ވޭތުވެދިޔަ، ތިން އަހަރުތެރޭ 750 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ރާއްޖެއަށް ގެނެސްދެވިފައިވާނެ ކަމަށް ހޮޓެލް އެންޑް ރިސޯޓްސް (އެޗްއާރްސީ) ގެ ޗެއާމަން، އަދި މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު (ޖަނާ) ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ކޮންސްޓްރަކްޝަން ޖަމިއްޔާ ކަމަށްވާ، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ) ގެ ރައީސް ކަމުގެ މަގާމުގައި ވެސް ހުންނެވި ޖަނާ ވިދާޅުވީ އޭނާއަށް އޮތް ހިތްހަމަޖެހުމަކީ ގިނަ އިންވެސްޓްމަންޓްތަކެއް ގެނެސްދެވި، އޭގެ ފައިދާ ދިވެހިންނަށް ފޯރުކޮށްދެވިފައިވުން ކަމަށެވެ.
"އަޅުގަނޑާއި އަޅުގަނޑުގެ ޕާޓްނަރުން ގުޅިގެން ކުރާ މި މަސައްކަތްތަކުން ރާއްޖޭގެ އިކޮނޮމީއަށް ބޮޑު ކޮންޓްރްބިއުޝަނެއް އެބަދެވޭ. އަޅުގަނޑުމެން ކޮންމެ މަހަކު ރާއްޖޭގެ ބޭންކަށް ފަސް މިލިއަން ޑޮލަރު މާރު ކުރަން. މުސާރައިގެ ގޮތުގައި އެއް މިލިއަން ޑޮލަރު ހޭދަ ކުރަން. ސީއެސްއާރުގެ ގޮތުގައި އަހަރަކު 30 މިލިއަން ރުފިޔާ ހޭދަ ކުރަން. މި ހުރިހާ ކަމަކުން އިގްތިސާދަށް ބޮޑު ފައިދާއެއް ކުރޭ،" ޖަނާ ވިދާޅުވި އެވެ.
ޖަނާ ވިދާޅުވީ އެޗްއާރްސީން ހިންގާ ރިސޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުތަކުގައި 5،000 މީހުން މަސައްކަތް ކުރާ ކަމަށާ، އެ މުވައްޒަފުންގެ ބޭނުންތައް ވެސް ފުއްދައިދެމުން އަންނަ ކަމަށެވެ.
"މި މަސައްކަތް ކުރިއަށް ގެންދަން މާފުށީގައި އެތައް ކޮޓަރިއެއް ހުންނާނެ ހިފާފައި. ހުޅުމާލޭގައި 40 އެޕާޓްމަންޓް ހުންނާނެ މުވައްޒަފުން ތިބެން. މި ހުރިހާ ކަމަކުން ރާއްޖޭގެ އިގްތިސޯދަށް އޭގެ ފައިދާ ކުރޭ،" މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) ގެ ވެސް ރައީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭރުގެ ޕާޓްނަރުންނާއެކު ކުރަމުންދާ މަސައްކަތްތަކުން މި އަހަރުގެ ޖުލައި މަހު މާލެ އަތޮޅުގައި އިތާފުށި ރިސޯޓު ހުޅުވާއިރު، އަންނަ މަހު ގއ. އަތޮޅުގައި ދިގުރަށް ހުޅުވާނެ ކަމަށެވެ.
"އިތާފުށި އެއީ ގާތްގަނޑަކަށް 385 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް. ދިގުރަށް އެއީ 200 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް. މި އިންވެސްޓްމަންޓްތަކުން އެ ސަރަހައްދުގެ ރައްޔިތުންނަށް ބެނެފިޓް ލިބޭނެ،" ޖަނާހު ވިދާޅުވި އެވެ.