ދުނިޔެ

ބާރުގަދަވަމުން އަންނަ ތޫފާނާއެކު އިންޑިއާ ތައްޔާރީ ހާލަތުގައި

May 2, 2019
1

ނިއު ދިއްލީ (މެއި 2) - އިންޑިއާގައި އިރުމަތީގައި އޮންނަ ސަރަހައްދުތަކަށް ދަތުރުކުރަމުންދާ ބާރުގަދަ ތޫފާނާއި ގުޅިގެން މުޅި އެ ސަރަހައްދު ތައްޔާރީ ހާލަތަށް ގެނެސްފި އެވެ.

"ފަނި" ގެ ނަންދީފައިވާ ތޫފާނު އޮރިއްސާ ސްޓޭޓް އާ ދިމާލަށް ދަތުރުކުރަމުންދާއިރު، މާދަމާގެ ވަގުތެއްގައި ތޫފާނު އަރާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.

އެ ސަރަހައްދުގައި ހުރި މައި ދެ ޕޯޓެއް ބަންދުކޮށްފައިވާއިރު، އައްސަރޭފަށުގައި ދިރިއުޅޭ އެތަކެއް ހާސް ރައްޔިތުން ގެދޮރު ދޫކޮށް ދާން ވަނީ ފަށައިފަ އެވެ.

އިންޑިއާ ކަނޑުގެ ސިފައިން ވެސް މިހާރު ތައްޔާރީ ހާލަތަށް ގެނެސްފައިވާއިރު، އަންދުރަ ޕްރަދޭޝްގެ އިތުރުން ޓެމިލް ނާޑޫ ވެސް އެލާޓަށް ގެނެސްފަ އެވެ.

އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ބުނިގޮތުގައި، އެ ތޫފާނުގެ އަސަރު 11 ޑިސްޓްރިކްޓަކަށް ކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މަސްވެރިންވެސް ކަނޑަށް ނުނުކިތުމަށް އިންޑިއާގެ ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރުން ވަނީ އިލްތިމާސްކޮށްފަ އެވެ.