ވާހަކަ

އީޝަލް

(2 މެއި 2019 އާ ގުޅޭ)

"ވަރަށް ލޯބިވޭ" އީޝަލްގެ މޫނުގެ އެތަންމިތަނުގައި ބޮސްދެމުން ރައުލް ބުންޏެވެ. ފުންނޭވާއެއް ދޫކޮށްލި އީޝަލް ހިނިތުންވެލައިގެން ރައުލްއަށް ބަލަން ހުއްޓެވެ.

ރައުލްއާއި އީޝަލްގެ ދިރިއުޅުން ދެމަފިރިންގެ ގޮތުގައި ފެށުނީއެވެ. އެރޭ ވަރަށް ދަންވަންދެން އެ މީހުން އެ ފެންގަނޑުގެ ތެރޭގައި ވަގުތު ހޭދަކުރިއެވެ. ދެ ޖިސްމު ދުރުވުމެއްނެތް ފަދައިން ގުޅިފައިވާ ހާލުގައެވެ. ފަތިސް ވުމުގެ ކުރީން ރައުލްގެ އަތުތެރޭގައި އީޝަލް ފޮރުވާލައިގެން މުޅި ކާއިނާތައް ވެސް ސިއްރުން ކަހަލަ ގޮތަކަށް އައިސް ފޭލިގެއަށް ވަނެވެ. ފަނޑުހަނދުވަރުގެ ތެރޭ ފެނިލި އަލިކަމުގެ އަސަރު ރައުލްގެ ބުއްދިއާއި ހިތުގެ ފުންމިނުން ފެށިގެން މުޅި ހަށިގަނޑު ވެސް ހިސާރުކޮށްފިއެވެ. އެއީ މުޅިއުމުރަށް ޚުދު އޭނާ އަމިއްލައަށް ރުހުމުގައި ބަލައިގަނެވުނު ޤައިދުވުމެކެވެ. ނަމަވެސް އެ ބަނދެވުމުގައި އުފަލާއި ހިތްހަމަޖެހުން ނޫނީ ނުވެއެވެ.

* * * * *

އުޖާލާ ފަތިހަކަށް އިރުގެ އަލި ދޯދިތައް ސަތަހައިން ފާޅުވާން ފަށައިފިއެވެ. ފަތިސް ނަމާދުން އައީސުރެން މީކާޢިލް ފެންނަނީ އިރުމައްޗާ ވީ ފަރާތު އަތިރިމަތީ ހުއްޓިލައިގެން ހުރިތަނެވެ. އެއްގަމުގައި ހުރި ހިރުނދު ގަހެއްގެ ހިޔަލުގައި ލުގަލްބަންދާ އޮތްތަން ފެނެއެވެ. އެ ދެ މީހުންގެ ޚިޔާލާތުގައި ވަނީ އެއްނަމެވެ. އެއް ސޫރައެވެ. މުސްތަޤުބަލާމެދު މީކާޢިލް ކަންބޮޑުވެފައި ވެއެވެ. ﷲއަށް ވަކީލުކުރުން ނޫންގޮތެއް ނެތެވެ. އަނެއްކޮޅުން ތަޤުދީރުގެ ނިޔާ އައިގޮތާމެދު ލުގަލްބަންދާގެ ހިތް ރޮނީއެވެ. ކޮޅަކު ނުޖެހޭނޭ ޝަކުވާތަކެއް ހިތުގައި ޖަމާވެ ފުނިޖެހެމުން ދަނީއެވެ. ފާޅުކުރާނޭ ގޮތެއް ނޭނގުނެވެ. ޖަޒުބާތުތަކާއި ދުރުވެވޭނޭ އުކުޅެއް ނުވަތަ ބޭހެއް އޮތްނަމަ އޭނާ ވަނީ އެއަށް އިންތިހާއަށް ބޭނުން ޖެހިފައެވެ.

ދުރުން ބަޔަކު އެ ދިމާއަށް އަންނަކަމުގެ ހިލަންވުމާއެކު ބަނޑު ޖަހާލައިގެން އޮތް ލުގަލްބަންދާ ހަތަރެސްފައިގެ ބުރައަށް ތެދުވެލިއެވެ. އޭނާ ބަލަނިކޮށް ރަށުތެރެއިން އެ ދިމާއަށް ނުކުތްތަން ފެނުނީ ޒިޔަޒެލްއާއި މިޒަރެންގެ އިތުރުން ޒަލަފްއެވެ. ލުގަލްބަންދާގެ ގާތުގައި އެ މީހުން އައިސް މަޑުކޮށްލިއެވެ.

