ހަބަރު

ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަންކަމާއި މެދު މަޝްވަރާކޮށްފި

ގައުމުގެ ސަލާމަތަށް ނުރައްކާވެދާނެ ކަންކަމާއި ގުޅޭގޮތުން ސަރުކާރުގެ ކަމާއި ގުޅުންހުރި މުއައްސަަސާތަކުގެ ވެރިން ބައްދަލުކޮށް މަޝްވަރާކޮށްފި އެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރިމަތިވެެދާނެ ނުރައްކަލަކަށް، އަދި ކުރިމަތިވެދާނެ އެމަޖެންސީއަކަށް ހަރަކާތްތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތަށް އެޅުމާއި ގުޅޭގޮތުން، ސަރުކާރުގެ ކަމާއި ގުޅުންހުރި މުއައްސަސާތަކުގެ އެންމެ އިސްވެރިން ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ.

ބަންޑާރަކޮށީގައި ބޭއްވި އެމަޝްވަރާ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި، ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އާއި، ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އިތުރުން ކަސްޓަމްސްއާއި، އިމިގްރޭޝަނާއި، ފުލުހުންނާއި، އެމްއެންޑީއެފްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ގައުމުގެ ސަލާމަތައް ނުރައްކާވެދާނެ ކަންކަމާއި ގުޅޭގޮތުން ކަމާއި ގުޅުން ހުރި މުއައްސަސާތަކުުގެ ވެރިން ބައްދަލުކޮށްފައިމިވަނީ ދާދިފަހުން ސްރީލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން ރާއްޖޭގެ ސަލާމަތީ ކަންކަންވެސް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލަން ޖެހެ އެވެ.