އިޒްރޭލާއި ފަލަސްތީނުގެ ދެމެދުގެ ހާލަތުގެ ގޯހުން ގޯހަށް ބަދަލުވެ، ވަރުގަދައަށް ބަދަލު ކުރަމުންދިޔަ ހަމަލާތައް ހުއްޓުމަކަށް އައިސް މަސްރަހު ފިނިވެއްޖެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
ހަބަރުތައް ލިބޭގޮތުގައި ގާޒާގެ ބޯޑަރުގައި އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެން އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުން ދިޔަ ރޮކެޓް ހަމަލާތައް ހުއްޓުމަކަށް އައިސްފައި ވަނީ މިސްރާއި ގަތަރު ހިމެނޭ ގޮތަށް އދ. ގެ އޮފިޝަލުން ފަލަސްތީނު ހަނގުރާމަވެރިންނާއި އިޒްރޭލު މިލިޓަރީންނާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ތެރެއިންނެވެ.
އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި 2014 ވަނަ އަހަރު ކުރިއަށް ގެންދިޔަ އަނިޔާވެރި އަސްކަރީ ހަރަކާތުގެ ފަހުން ގާޒާގައި މިހާތަނަށް ހިނގި އެންމެ ބޮޑު ހަމަނުޖެހުންތައް ކުރިޔަށް ދަނިކޮށް މިސްރުގެ އިސް ނެގުމަށް ފެށި މަޝްވަރާގެ ތެރެއިން ހަމަނުޖެހުންތައް ނިމުމަކަށް ގެނެވިފައިވާ ކަމަށް ބައިނަލްއަގުވާމީ ހުރިހާ ފަރާތްތަކަކުން ވެސް މިހާރު ވަނީ ބުނެފަ އެވެ.
އިޒްރޭލް އަސްކަރިއްޔާއިން މިއަދު ހެނދުނުގެ ވަގުތެއްގައި ސިފައިން ބޭނުންކޮށްގެން ހަމަލާތައް ދިނުން ހުއްޓާލުމަށްފަހު ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލަތަކާއި ގުޅިގެން ދަތިކުރަން އަޅާފައިވާ ފިޔަވަޅުތައް ވެސް ވަނީ އުފުލާލާފަ އެވެ.
އިޒްރޭލުން ބަންދުކޮށްފައިވާ މަގުތަކާއި ސްކޫލުތަކާއި އެހެނިހެން އިމާރާތްތައް ވެސް މަޝްވަރާތަކަށްފަހު ވަނީ ހުޅުވާފަ އެވެ. ނަމަވެސް އިޒްރޭލުގެ ސަރުކާރުން މި ހަމަލާތައް ހުއްޓާލިކަމުގެ ރަސްމީ ބަޔާނެއް އަދި ވެސް ނެރެފައެއް ނުވެއެވެ.
އެންމެ ފަހުން ބަދަލުކުރި ހަމަލާތަކުގައި ފަލަސްތީނުގެ ހަނގުރާމަވެރިން 700 ރޮކެޓް ހަމަލާ އިޒްރޭލުގެ ދެކުނަށް ފޮނުވާލާފައި ވެއެވެ. އޭގެ ތެރެއިން 240 ރޮކެޓް އިޒްރޭލުގެ އަޔަން ޑޯމް އޭރިއަލް ޑިފެންސް ސިސްޓަމުން ވަނީ ބިމަށް ވައްޓާލާފަ އެވެ.
ރޮކެޓު ހަމަލާތަކުގެ ރައްދުގައި އިޒްރޭލުން ވެސް ގާޒާއަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށްފަހު 25 މީހުން ޝަހީދު ކޮށްލާފައިވާއިރު އޭގެ ތެރޭގައި ނުވަ ހަނގުރާމަވެރިއެއްގެ އިތުރުން މާބަނޑު ދެ އަންހެނުންނާއި ތުއްތު ދެ ކުއްޖަކު ހިމެނެ އެވެ. ހަމަލާތައް ބަދަލު ކުރުމުގެ ތެރޭގައި އިޒްރޭލުން މަރުވެފަވަނީ ހަތަރު މީހުނެވެ.