"އޭނާ ކީއްއެކުރަނީ؟ އަތުވެދާނޭ ހަމައަލާއަކަށް މައިތިރި ބަހައްޓަނީތަ؟" ވަގުތުކޮޅެއް ވަންދެން އަތިރިމަތީގައި ހުރި މީކާޢިލްއަށް ބަލަން ހުރެފައި ޒަލަފް އެއްސެވެ. ޒިޔަޒެލް ލުއިގޮތަކަށް ހީނލާފައި ދެފަރާތަށް ބޯހޫރާލިއެވެ. ހަމައެވަގުތު މީކާޢިލް އެނބުރި އެ މީހުންނަށް ބަލައިލިއެވެ.

"މީކާޢިލް!... ކަލެއާއެކު މީނާ ވެސް ބައިވެރި ކޮށްބަލަ..." ޒިޔަޒެލް މިހެން ބުނެ ޒަލަފްގެ ކޮނޑުގައި ކަނާއަތްތިލަ ޖައްސާލައި ކުރިއަށް ކުޑަކޮށް ކޮއްޕާލިއެވެ. އޭނާއަށް ޒަލަފް ބަލާލީ ހައިރާންކަމާއެކުއެވެ. މީކާޢިލްގެ ގާތަށް ދާންވީތޯ ޔަގީންނުވާ ފަދައިންނެވެ. ހިނިއައިސްފައި ހުރި ޒިޔަޒެލް ބޯޖަހާލީއެވެ. އަދިވެސް އެއްފަހަރު ޒަލަފްގެ ކޮނޑުގައި ހިފައި ކުރިއަށް ކޮއްޕާލައި އަތްތިލައިން އިޝާރާތްކޮށްލީ ކުރިއަށް ދާށޭ ބުނާ ފަދައިންނެވެ. ޒަލަފް ހިނގައިގަތީ ހިނިތުންވެލައިގެން ހުރެއެވެ.

މީކާޢިލްގެ ގާތުގައި އައިސް ހުއްޓިލަމުން ޒަލަފް ސަލާން ގޮވާލިއެވެ. ފުރިހަމަ ބަލައިގަތުމަކުން އޭނާގެ ސަލާން މީކާޢިލް ބަލައިގަތެވެ. ދެމެދުގައި އަދިވެސް އޮތީ ބީރައްޓެހިކަމަށްވާތީ ވާހަކައެއް ފަށާނޭ ކޮޅެއް ހޯދުމުގެ ވިސްނުމުގައި ޒަލަފްއަށް ހުރެވުނެވެ. އޭރު މީކާޢިލްގެ ނަޒަރު އޭނާއަށް ހުއްޓިފައިވީކަން އެނގި ދެވަނަ ފަހަރަށް އޭނާއާ ނަޒަރު ސީދާކޮށްލައި ޒަލަފް ހިނިތުންވެލިއެވެ.

"އަދިވެސް ކަލޭގެ ތި ސިފަ ޚިޔާރުކޮށްގެންތަ ތިހުރީ" މީކާޢިލް މަޑުމަޑުން އަހާލިއެވެ. ނިކަން އަވަހަށް ޒަލަފް ބޯޖަހާލިއެވެ.

"މީ އަހަރެން އާދަވެފައި ހުރި ގޮތް" ޒަލަފް ބުންޏެވެ. މީކާޢިލް އިރުކޮޅަކު ބަލަން ހުރެފައި ޒަލަފްއާ ނަޒަރު ވަކިކޮށްލައި ދުރަށް ފެތިރިފައި އޮތް ކަނޑާ ދިމާއަށް ހުއްޓާލިއެވެ. އޭނާގެ އެ ޢަމަލުގައިވަނީ ކީކޭކަން ޒަލަފްއަށް އެނގުނީ ކަހަލައެވެ. އޭނާ ވާހަކަދައްކަން ފެށިއެވެ.

