އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ރޭ ބީޖީ އަތުން 3-1އިން ވެލެންސިއާ ބަލިވުމުން "ދެން އެންމެ ރަނގަޅު ގޮތަކީ ޓީމު ރެލިގޭޓްވުން ކަމަށް،" ކޯޗު މުހައްމަދު އިގްބާލް ބުނީ ކީއްވެ ހެއްޔެވެ؟
"ވެލެންސިއާ އަށް އެންމެ ރަނގަޅުގޮތަކީ ރެލިގޭޓްވުން ކަމަށް ބުނަން މިޖެހެނީ ބައިވަރު ސަބަބުތަކާހުރެ. މެނޭޖްމަންޓް އޮތީ ދެބައިވެފަ. ޓީމު ފަނިކޮށްލަން ބަޔަކު ގަސްތުގައި އުޅޭ. ކުޅުންތެރިން ކޮންމެ މެޗެއްގައި ވެސް ވަރަށް ރަނގަޅަށް ކުޅޭ. އެކަމަކު ވަރަށް ތާކުންތާކު ނުޖެހޭ ބޯޅައެއް ގޮސްފައި ޓީމު ބަލިމިވަނީ. މިކަމެއް ރަނގަޅެއް ވެސްނުވި. އެހެންވީމަ މެނޭޖްމަންޓާއި ކުޅުންތެރިން، އަދި ކޯޗުންނާއި ދެން ތިބި ބަޔަކު ވެސް އެއްވެ އެބަޖެހޭ މިކަން ބަލަން. ކީއްކަން މިވަނީ ހޯދަން،" އިގްބާލް ބުންޏެވެ.
އޭނާ ބުނީ ކުޅުންތެރިން ފަރުވާ ކުޑަކުރަންޖެހޭ އެއްވެސް ސަބަބެއް މި އަހަރު ދިމާވެފައިނުވާ ކަމަށެވެ.
"ބަރާބަރަށް މުސާރަދޭ. އެއީތާ އެންމެ ބޮޑު ކަމަކަށްވާތީ މައްސަލަ ޖެހެންޔާ. ކުރީ އަހަރުތަކުގައި މިހާރަށްވުރެ ރަނގަޅު މުސާރަ ނުދެވިފައި އޮތް އިރު ވެސް. އެހެންވީމަ ކޮންމެވެސް މައްސަލަތަކެއް އެބައުޅޭ،" އިގްބާލް ބުންޏެވެ.
ރޭގެ މެޗުން ބަލިވުމުން ވެލެންސިއާ އަށް ވަނީ ރެލިގޭޝަންގެ ބިރު ވަރަށް ބޮޑުވެފަ އެވެ. ލީގުގެ ދެ ބުރު ކުޅެ ނިމޭއިރު އެންމެ ފުލަށްދާ ޓީމު ރެލިގޭޓްވާނެ އެވެ. ފުރަތަމަ ބުރުގައި ވެލެންސިއާ އަށް ދެން ބާކީ އޮތީ އެންމެ ޕޮއިންޓަކާ ޓޭބަލުގެ ފުލުގައި އޮތް މަހިބަދޫ މެޗު އެކަންޏެވެ. ވެލެންސިއާ މިހާތަނަށް މޮޅުވީ ވިކްޓަރީ އަތުންނެވެ. އެހެން ހުރިހާ މެޗަކުންވީ ބައްޔެވެ.
ރޭގެ މެޗު ވެލެންސިއާ އަށް ފަށަން ޖެހުނީ ވެސް ލަނޑަކާ އެކުގަ އެވެ. ޑިފެންޑަރު މަޒްހަރު އަބުދުﷲ ހެދި ގޯހަކުން ބީޖީން ފުރަތަމަ ލަނޑު ޖެހީ ތިން ވަނަ މިނިޓްގައި ޑޭވިޑް ކަރްމޯނާ އެވެ. މެޗުގެ ދެ ވަނަ ލަނޑު އޭނާ ޖެހީ ފަހު ހާފުގަ އެވެ. ބީޖީގެ ތިން ވަނަ ލަނޑު ޖެހީ އިބްރާހިމް ހަމްދާނެވެ. ހާފުގެ މެދުތެރެއިން އޭނާ ބޯޅަ ގޯލަށް ޖެހި ބޯޅަ ދާގަނޑުގައި ޖެހުނީ ގޯލު ދޫކޮށް ކުރިއަށް ނުކުމެ ހުރި ކީޕަރު އަހުމަދު އާތިފް، ފަހަތަށް ފަހަތަށް ގޮސް ޕަންޗުކުރަން އުޅެނިކޮށް އަތުގައި ވެސް ޖެހިފަ އެވެ.