ރޯދަ މަސް

އަޔެކްސް ދެ ކުޅުންތެރިން ރޯދަ ވީއްލީ މެޗުގެ ތެރެއިން

ޔޫރަޕްގެ ގިނަ ގައުމުތަކަށް ރޯދަ މަސް ބައްދަލު ކުރީ، މިދިޔަ އާދިއްތަ ދުވަހު އެވެ. މިއަދު މީ ޔޫރަޕްގެ މުސްލިމުން ހިފާ ފަސް ވަނަ ރޯދަ އެވެ. މިއަންނަ މަހުގެ ހަތަރު ވަނަ ދުވާހަ ހަމައަށް ރޯދަ މަސް ދެމިގެން ދާނެ އެވެ. ޔޫރަޕްގެ އެލީޓް ފުޓްބޯޅަ މުބާރާތްތަކުގެ އެންމެ ފޯރިގަދަ ހިސާބަށްވެސް ވަނީ ވާސިލުވެފަ އެވެ.

އެގޮތުން ޗެމްޕިއަންސް ސެމީ ފައިނަލު މެޗުތައް ރޭ ވަނީ ކުޅެ ނިމިފަ އެވެ. ޗެމްޕިއަންސް ލީގްގައި އަޔެކްސް އާއި ޓޮޓެންހަމް ރޭ ކުޅުނު މެޗުގެ ތެރެއިން ފާހަގަ ކުރެވުނު މަންޒަރެކެވެ. އަޔެކްސްގެ ކަނާތު ބެކް ނުސައިރު މަޒުރާއީ ރޯދަ ވީއްލާ މަންޒަރެވެ.

މެޗުގެ 24 ވަނަ މިނެޓާ ހަމައަށް، މަޒުރާއީ ހުރީ ރޯދަ އަށެވެ. މެޗުން 24 މިނެޓް ހިނގިފަހުން ހޮލެންޑްގެ ގަޑިން 20:54 ހިނގައިފި އެވެ. އެއީ އެ ގައުމަށް އިރު އޮއްސުނު ގަޑި އެވެ. އެ ވަގުތު މަޒުރާއީ ފުޑް ޖެލްއެއް އަނގަޔަށް ލާ މަންޒަރު ޓީވީން ފެނިގެން ދެ އެވެ.

މަޒުރާއީގެ އިތުރުން، އަޔަކެސްގެ އެޓޭކިން މިޑްފީލްޑާ ހާކިމް ޒިޔެކްވެސް ރޯދަ ވީއްލީ ދަނޑުމަތީގަ އެވެ. ހޮލެންޑަށް އުފަން މޮރޮކޯގެ ދެ ކުޅުންތެރިންތިބީ ރޯދަ އަށެވެ. ދަނޑުމަތީގައި އެ ދެ ކުޅުންތެރިން ރޯދަ ވީއްލާ މަންޒަރު ފެނުމުން ގިނަ ބައެއްގެ ތައުރީފް އެ ދެ ކުޅުންތެރިންނަށް ވަނީ ލިބިފަ އެވެ.

ސްޕޯޓްސް ނިއުޓިރިޝަން އަށް ހާއްސަ ހޮލެންޑްގެ ކޯޗެއް ކަމަށްވާ ރޭމަންޑް ވަހާޔަން ވަނީ، ރޯދަ އަށް ތިބެ ކުޅިވަރު ކުޅޭ އެތުލީޓުންނަށް ފާޑު ކިޔުން އޮއްސާލާފަ އެވެ. އެހެންނަމަވެސް ޒިޔެކް އާއި މަޒުރާއީ ނިންމީ ރޯދަ އަށް ހުރުމަށެވެ.

މެޗުގައި އަޔެކްސްގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީވެސް ޒިޔެކް އެވެ. އޭނާގެ ފަރާތުން ރޯދަ ވަރުބަލިވުމުގެ އިހްސާސެއް ނުފެނެ އެވެ. ދެ ލަނޑުގެ ލީޑެއްގައި ވަނިކޮށް އަޔެކްސް ބަލިވީ ޓޮޓެންހަމްއިން ދެ ވަނަ ހާފުގައި ކާމިޔާބު ކުރި ތިން ލަނޑުންނެވެ.