"އަހަރެން އުފަންވީ އިންސާނުންގެ ތެރެއަށް، އަހަރެންގެ މަންމައަކީ އިންސާނެއް... އަހަރެން އުޅެ ބޮޑުވީ އެ މީހުންގެ ތެރޭގައި، އަހަރެންގެ މަންމައާއެކު އަހަރެން ބެލުމުގެ ޒިންމާއާ ހަވާލުވި، އަހަރެންގެ ބައްޕަގެ މަޤާމު ފުރައިދިނީ ވެސް އިންސާނެއް، އެހެންވެ އެމީހުންގެ ވަށްޓަފާޅިތައް އަހަރެންނަށް ދަސްވެފައި ހުރީ... އަހަރެންނާއެކު އެއްރަހިމަކުން އުފަންވި އަހަރެން ކޮއްކޮއަކީ ފުރިހަމަ އިންސާނެއް" ޒަލަފްގެ މި ވާހަކަތަކުން މީކާޢިލްއަށް އެނބުރިލެވުނީ ޤަބޫލުކުރަން ދަތިވެގެންނެވެ. އޭނާ ޒަލަފްގެ ވާހަކައަށް ޝައުގުވެރިވިއެވެ. ކުރިން ވިސްނެމުންއައި ކަންތައްތައް ދުރުވެ ޚިޔާލުތަކުގެ ދޮރު ކުއްލިއަކަށް ބަންދުވީއެވެ. ޒަލަފްގެ ވާހަކަތައް އޮޅުންފިލުވުމަށް ހިތާއި ސިކުނޑި އުޅެގަތުމުންނެވެ.

"ނަމާދުން އައިސް އެއްޗެއް ކައިފިންތަ؟" މީކާޢިލް އެއްސެވެ.

"ޒިޔަޒެލްއާއި އޭނާއާއެކު އުޅޭ ޒުވާނާއާއެކު ސައިތަށްޓެއް ބޮއެގެން އަހަރެމެން މިތިބީ" ޒަލަފް ބުންޏެވެ.

"ހިނގާ ދަމާ... ދުނިޔެމަތި ވެސް އަލިވެއްޖެ، ގިނައިރެއްނުވެ ދިމަދިމާލުން މިދިމާއަށް ޖިންނިތައް އަންނަން ފަށާނެ، ނާސްތާއަށްފަހު ޒަލަފްގެ ތި ވާހަކަތައް އަޑު އަހާލަން އަހަރެން ބޭނުން" މީކާޢިލް ބުންޏެވެ.

މީކާޢިލްއާއި ޒަލަފްގެ ދެމެދުގައި ވާހަކަދެކެވޭތަން ބަލަން ޒިޔަޒެލް ހުއްޓެވެ. އަދި އެ މީހުން އެއްގަމަށް އެރުމަށް އެނބުރިލުމާއެކު ޒިޔަޒެލްގެ ގާތުގައި ހުރި މިޒަރެންނަށް ގޮވާލިއެވެ. ސިއްރުން ކަހަލަ ގޮތަކަށް ޒިޔަޒެލް ބުނީ އެ މީހުން އެ އަންނަނީ ނާސްތާކުރަން ކަމަށެވެ. އެހެންވީމަ މިޒަރެން އެނބުރި ގެއަށް ދިއުމަށެވެ. އެ މީހުންގެ އިންތިޒާރުގައި ގޭގައި މަޑުކުރުމަށެވެ. މިޒަރެން ފޮނުވާލަމުން އޭނާއާއެކު ލުގަލްބަންދާ ވެސް ޒިޔަޒެލް ފޮނުވާލިއެވެ.

* * * * *

ދަރުބާރުގެ ތެރެއިން ޖިންނިތައް ނުކުންނަމުންދިޔައެވެ. ތަޅުން ހުސްވެ ހިމޭންކަން ވެރިވި ހިނދު ބޭރީތުގެ ކުރިމައްޗަށް ހާޟިރު ވީ ޒަގަންއެވެ. އޭނާގެ މޫނުމަތިން ފާޅުވޭވޭ ހުރީ ހިތްހަމަނުޖެހުމުގެ އަސަރެވެ. ކޮޅަށް ހުރި ލާވީއަށް ބަލާލުމަށްފަހު ތަޚުތުގައި އިން ބޭރީތަށް ޒަގަންގެ ނަޒަރު އަމާޒުވިއެވެ.

