ހަބަރު

ޗައިނާގެ ސަގާފީ ބައެއް ތަކެތި އެ ގައުމުން ރާއްޖެއަށް ހަދިޔާކޮށްފި

ޗައިނާގެ ސަގާފީ ބައެއް ތަކެތި އެ ގައުމުން ރާއްޖެއަށް މިއަދު ހަދިޔާކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އެ ތަކެއްޗަކީ މިދިޔަ ސެޕްޓެމްބަރު މަހު ޗައިނާގެ ރައީސްގެ ދެކަނބަލުން ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާގެ ރައީސްގެ އަނބިކަނބަލުންނާއި ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމާ އެކު ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ސަގާފީ ގޮތުން ގުޅުން ބަދަހި ކުރަން ދެއްކެވި ވާހަކަތަކުގައި ވިދާޅުވެފައިވާތީ ހަދިޔާ ކުރެއްވި ތަކެތި ކަމަށެވެ. މިއަދު ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ފޮތާއި ޗައިނާގެ ސަގާފަތް ރަމްޒުކޮށް ދޭ މިއުޒިކް ސާމާނާއި ހެދުމާއި އަދި ތަންތަން ޒީނަތްތެރި ކުރުމަށް ބޭނުންކުރާ ތަކެއްޗެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި އެ ތަކެއްޗާ ހަވާލުވިކަމުގެ ލިޔުމުގައި ސޮއި ކުރެއްވީ ރާއްޖޭގެ ސަފީރު އަހުމަދު މުހައްމަދެވެ. ޗައިނާގެ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު މރ. ވަންގް ފުކާން އެވެ.