މުހައްމަދު އަލީ ޖަނާހް

ޕްރޮފެޝަނަލް ނޫން ކޮންޓްރެކްޓަރުން ނުކުންނާތީ ގޮންޖެހުން ބޮޑު: ޖަނާހު

ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޕްރޮފެޝަނަލް ނޫން ކޮންޓްރެކްޓަރުން ދާއިރާއަށް ވަދެ މަސައްކަތްތައް ކުރަން ހުށަހެޅުން ކަމަށް މަސީގެ ޗެއާމަން އަދި އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ) ގެ ރައީސް މުހައްމަދު އަލީ ޖަނާހު މިއަދު ވިދާޅުވެއްޖެ އެވެ.

އިމާރާތް ކުރުމުގެ ދާއިރާގައި ދިމާވާ ގޮންޖެހުންތަކާއި އެކަން ކަމަށް އޮތް ހައްލުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަން މަސީ އިން މިއަދު ފެށި ކޮންފަރެންސަށް ފަހު ފަހު މައުލޫމާތު ދެއްވަމުން ޖަނާ ވިދާޅުވީ، ކޮންމެ އަހަރަކު ވެސް އެތައް ޕްރޮޖެކްޓެއް ހުޅުވާލާއިރު ދަށް އަގުގައި އެ މަސައްކަތްތައް ކުރަން ޕްރޮފެޝަނަލް ނޫން ކޮންޓްރެކްޓަރުން މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން ކޮންސްޓްރަކްޝަން މާކެޓަށް ވަނުމަށް ދަށް އަގުގައި ޕްރޮޖެކްޓުތައް ނަގައި އެ ޕްރޮޖެކްޓުތައް ނުނިންމުމަކީ ދާއިރާގައި އޮތް ބޮޑު ޖޮންޖެހުމަކަށް ވެފައިވާ ކަމަށެވެ.

"އެއްވެސް ތަޖުރިބާ އެއް ނެތް ކޮންޓްރެކްޓަރުން ރެޖިސްޓާ ކޮށްލާފައި ހަމަ މި ވަންނަނީ. ހަ މިލިއަން ރުފިޔާއަށް ހުންނަ ޕްރޮޖެކްޓުތަކަށް އެ ފަރާތްތަކުން އެބަ ލާ ތިން މިލިއަން ރުފިޔާ އަށް" ޖަނާހް ވިދާޅުވި އެވެ.

ޖަނާ ވިދާޅުވީ، ކޮންފަރެންސްތަކުގައި ވާހަކަ ދައްކާ މަޝްވަރާ ކޮށްގެން ކޮންސްޓްރަކްޝަން ދާއިރާއަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދަން މަސީ އިން މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން، އެފަދަ އަންޕްރޮފެޝަނަލް ކޮންޓްރެކްޓަރުންގެ މަސައްކަތްތައް ބަލަމުން ގެންދާ ކަމަށާއި ބޭނުމަކީ ޕްރޮފެޝަނަލް ވެފައި ތަޖުރިބާ އާއި ޓްރެކް ރެކޯޑް ރަނގަޅަށް ހުރި ކުންފުނިތަކުން ޕްރޮޖެކްޓުތައް ހޯދައި ދިނުން ކަމަށެވެ. އާ ކުންފުންޏެއް ވިޔަސް އެ ކުންފުނީގައި ދާއިރާގެ ތަޖުރިބާ ހުރި މީހުން ތިބޭ ކަން ޔަގީން ކުރަން ބޭނުންވާ ކަމަށް ވެސް ޖަނާ ފާހަގަ ކުރެއްވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ސަރުކާރުގެ ގިނަ ޕީއެސްއައިޕީ ބޮޑެތި ޕްރޮޖެކްޓުތައް ހުރި ކަމަށް އިޝާރަތް ކުރައްވާ އެ ކަމަށް ކޮންސްޓްރަކްޝަން ދާއިރާ ތައްޔާރު ވާން ޖެހޭ ކަމަށް ވެސް ޖަނާ މިއަދު ފާހަގަ ކުރައްވާފަ އެވެ.

"އަޅުގަނޑުމެންގެ އިންޑަސްޓްރީއަށް އޮތީ އުންމީދު. އަޅުގަނޑުމެން އެބަ ޖެހޭ ބަޖެޓުން ދައްކާ ނަންބަރުތަކަށް ތައްޔާރުވާން. މިއަދުގެ މި މަޝްވަރާތަކަކީ ދަތިތައް ފިލުވާ އެކަންކަމަށް ތައްޔާރުވުމަށް ލިބޭ ޕްލެޓްފޯމެއް ކަމަށް ދެކެން." ޖަނާ ވިދާޅުވި އެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ކޮންފަރެންސްގައި ކޮންސްޓްރަކްޝަން ދާއިރާއިން މަސީ އާއެކު ނުވަ އިދާރާ އެއްގެ 50 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވެ އެވެ. ކޮންފަރެންސަށް ފަހު ގޮންޖެހުންތަކާއި އެކަންކަން ހައްލު ކުރުމަށް ހުރި ދުރު ރާސްތާ ޕްލޭންތައް ތައްޔާރުކޮށް ރިޕޯޓެއް ސަރުކާރާ ހިއްސާ ކުރާނެ އެވެ.

އިމާރާތް ކުރުމުގެ ދާއިރާގެ ގިނަ ކުންފުނިތަކެއް ތަމްސީލް ކުރާ މަސީ އިން ވަނީ މި ނަމުގައި މީގެ ކުރިން ވެސް ދެ ކޮންފަރެންސް އެއް ބާއްވާފަ އެވެ. އެ ގޮތުން 2007 ގަ އާއި މިދިޔަ އަހަރު ބޭއްވި މި ކޮންފަރެންސްގައި ވެސް ދާއިރާގެ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާ ކުރި އެވެ.