"ބައްޕަ ހީކުރީ އަޅުގަނޑު ކުރާ ސަމާސާއެއްކަމައްތަ؟ ނޫނީ އަހުވާއެއް ޖެއްސުމުގެ ގަސްދުގައި ކޮށްގެން އުޅޭކަމަކީތަ؟... އެ މީހުންގެ އެ ކައިވެންޏެއް ކުރެވުމުގެ ކުރީން އީޝަލް ގެންނަން އަޅުގަނޑު ބޭނުންވީ، އެކަން ބައްޕައަށް ރަނގަޅަށް އެނގިހުރެ އަޅުގަނޑާ ދެކޮޅަށް ރޭވި ރޭވުމެއްހެން ހީވަނީ... އެންމެ ދުވަހެއް ކީއްކުރަން އެންމެ ހިނދުކޮޅަކަށް ވެސް އޭނާއާއެކު އީޝަލް ހުންނާކަށް ފުރުޞަތުދޭން ބޭނުމެއްނޫން، ބައްޕަގެ ލަފައާ އެއްގޮތަކަށް ކަންތައް ކުރެވިއްޖެ... އެކަމުން އަޅުގަނޑަށްވީ މޮޅެއްނެތް" ޒަގަންގެ އަޑު ބާރެވެ.

"އެ މީހުން ދިރިއުޅޭ މާޙައުލަކީ ކޮންކަހަލަ ތަނެއްކަން ނޭނގި ކުއްލިއަކަށް ދިއުމަކީ ބުއްދިވެރިކަމެއްކަމުގައި ނުފެންނާތީ އޭރު ހުއްދަ ނުދިނީ، ސަބަބެއް ނެތިއެއްނޫނޭ ލާވީއާއެކު ކަލޭ އެތަނަށް ފޮނުވީ، ރައުލްއަކީ ނުވިސްނޭ މީހެއްނޫން، އޭނާގެ ކައިވެނީގެ ހަފުލާގައި ކަލޭ ބައިވެރިވުމުގެ މާނައަކީ ކޮބައިކަން އެނގިފަ މިހާރު އޮންނާނީ، އަހަރެން ވެސް ކަލޭ ފޮނުވީ އެ މީހުންގެ ތެރޭގެ ކަންކަން ހުރިނެތްގޮތް ބަލައި ދަސްކުރުމަށް، މިއިން އެއްވެސް ކަމެއް ކަސްދިޔާގެ ގާތުގައި ކަލޭ ނުބުނޭ، އެކަމަކު ބުނަން... އަހަރެން ކަލޭ ބޭނުންގޮތަކަށް ކަންތައްކުރަން ހުއްދަދީފިން، އެހެންވީމަ ކަސްދިޔާއާ ކުރިމަތިލައިފައި ނޫނީ ކަލޭ ގޮސްގެން ނުވާނެ، ތިކުރިމަތިލާން އުޅޭ ކަންތަކުގައި އަހަރެންނަށް ވެވެން އޮތް މިންވަރަށް އެހީތެރިވެދީފިން، ޒަގަން ހަނދާންކުރާތި މީ ކަލެއާއި ރައުލްގެ ކުރިމަތިލުމެއްކަން، ތިކަމުގެ ތެރެއަށް އަހަރެން ނުވަންނާނަންކަން، މީ ކަލޭމެން ދެ މީހުންގެ ދެމެދުގައި އޮތް ވާދަވެރިކަން ނިމެންޖެހޭ ހިސާބުކަން ދަންނާތި، ރައުލް އެނބުރި އައުމުގެ ވިސްނުމެއް ނެތްކަން އަހަރެންނަށް އެނގޭ، މިވާހަކަ މިގޮތަށް ހަނދާން މިކޮށްދެނީ ޒަގަންއަށް، ތި ކުރިމަތިލުމުގައި ރައުލްއަށް ކުރި ލިބިއްޖެނަމަ މީ ކަލޭ އޭނާއާ ކުރިމަތިލާނޭ އެންމެފަހު ފަހަރު، އަދި އެ މީހުންގެ ކުރިމަތީ އަހަރެން ކަލޭ ކުށްވެރިކޮށް މީ ހަމައެކަނި ކަލޭމެން ދެ މީހުން ދެމެދުގައި އޮތް ކުރިމަތިލުމެއްކަން ހާމަކުރާނަން" ބޭރީތު ނިންމާފައި އޮތް ގޮތް އޭނާ ހާމަކުރިއެވެ.

