ފާޅުކުރާ ހިޔާލެއްގެ ސަބަބުން މި ސަރުކާރުން ނޫސްވެރިޔާ ހިފައި ހައްޔަރު ނުކުރާނެ ކަމަށާއި ނޫސްވެރިންގެ ކަރަށް ބާރު ކުރަން މި ސަރުކާރުން ގާނޫނުތައް ނުހަދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ނޫސްވެރިންގެ ދުވަހަކީ މާދަމާ އެވެ. އެދުވަހުގެ މުނާސަބަތުގައި ރައީސްގެ ފަރާތްޕުޅުން ނެރުއްވި ހިތޯބެއްގައި ވިދާޅުވީ، ޒަމާނުއްސުރެ ރާއްޖޭގައި ދަމަހައްޓަމުން އައި ސަގާފަތަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ލަގަން ސަރުކާރުގެ މުށުތެރޭގައި ބޭއްވުން ކަމަށެވެ. މި ސަރުކާރު ފެށުނު އިރު ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އޮތީ އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅުކުރުމުގެ ގާނޫނުގެ ވަކިތަކުން ހިފަހައްޓައި ކަސްތޮޅު އަޅުވާފައި ކަމަށެވެ.
"... ނަމަވެސް ފެންނަން އޮތް ހަގީގަތަކީ އެކަން އެގޮތަށް ކުރުމުން ރާއްޖެއަށް ލިބުނު މޮޅެއް އަދި ސަރުކާރަށް ލިބުނު ފައިދާއެއް ނެތް، ދިވެހި އެންމެހައި ނޫސްވެރިންނަށާއި ލޮބުވެތި ރައްޔިތުންނަށް މިއަދުވެސް އަޅުގަނޑު ޔަގީންކޮށް އަރުވާނީ ފާޅުކުރާ ހިޔާލެއްގެ ސަބަބުން މި ސަރުކާރުން ނޫސްވެރިޔާ ހިފައި ހައްޔަރު ނުކުރާނެ ކަން، ނޫސްވެރިންގެ ކަރަށް ބާރު ކުރުމަށް ގާނޫނުތައް ނުހަދާނެ ކަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ކަންކަމަށް ފާޑުކިޔުމުގެ ދޮރު ބަންދު ކުރުމުން މުޅި ދައުލަތް ހިންގުމުގެ ނިޒާމު ބޮއްސުންލައި ކޮރަޕްޝަނާއި ފަސާދަ އާންމުވި ކަމަށެވެ. އަދި ދައުލަތުގެ މުދަލާއި ފައިސާއިން ވައްކަން ކުރުމާއި ހިޔާނާތްތެރިވުން އިންތިހާއަށް އިތުރުވެގެންދިޔަ ކަމަށެވެ.
"އެކަމުގެ ނަތީޖާއަކަށްވީ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އަހަރުން އަހަރަށް ދަށަށް ގޮސް މިދިޔަ 2018 ވަނަ އަހަރު ނިމުނުއިރު، އެ އިންޑެކްސްގެ 120 ވަނައަށް ރާއްޖެ ވެއްޓުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރު އުފެދުމަށްފަހު އެންމެ ފުރަތަމަ ތަސްދީގު ކުރި ބިލަކީ އަބުރުގެ ގާނޫނު އުވައިލުމުގެ ބިލު ކަމަށެވެ. އަދި އެ ގާނޫނު އުވާލައި ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ ފުރިހަމަ މިނިވަންކަން މި ސަރުކާރުން އަނބުރައި ހޯދައި ދިނީ މިނިވަން ނޫސްވެރިކަމުގެ ޒަރީއާއިން ދައުލަތުގެ ބާރުތައް ޒިންމާދާރު ކުރުވަން ކަމަށެވެ. ވައްކަމާއި ކޮރަޕްޝަނާއި ހިޔާނާތާއި ފަސާދައިން ދައުލަތުގެ މުއައްސަސާތައް ސަލާމަތްކުރުމުގެ މަގްސަދުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"... ސަރުކާރުން މަސައްކަތް ކުރަމުން މި އަންނަނީ، މިހާރަށްވުރެ ވެސް މިނިވަން ވެއްޓެއްގައި ނޫސްވެރިކަން ކުރެވޭނެ މަގު ފަހި ކޮށްދިނުމަށް، ހަމައެއާއެކު ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް ސަރުކާރުން މި އަންނަނީ ފިޔަވަޅުތައް އަޅަމުން، މިނިވަން ނޫސްވެރިކަމަށް ޖާގަ ދިނުމުގެ ގޮތުން ސަރުކާރުގެ އެންމެހައި ކަންކަން ހިނގަމުންދާނީ ވީހާވެސް ދެފުށް ފެންނަ ގޮތަށް،އަދި ސަރުކާރުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ނޫސްވެރިންނަށް ފަސޭހައިން ބެލޭނެ އިންތިޒާމު ހަމަޖައްސައި ދެވޭނެ،" ރައީސްގެ ހިތޯބުގައި ވިދާޅުވި އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރާ މަސައްކަތުގެ އެންމެ މުހިންމު އެއްބަޔަކީ ވީނުވީއެއް ނޭނގި ގެއްލުވައިލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި ވަރަށް އިހާނެތި ގޮތަކަށް މަރާލާފައިވާ އިންޓަނެޓް ބްލޮގަރު ޔާމީން ރަޝީދުގެ އާއިލާއަށް އިންސާފު ހޯދައިދިނުން ކަމަށާއި އެކަމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ، ހިޔާލު ފާޅުކުރުމާއި މައުލޫމާތު ފެތުރުމަކީ ހައްގަކަށްވާ ފަދައިން އެ ހައްގާ ގުޅިފައިވާ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއް ވެސް ވެއެވެ. އެއީ ބިނާ ކުރަނިވި ގޮތެއްގައި ފާޑުކިޔުމާއި ތެދު މައުލޫމާތު ފެތުރުމެވެ. އަދި އެ ޒިންމާއަށް އިހުމާލު ވެއްޖެނަމަ މުޖްތަމައުގައި ފިތުނަ ފަސާދަ އުފެދި ޑިމޮކްރެސީއަށް ހީނަރުކަން އަންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.