ވިޔަފާރި

މި އަހަރު ޒަކާތުގެ ގޮތުގައި ބަހަނީ ރެކޯޑު އަދަދެއް!

Jul 15, 2015

އެހެން އަހަރުތަކާ އަޅާބަލާއިރު، މި އަހަރު ރެކޯޑު އަދަދެއް ޒަކާތުގެ ގޮތުގައި ބަހަން ފަށައިފި އެވެ.

ޒަކާތުގެ ފައިސާ މިއަދު ހެނދުން ފެށިގެން ބަހަމުން ގެންދާއިރު، ޒަކާތް ހޯދުމަށް ގިނަ ބަޔަކު ރަޖިސްޓްރީ ކޮށްފައިވެ އެވެ. މިދިޔަ އަހަރު ޒަކާތުގެ ގޮތުގައި ބޮލަކަށް 120ރ. ދޫކުރިނަމަވެސް މި އަހަރު ދޫކުނީ ބޮލަކަށް 500ރ. އެވެ. މިއީ ފަހުގެ ތާރީހުގައި ޒަކާތުގެ ގޮތުގައި ދޫކުރާ އެންމެ މަތީ އަދަދެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރު މާލެއިން ޒަކާތް ދޫކުރާނީ އިސްލާމީ މަރުކަޒުން ކަމަށެވެ. އަދި ވިލިމާލެ އާއި ހުޅުމާލޭން ޒަކާތް ދޫކުރާނީ އަވަށު އޮފީސްތަކުން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ޒަކާތް ދައްކަން ޖެހެނީ އަހަރުތެރޭގައި އެމީހަކު ކެއުމަށް ބޭނުންކުރާ ހަނޑުލުގެ ބާވަތަކުން ނުވަތަ ހަނޑުލުގެ ބާވަތުގެ 2.4 ކިލޯއަށް ވާ ފައިސާ އެވެ. އެގޮތުން އާދައިގެ ހަނޑުލުންނަމަ މީހަކަށް 12ރ. އެވެ. އަދި ތައިލެންޑް ހަނޑުލުންނަމަ މީހަކަށް 50ރ. ދައްކަން ޖެހޭއިރު، ބާސްމަތީ ހަނޑުލުން ދައްކަން ޖެހެނީ 75ރ. އެވެ.