"އެ އާރެއްބާރެއްނެތް ޖިންނިތަކުގެ ތެރެއިން އީޝަލް ގެނައުމަކީ ދާދި ފަސޭހަކަމެއް" ޒަގަން ބުންޏެވެ. ރައުލްގެ މައްޗަށް ފުރިހަމަ ކުރިއެރުމަކުން މޮޅު ލިބޭނޭކަމުގެ ޔަގީންކަން ޒަގަންއަށް އެބައޮތެވެ.

"ޒަގަން!... އަދި އެއްކަންތައް... ރާވިންއާ ކުރިމަތިލުމެއް ހިނގިނަމަވެސް އޭނާގެ ފުރާނަ ދުއްވާލުމުގެ ހުއްދައެއް އަހަރެން ނުދެންކަން ދަންނާތި، އެކަމަށް ސަމާލުވާތި، އޭނާ ބަލިކޮށްލެވިއްޖެނަމަ ކަލެއާއެކު އޭނާ ގެންނާތި" ޒަގަން ދިއުމަށް އުޅުނު ވަގުތު ބޭރީތު ގޮވާލައިފައި ބުނެލިއެވެ.

"މިހާރު މިދަނީ އެންމެފަހުގެ ތައްޔާރީތައްވާން، ހުރިހާކަމެއް ނިމުމުން ވަގުތުން ދަތުރުފަށާނަން، މިއިން އެއްވެސް ކަމެއް މަންމައަށް އެނގުން މުހިންމެއްނޫން... މަންމަގެ ޚިޔާލެއް މިކަމުގައި އަޅުގަނޑަށް ބޭނުމެއްނުވޭ، އީޝަލްއަކީ އަޅުގަނޑު ޚިޔާރުކުރި ބައިވެރިޔާ" ޒަގަން ބުންޏެވެ. އޭނާ ނުކުމެގެން ދިޔަތަން ބަލަން ބޭރީތު އިނެވެ.
"ލާވީ، ކަލެއަށް ހީވަނީ ކިހިނެއް؟ ކުރިލިބޭނީ ކާކަށް؟" ބޭރީތު އެއްސެވެ.

"ޒަގަންއަކީ ކަލޭ ފަދައިން ކުޅަދާނަ ހަނގުރާމަވެރިއެއް، އެ މީހުންގެ ދިރިއުޅުން ވަރަށް އާދައިގެ، އެ މީހުންތެރެއަށް ގަދަވެގަތުން ޒަގަންއަށް އުނދަގުލެއްނުވާނޭ ހިތްބުނަނީ، ޔަގީންކުރަން އެނގޭނީ މިކަން ހިނގައި ނިމުނީމައި" ލާވީ ބުންޏެވެ.

"އަހަރެން މިދަނީ ކަސްދިޔާގެ ގާތަށް، އޭނާއަށް މިކަން އެނގެން ޖެހޭނެ، ހަތޯރު ވެސް ހުރީ އެ މީހުންގެ ތެރޭގައި، އޭނާގެ ދެ ދަރީން ގެއްލުނީއޭ ހީވާކަށް އަހަރެން ނޭދެން، ފަހަރެއްގައި ކަސްދިޔާ މިކަމުގައި ޚިޔާލެއް ފާޅުކޮށްފާނެ.... ކަލެއަށް ބޭނުންވެއްޖެއްޔާ އަހަރެން ގޮވާލާނަން" ތަޚުތުން ބޭރީތު ތެދުވިއެވެ.

އެ މީހުން ދަރުބާރުން ނުކުމެ ވަކި ހިސާބަކުން ވަކިވެއްޖެއެވެ. ބޭރީތު ބުނިހެން އޭނާ އައިސް ވަނީ ކަސްދިޔާ އުޅޭ ބަޔަށެވެ. އެތަނުގައި އޭނާ ނެތުމުން ދެން ވާނީ ކޮންތާކުކަން ވެސް ބޭރީތަށް ވަގުތުން އެނގިއްޖެއެވެ. އީޝަލް ގަނޑުވަރަށް އައުމާއި އެކަމުގެ ސަބަބުން ޔިލައްޔާގެ ހަނދާންތައް ކަސްދިޔާގެ ހަމަޖެހުން ނަގާލައިފައިވަނިކޮށް ހަތޯރުގެ ވަކިވުންވީ އޭނާއަށް ބަރުދާސްތުކުރަން ފަސޭހަވި ކަމަކަށްނޫނެވެ. ހަތޯރުއަށް ވާނީ ކިހިނެއްބާއޭ ހިތަށްއަރާ އޭނާ އެ ވިސްނުމުގައި ދެކުނު ފަރާތު މުރަކައިގެ ބަގީޗާތެރޭގައި އެންމެނާ އެކަހެރިވެ އިނދެއެވެ.

