ދުނިޔެ

ރަޝިއާ މަތިންދާބޯޓެއްގައި ރޯވެ، 40 އަށް ވުރެ ގިނަ މީހުން މަރު

May 6, 2019

މޮސްކޯ (މޭ 6) - އެމަޖެންސީގައި ރަޝިއާގެ ވެރިރަށް މޮސްކޯގެ އެއާޕޯޓަކަށް ޖެއްސި އެއިރޯފްލޮޓްގެ މަތިންދާބޯޓެއްގައި ރޯވެ، އޭގެން ދަތުރުކުރި 40 އަށް ވުރެ ގިނަ ފަސަންޖަރުން މަރުވެއްޖެ އެވެ.

އެއާޕޯޓަށް ޖެއްސި ވަގުތު ބޯޓުގެ ފަހަތު ކޮޅުގައި ރޯވި ހާދިސާގެ ވީޑިއޯއެއް މިހާރު ދަނީ ދައުރުވަމުންނެވެ. ރަޝިއާގެ ކަމާބެހޭ އިދާރާތަކުން މައުލޫމާތުދިން ގޮތުގައި، އެ ބޯޓުން ދަތުރުކުރި ޖުމްލަ 73 ފަސަންޖަރުންނާއި ފަސް ކްރޫގެ ތެރެއިން މިހާތަނަށް 41 މީހުން ވަނީ މަރުވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި ދެ ކުޑަކުދިން ހިމެނޭކަމަށްވެސް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

މޮސްކޯގެ ޝެރެމެތުޔޭވޯ އެއާޕޯޓުން ނައްޓާލިތާ ކުޑަ ވަގުތު ކޮޅެއްގައި ޓެކްނިކަލް މައްސަލަތަކެއް ދިމާވިކަމަށް ބުނެ ޕައިލެޓު ވަނީ އަނބުރާ އަންނަންޖެހޭކަމަށް ބުނެފަ އެވެ. ބޯޓުގައި ހުޅުހިފީ އެމަޖަންސީގައި ޖެއްސި ވަގުތުކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެ އެވެ.

ނަމަވެސް، އެ ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލަ އަދި ނޭނގޭ ކަމަށާއި، އެ ހާދިސާގެ ތަހުގީގެއް މިހާރު ފަށާފައިވާކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.