ދުނިޔެ

ގާޒާ އާއި އިޒްރޭލުގެ ހަމަލާތައް ހޫނުވަނީ

ފަލަސްތީނުގެ ގާޒާ ބޯޑަރުގައި އެންމެ ފަހުން ހިނގި ހަމަނުޖެހުންތަކަށްފަހު ގާޒާ އާއި އިޒްރޭލާ ދެމެދުގައި އަނެއްކާވެސް ހަމަލާތައް ބަދަލު ކުރަމުންދާ ކަމަށް ރިިޕޯޓުްތައް ބުނެފި އެވެ.

ގާޒާ-އިޒްރޭލްގެ ސަރަހައްދީ ރޮނގު ކައިރީ ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިދިޔަ ހުކުރު ދުވަހު ބޭއްވި މުޒާހަރާގައި ހިނގި ހަމަނުޖެހުމެއްގެ ތެރޭ އިޒްރޭލުގެ ސިފައިން ވަނީ ފަލަސްތީނުގެ އެތައް ބަޔަކު ޒަމަކޮށްލާފަ އެވެ.

އަދި ފަލަސްތީނުގެ މީހަކު ދިން ބަޑީގެ ހަމަލައެއްގައި އިޒްރޭލު ސިފައިންގެ ދެ މީހަކު ޒަހަމްވެފައިވާ ކަމަށް އިޒްރޭލުން ވެސް ބުނެ އެވެ.

ހަމަލާދިނީ އިސްލާމިކް ޖިހާދުން ކަމަށް އިޒްރޭލުން ތުހުމަތު ކުރާއިރު އެ ޖަމާއަތުން ބުނަނީ ހޮނިހިރު ދުވަހު ދިން ހަމަލައަކީ ބޯޑަރުގައި ހިނގި އަނިޔާވެރިކަމުގެ ރައްދެއް ކަމަށެވެ. އެ ހަމަލާގެ ރައްދުގައި އިޒްރޭލުން ބޯޑަރަށް ދިން ވައިގެ ހަމަލާގައި ފަލަސްތީނުގެ ހަތަރު މީހަކު މަރުވެފައި ވެއެވެ.

އެ ހަމަލާގައި މާބަނޑު އަންހެނަކާއި އޭނާގެ 14 މަހުގެ އަންހެން ދަރިފުޅު މަރުވީ އެ ދެމައިން ތިބި ގެއަށް ދިން ރޮކެޓް ހަމަލައެއްގަ އެވެ. އަދި ހަމާސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ އިތުރު ދެ މީހަކު މަރުވެފައިވަނީ ވެސް އެ ހަމަލާތަކުގައި ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.

އިޒްރޭލުގެ ސިފައިން ގާޒާގެ އެކި ސަރަހައްދުތަކަށް 150 އަށްވުރެ ގިނަ ހަމަލާ މިހާތަނަށް ދީފައިވާ ކަމަށް މީޑިއާގައި ރިޕޯޓު ކުރާއިރު އޭގެ ތެރޭގައި ރެފިއުޖީ ކޭމްޕުތަކާއި އާންމުން ދިރިއުޅޭ ސަރަހައްދުތައް ހިމެނެ އެވެ.

އިޒްރޭލުން ހަމަލަ ދިން ތަންތަނުގެ ތެރޭގައި ފަލަސްތީނުގައި ހުންނަ އަޒްހަރް ޔުނިވާސިޓީ ކެމްޕަހަކާއި އިސްލާމިކް ޔުނިވާސިޓީގެ ސަރަހައްދުގައި ހުންނަ ގިނަ މަދަރުސާތައް ހިމެނެ އެވެ. އެތަންތަނަށް ބޮޑެތި ގެއްލުންތައް ލިބިފައި ވެއެވެ.

ރޮކެޓުގެ ހަމަލާތައް ހޫނުވެ، ހިނގި ހަމަނުޖެހުން ތަކުގައި މަރުވި ފަލަސްތީނު ރައްޔިތުންގެ އަދަދު ނުވައަކަށް އަރާފަވާއިރު އަނިޔާވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެ އެވެ.