"ކަސްދިޔާ!... އެބައިނިންތަ؟" ބޭރީތު އެއްސެވެ. އޭރު އޭނާ މުރަކައިގެ ބަގީޗާތެރެއަށް ވަދެގެން އާދެއެވެ. ތަފާތު އުޖާލާ ކުލަކުލައިގެ ވިދުންތައް އެކި މުރަކަތަކުން ފާޅުވޭވޭ ހުރިއިރު "ނިއޯން ލައިޓްސް" އިން ހުޅުދާން ކުރެވިފައިވާ ބަގީޗާއެއް ފަދައެވެ. ދުރަށް ފެތުރިފައިވާ ރަތްމުރަކަ ގަނޑެއްގެ ދަށުގައި ކުޑަވެގެން ކަސްދިޔާ އިންތަން ބޭރީތަށް ފެނުނެވެ. އޭރު ފަރުތެރޭގައި އުޅޭ މަސްތައް ވެސް ކަސްދިޔާއަށްވުރެ ބޮޑުވެފައި ބިޔަކަމަށް ދައްކައެވެ. ކުޑަކުޑަ ފަސް އިނގިލީގެ ވައްތަރެއް އަތަށް ލައިގެން އޭނާ އިނީ އަޑު އިވޭކަމަށް ހަދާނުލައެވެ. ބޭރީތު އޭނާއާ އެއްހަމައަކަށް ކުޑަވެލައި ކަސްދިޔާގެ ގާތަށް އައެވެ.

"އަހަރެން އަނެއްކާ ވެސް މިއައީ ކަލޭގެ ނަފުރަތުކުރާނޭ ޚަބަރެއް ދޭންވެގެން" ކަސްދިޔާގެ ހަރަކާތްތަކަށް ބަލަން މަޑުކޮށްލުމަށްފަހު ބޭރީތު ބުންޏެވެ.

"އަހަރެންނާ ދުރަށް ޒަގަން ފޮނުވާލަން ގަސްދުކުރަނީތަ؟" ބޭރީތާ ނަޒަރު ސީދާކޮށްލުމުގެ ޝައުގުވެރިކަމެއް ނެތް ފަދައިން ހަރަކާތެއްކޮށްނުލާ އިނދެ ކަސްދިޔާ ބުނެލިއެވެ. އެ އަޑުގައިވާ މާޔޫސްކަން ބޭރީތަށް ނަގައިގަނެވުނެވެ.

"އެހެންވީމާ އޭނާ ކަލެއާ މަޝްވަރާކުރީތާ" ބޭރީތު ބުނެލިއެވެ.

"އަހަރެން ގާތުގައި އެކަކުވެސް އެކައްޗެއް ބުނޭތަ؟... ކޮންމެ މީހަކު އެ މީހަކަށް ފެންނަ ގޮތަކަށް ކަންތައްކުރަނީ އަހަރެންގެ ޚިޔާލެއް ހޯދައިގެންތަ؟... އަހަރެންގެ ދަރީންނެއް ކަމަކު އެ މީހުން ވެސް ކަންތައް އެކުރަނީ ބޭރީތު ކަންތައްކުރި ފަދައިން، އަހަރެންގެ އިޙްސާސްތަކާމެދު އެއްފަހަރު ވެސް ވިސްނައެއްނުލި، އަހަރެން ބޭނުންވާ ގޮތަކީ ކޮބައިކަމެއް އަހާލަން ހިތަށް ވެސް ނޭރި، އަހަރެންގެ އިސް ބާނދީ ޒަގަން ފުރަން ތައްޔާރުވާކަމުގެ ޚަބަރު ގެނެސްދިނީ، އޭނާ ދިއުމުގެ ކުރީން އަހަރެންގެ މޫނު ދުށުމަށް އައުން ވެސް މުހިންމު ހެނެއް ހިޔެއްނުވޭ، އޭނާގެ ކުއްލި ބަދަލުވުމާމެދު އަހަރެން މިވަނީ އަޖައިބުވެފައި، އޭނާއަށް ވީގޮތެއް ޚިއްޞާއެއް ނުކުރި... އަހަރެންނާ ވާހަކަދައްކާލަން އަހަރެންގެ ކުރިމައްޗަށް ވެސް ނާދޭ.... އެންމެންނަށް މިހާރު އަހަރެންގެ ބޭނުން ކެނޑިއްޖެ... އަހަރެންނަކީ ބޭކާރު މީހަކަށްވެއްޖެ" ކަސްދިޔާ ބުންޏެވެ.

