ހަބަރު

ދިރާގުން ނުކުޅެދޭ ކުދީންނަށް އެހީވާނެ ދޮރެއް!

May 11, 2019

ނުކުޅެދޭ މީހުންނަށް އެހީވާން ދިރާގުން ދޮރެއް ހުޅުވާލައިފި އެވެ. ރޯދަ މަހާ ދިމާކޮށް އެ ކުންފުނިން ނެރެފައިވާ "ސްޕެޝަލް ރޯދަ ބަންޑަލް ޕެކެ"އެއް ގަތުމުން އެ ދޮރު ހުޅުވުނީ އެވެ. ޑޭޓާގެ ހާއްސަ އިނާޔަތްތަކާއެކު ވިއްކާ މި ޕެކް ނެގުމުން އެހީވެވެނީ ނުކުޅެދުންތެރިކަން ހުންނަ މީހުނަށެވެ. މި ޑޭޓާ ބަންޑަލްތައް ވިއްކައިގެން ލިބޭ ފައިސާ އިން 10 ޕަސެންޓް ދިރާގުން ދެނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވާން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ، އެމްއޭޕީޑީ އެވެ.

ދިރާގުން މި ފަހަރުގެ ރޯދަ މަހާ ދިމާކޮށް ތައާރަފުކުރި ޑޭޓާ ޕެކޭޖްތަކުގެ ތެރޭގައި ހިމެނެނީ، 200 ރުފިޔާ އަށް 2.5 ޖީބީ ޕެކާއި އަދި 300 ރުފިޔާ އަށް 5 ޖީބީ ލިބޭ ޕެކެވެ.

ސޯޝަލް މީޑިއާއަކީ ގިނަ ކަސްޓަމަރުން ބޭނުންކުރާ ޕްލެޓްފޯމް ތަކަށް ވާތީ މި ޑޭޓާ ބަންޑަލްތަކުގައި މަގުބޫލް ސޯޝަލް މީޑިއާ އެޕްތައް ބޭނުންކުރަން އެއް ޖީބީ ދިރާގުން ވަނީ ހިމަނާފަ އެވެ. މީގެ ތެރޭގައި ހިމެނޭ ސޯޝަލް މީޑިއާ އެޕް ތަކަކީ ފޭސްބުކް، ވަޓްސްއެޕް، ވައިބާ، އިންސްޓަގްރާމް އަދި ސްނެޕްޗެޓެވެ. މި ޑޭޓާ ބަންޑަލް އެކްޓިވޭޓް ކުރެވޭނީ #8*123* އަށް ގުޅައިގެންނެވެ. މި ބަންޑަލް ތަކުގެ މުއްދަތަކީ އެއްމަހެވެ.

ދިރާގުން ދޭން ނިންމި މި އެހީއާ ބެހޭ ގޮތުން، އެމްއޭޕީޑީގެ ޗެއާމަން އަހުމަދު މުހައްމަދު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިން މުޖުތަމައުގައި ބޭނުންތެރި ބަޔަކަށް ހެދިދާނެ ކަމަށެވެ.

"އަޅުގަނޑުމެން އެންމެން ގުޅިގެން މި ކުދިންނަށް ތައުލީމާއި، ހުނަރު ދަސްކޮށްދީ، ވަޒީފާ އަދާކުރުމުގެ ގާބިލިއްޔަތު ހުރި ބަޔަކަށް ހެދި ދާނެ. މި ކުދިންގެ ހުރި ތަފާތާއެކު ބަލައިގަނެ، މުޖުތަމައުގައި ޝާމިލް ކުރެވިދާނެ،" މުހައްމަދު ވިދާޅުވި އެވެ.

ދިރާގުން ހިންގާ އިޖްތިމާއީ ޒިންމާގެ ގިނަ ހަރަކާތްތައް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ކުޑަކުދިންނަށް އަމާޒުކުރެ އެވެ. ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްއަކީ 2011 ވަނަ އަހަރުން ފެށިގެން ދިރާގުން ނުކުޅެދުންތެރިކަން ހުންނަ އެންމެ ގިނަ ކުދިން ބައިވެރިވާ އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ ހަމައެކަނި ކުޅިވަރު ފެސްޓިވަލެވެ.

މި ދިޔަ އަހަރު ރޯދަމަހު ދިރާގު ރޯދަ ޑޭޓާ ބަންޑަލް ތަކުން ލިބުނު ފައިސާގެ 10 ޕަސެންޓް އެ ކުންފުނިން ދިނީ ޓައިނީ ހާޓްސް އޮފް ދަ މޯލްޑިވްސް އަށެވެ.