ދުނިޔެ

ތުރުކީގައި އަލިފާން ނިއްވާ ބޯޓެއް ވެއްޓި އެންމެން މަރު

ތުރުކީ ޖަންގަލީގެ އެކި ހިސާބުތަކުގައި އަލިފާން ރޯވެ ގައުމީ ކާރިސާއަކަށް ވެފައި އޮތްއިރު، އަލިފާން ނިއްވުމަށްޓަކައި ރަޝިޔާ އިން ކުއްޔަށް ގެންދިޔަ މަތިންދާބޯޓެއް ވެއްޓި އޭގައި ތިބި އަށް މީހުން މަރުވެއްޖެ އެވެ.

އަލިފާން ނިއްވުމުގައި ބޭރު ގައުމުތަކުން ވެސް ގެންދަނީ ތުރުކީ އަށް އެހީތެރިވަމުންނެވެ. އަލިފާން ނިއްވަން ބޭނުންކުރާ ފަޔާ ލޮރީ އާއި ފެން ޓްރަކާއި ހެލިކޮޕްޓަރު އަދި މިފަދައިން ގިނަ ވަސީލަތްތައް ތުރުކީއަށް ހުރީ ޖަމާކޮށްފަ އެވެ.

މަތިންދާބޯޓް ވެއްޓުނު ހާދިސާއާ ބެހޭ ގޮތުން ތުރުކީގެ ޖެނެރަލް ޑައިރެކްޓޮރޭޓް އޮފް ފޮރެސްޓްރީން ބުނީ ބޯޓު ވެއްޓިފައި އޮތް ކަން އެނގުނީ ޚަބަރެއް ނުވެގެން ހޯދަނިކޮށް ކަމަށެވެ. ބޯޓާ ގުޅުންކެނޑި ގިނައިރުތައް ދިޔަ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މަތިންދާބޯޓް ވެއްޓިފައި ވަނީ ކަހްރަމަންމަރަސްގައި ހިފާފައި ހުރި ހުޅުގަނޑު ނިއްވަން މަސައްކަތް ކުރަނިކޮށް ކަމަށް ގަވަރުނަރު އުމަރު ފާރޫގު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މީހުން ސަލާމަތްކުރެވޭތޯ މަސައްކަތްކުރި ކަމަށާއި ބޯޓް އޮތީ މުޅިން އަނދާފައި ކަމަށެވެ.

ބޯޓުން ދަތުރުކުރި އަށް މީހުންގެ ތެރެއިން ތިން މީހުން ނިސްބަތް ވަނީ ތުރުކީ އަށެވެ. ތުރުކީގެ ފޮރެސްޓްރީ އެންޑް އެގްރިކަލްޗާ މިނިސްޓަރު ބިކީރު ބަކްދިމީރީ ވިދާޅުވީ ކުރިމަތިވެ ވަޑައިގަތީ ކާރިސާއެއްގެ މައްޗަށް ކާރިސާއެއް ކަމަށެވެ.

ވަޒިރު ވިދާޅުވީ ބޯޓަކީ ރަޝިޔާގެ އުޅަނދަކަށް ވާތީ އިތުބާރު އޮތް ކަމަށާއި ވެއްޓުނު ސަބަބު ހޯއްދަވާނެ ކަމަށެވެ.

ރަޝިޔާ އިން ވެސް މި ޚަބަރު ސައްހަ ކަމަށް ވަނީ ބުނެފަ އެވެ. ތުރުކީގައި އަލިފާން ނިއްވަން މަސައްކަތްކުރި މަތިންދާބޯޓެއް ވެއްޓި އަށް މީހުން މަރުވުމަކީ ކޮންމެ ހާލަތަކަށް ބެލި ނަމަވެސް ދެރަކަމެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.