"ކަސްދިޔާ... ކަލެއަށް އެނގޭނެ ޒަގަންއާއި ރައުލްގެ ދެމެދުގައި އޮންނަ ވާދަވެރިކަން، ޒަގަން ބޭނުންވަނީ ރައުލްއާ ކުރިމަތިލާން، ކީއްވެކަން އެނގޭތަ؟... އޭނާ... އޭނާ ބޭނުންވަނީ ރައުލްގެ އަންހެނުން، ޒަގަންގެ އަނތްބަކަށް ހެދުމަށް އޭނާ ހޮވި އަންހެނަކީ އީޝަލް" ބޭރީތު މަޑުކޮށްލީ ކަސްދިޔާ އެ ވާހަކަތަކަށް ރައްދުދޭނޭ ގޮތެއް ނޭނގޭތީއެވެ.

"އެމީހުންނަކީ ސުންޕާބައެއް، ލޯތަކަށް އޮޅުވާލައި ސިހުރުޖައްސާ ބައެއް... އެ އަންހެނާއަކީ ކޮންބައެއްގެ ތެރެއިން އަންނަ އަންހެނެއްކަން އެނގުމުން ކަލޭ ވެސް ހުރީ އުފަލުން، އޭނާ ގެނެސް ބެހެއްޓީ ވެސް އެތަނަކަށް ވަނުން އެންމެންނަށް ކަލޭ މަނާކޮށް ފޮރުވާފައި ހުރި ބައިގައި... އަހަރެމެންގެ ތެރޭގައި އެ ސުންޕާ ކުއްޖާ ބޮޑުވުމުގެ ނަތީޖާ މިއަދު މިފެންނަނީ، އޭނާ އެ ޚިޔާރުކުރީ އޭނާގެ މީހުން، ނުވިތާކަށް އަހަރެންގެ ދަރީން ވެސް ކާލައިގެން އެ ދިޔައީ" ހިތްދަތިކަމަށްވުރެ ކަސްދިޔާގެ އަޑުގައިވީ ނަފުރަތާއި ރުޅިވެރިކަމެވެ.

