
މި އަހަރުގެ އާބާދީ ދުވަހަށް އދގެ އާބާދީއާ ބެހޭ އިދާރާއިން ކަނޑައަޅާފައިވާ، "ކޮވިޑް-19 ހުއްޓުމަށް، އަންހެނުންނާއި އަންހެން ކުދިންގެ ސިއްހަތު ރައްކާތެރި ކުރާނީ ކިހިނެއް؟" އެ ޝިއާރަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވީ މިބަލީގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ އެއް ބަޔަކީ އަންހެނުން ކަމަށެވެ.
"ރާއްޖޭގައި ކޮވިޑް-19 ޖެހުނު އަންހެނުންގެ އަދަދު މަދުކަމުގައިވިޔަސް ފުރަބަންދުގެ ސަބަބުން ދިމާވި އަދި ދިމާވަމުންދާ ގޮންޖެހުންތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ބަޔަކީ އަންހެނުންނާއި އަންހެން ކުދީން،" އަންހެނުންނަށް ގެވެހި ޒިންމާތައް އުފުލަންޖެހޭ މިންވަރު އެތައް ގުނައެއް އިތުރުވެފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ.
އަދި މި ބައްޔާ ދެކޮޅަށް އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ،ސިއްހީ ހިދުމަތްތެރިންގެ ތެރޭގައި ގިނައީ އަންހެނުން ކަމަށްވާތީ ބަލީގެ ނުރައްކަލަށް އަންހެނުން ބޮޑަށް ހުށަހެޅިފައިވާ ކަން އެމަނިކުފާނު ފާހަކުރެއްވި އެވެ.
ރާއްޖޭގައި ސިއްހީ ހިދުމަތްތެރިންގެ 70 ޕަސަންޓަކީ އަންހެނުންނެވެ.
ރައީސް އިތުރަޑް ވިދާޅުވި ގޮތުގައި ކޮވިޑް-19 އާ ގުޅިގެން ސިއްހީ ހިދުމަތުގެ ނިޒާމަށްވެސް ވަރަށް ބާރު ބޮޑުވެފައިވާއިރު އޭގެ ސަބަބުން އާންމު ސިއްހަތުގެ ނިޒާމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
އެގޮތުން ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ނޭދެވޭ އަސަރުތައް ފޯރަމުންދާ ކަމަށް ވިދާޅުވިއެވެ.
"ގެވެށި އަނިޔާގެ މައްސަލަތަކާއި، ކުޑަކުދިންނާއި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ގޯނާގެ މައްސަލަތައްވެސް އިތުރުވެއްޖެ،" މިއީ ހާއްސަ އިސްކަމެއް ދީގެން ހައްލުކުރަން ޖެހިފައިވާ ކަމެއްކަން ފާހަގަކުރައްވަމުން ރައީސްގެ ހިތާބުގައި ވިދާޅުވި އެވެ.