"ރައުލް ބޭނުން ބައިވެރިއަކު ޚިޔާރުކުރުމުގެ ހުއްދަ އޭނާއަށް ދިނުމަށްފަހު، ޒަގަން އެދުމުން އޭނާ ބޭނުންވާ ގޮތަށް ކަންތައްކުރުމުގެ ހުއްދަ ނުދިނުމަކީ ވެސް އިންސާފެއްނޫން، ޒަގަން ބޭނުންވަނީ އީޝަލްއާ ކައިވެނިކޮށްގެން މިތަނުގައި އަހަރެމެންގެ ތެރޭގައި އުޅޭން، އޭނާއަކީ ނުވިސްނޭ ކުޑުކުއްޖެއްނޫން... އެކަކުވެސް އޭނާއަށް ސިހުރެއް ނުޖައްސާ، އެހެންވެ އަހަރެން އޭނާއަށް ހުއްދަ ދިނީ، އަހަރެންނަށް އެނގޭ އޭނާއަށް ހަމަޖެހިލެވޭނީ އީޝަލް އޭނާއަށް ލިބިގެންކަން، އަހަރެންގެ ދެ ދަރީންގެ އުފާ ވެސް އަހަރެން ބޭނުން، ދެ މީހުން އެކަކު ބޭނުންވުމުން އެކަމުގެ ހައްލު އިންސާފުވެރިކޮށް ހޯދޭނީ މިހެން، ދެ މީހުން ވެސް ކުރިމަތިލައިގެން، އެހެންވީމަ ބާރުގަދަވެފައި ކުޅަދާނަ މީހަކަށް އީޝަލް ލިބޭނީ، އަހަރެންގެ ގަސްދެއްނެތް އެ މީހުންގެ ތެރެއަށް ހަނގުރާމައަކައިގެން ދިއުމުގެ... ޒަގަންއާ ބައްދަލުކުރަން ދޭ ކަސްދިޔާ، އޭނާ ދާން އެ އުޅެނީ، ދިއުމުގެ ކުރީން ކަލޭ އެ ދަރިފުޅުގެ މައްޗަށް ކުރަން އޮތް ވަސިއްޔަތެއް އޮތިއްޔާ ގޮސް ބައްދަލުކުރޭ، އަހަރެންގެ ދަރީންނަކީ ފިނޑީންނަށް ވުމަކީ އަހަރެން ބަލައިގަންނާނޭ ކަމެއްނޫން، އަހަރެން އެ ހުރިހާ ކުދީންދެކެ ވެސް ލޯބިވޭ، އެހެންވިޔަސް މީ އެ ދެމީހުންގެ ކުރިމަތިލުމެއް، ނުހުއްޓުވޭނޭ ކުރިމަތިލުމެއް.... ޒަގަން ނިންމައިގެން އެހުރީ ކާމިޔާބާއެކު އެނބުރި އައިސް ކަލެއާ ބައްދަލުކުރަން، އޭނާގެ ކެތްތެރިކަން ކުޑަވެފައި ހުރިވަރުން ދަތުރަށް އެ ތައްޔާރުވަނީ، އެކަމަކު ދަރިފުޅު ދިއުމުގެ ކުރީން އޭނާއާ ބައްދަލުކުރުމުގެ ފުރުޞަތު އަހަރެން ކަސްދިޔާއަށް މިދެނީ، ދޭ... ގޮސް އޭނާއާ ކަލޭ ބައްދަލުކުރޭ" ބޭރީތު ބުންޏެވެ. އިތުރަށް ކަސްދިޔާގެ ހިތުގައި ނަފުރަތުގެ އަލިފާނުގެ ހުޅުގަނޑު ބޮޑުވެ އަނދައިގަތީއެވެ. އޭނާ އިންތަނުން ތެދުވެ ގަނޑުވަރުގެ ތެރެއަށް ވަނުމަށް ފިނައިގަތެވެ. އޭނާގެ ފަހަތުން ބޭރީތު އައެވެ.

ގަނޑުވަރަށް ވަނުމާއެކު ކަސްދިޔާގެ ހަމަ އިސްކޮޅާއި ރޫފައަށް ހަށިގަނޑު ބަދަލުވެއްޖެއެވެ. އޭނާ ޒަގަން ހުރި ހިސާބައަށް ހަލުވިކޮށް އައެވެ. ހަނގުރާވެރީންގެ މެދުގައި ކުރިއަށް ދިޔަ މަޝްވަރާތައް ޒަގަން ހުއްޓާލީ ކަސްދިޔާ ފެނިގެންނެވެ. އޭނާ އައިސް ޒަގަންގެ އަތުގައި ހިފައިގެން އެތަނުން ނުކުތެވެ. މުހިންމު ބައްދަލުވުމެއް ކުރިއަށް ދަނީކަމުގައި ޒަގަން ބުނެބުނެ އޮއްވާ ވެސް އެ އަޑު ކަސްދިޔާ ނޭހިއެވެ. އެމީހުން އެކަނިވުމުން ކަސްދިޔާ ފަރުވާތެރިކަމާއެކު ޒަގަންއަށް ބަލާލިއެވެ.

"މީ ދަރިފުޅުގެ ފަހަރު... އޭނާގެ ބޯގެ ކަނދުރާއާ ވަކިކޮށް އަހަރެންނާ ހަމައަށް ގެނެސްދޭތި" ކަސްދިޔާ ބުނެލިއެވެ. ޒަގަންއަށް ހުރެވުނީ ބުނާނޭ އެއްޗެއް ނޭނގިފައެވެ.

(ނުނިމޭ)