ލިވަޕޫލް

ހުރިހާ ކަމެއް ބުރަވަނީ ސިޓީ ކޮޅަށް، ލިވަޕޫލަށް ހިތްވަރު

އިނގިރޭސި ޕްރިމިއާ ލީގްގެ އެންމެ ފަހު ދުވަހާ ބައްދަލު ކުރިއިރު، ލީގް ޗެމްޕިއަންކަން އޮތީ ކަށަވަރު ނުވެ އެވެ. އެހެން އަހަރުތަކުގައި ލީގް ފުހު މެޗާ ހަމައަށް ދާއިރު ލީގް އޮންނާނީ ކަށަވަރު ވެފަ އެވެ. މިއަހަރު ލީގަށް ވާދަ ކުރާ ދެ ޓީމުންވެސް ވަރުގަދަ ފައިޓެއް ދިނެވެ. މި ސީޒަނަކީ އިނގިރޭސި ލީގްގައި އެންމެ ވާދަވެރި އެއް އަހަރަށް ވާނެ އެވެ.

ސީޒަން ފެށިގެން ކުރީ ކޮޅު، މިދިޔަ އަހަރުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އެއް ވަނައިގައި އޮވެގެން ކުރިއަށް ދިޔަ ނަމަވެސް، މެދުތެރޭގައި ލިވަޕޫލުން އެއް ވަނައިގައި ލީޑް ކުރަމުން ދިޔައީ ހަތް ޕޮއިންޓްގެ ބޮޑު ލީޑަކާއެކު އެވެ. މުހިންމު މެޗުތަކަކުން ލިވަޕޫލް އެއްވަރުވެ، ސިޓީން މައްޗަށް އަރައި އެ ޓީމުގެ މައްޗަށް ކުރި ހޯދި އެވެ. ފަހުން ދެ ޓީމުގެ ދެމެދުގައި އެއް ޕޮއިންޓް އޮވެގެން ލީގް ނިމުމާ ހަމައަށް ދެމިއޮތުވެ.

ލީގް ޗެމްޕިއަންކަން ހޯދުމުގެ ރޭހުގައި، މިއަދު ބްރައިޓޮން ހޯވް އެލްބިއޮން އާ ދެކޮޅަށް ނިކުންނަ މެޗުން މޮޅުވެ ސިޓީއަށް ލީގް ޗެމްޕިއަންކަން ހޯދޭނެ އެވެ. ލިވަޕޫލުން އަމިއްލަ ދަނޑުގައި ވޯލްވާ ހެމްޓަން ވޮންޑާސް އާ ދެކޮޅަށް ކުޅުނު ނަމަވެސް އެ ޓީމަށް އޮތް މަސައްކަތް ބުރަ އެވެ.

ލިވަޕޫލަށް ލީގް ޗެމްޕިއަންކަން ހޯދޭނީ، މިއަދު ސިޓީ އާއި ބްރައިޓޮން ކުޅުނު މެޗުން ސިޓީ ބަލިވެ ނުވަތަ އެއްވަރުވުމުގެ އިތުރަށް ލިވަޕޫލް މޮޅުވެގެންނެވެ. އެހެންވެ އަމިއްލަ ބާރުގައި ލީގް ޗެމްޕިއަންކަން ސިޓީ އަށް ހޯދެން އޮތުމުން އެ ޓީމުކޮޅަށް ގިނަ ކަންކަމެއް ބުރަ ވެއެވެ. ސީޓީގެ ކޯޗް ޖޯސެފް ގާޑިއޯލާވެސް ހުރީ އެ ރޫހްގަ އެވެ.

"އެކަން މިހާރު މިއޮތީ އަހަރެމެންގެ އަތް މަތީގައި،" މިއަދުގެ މެޗާ ބެހޭގޮތުން ގާޑިއޯލާ ބުންޏެވެ. "މެޗުން މޮޅުވުން އަހަރެމެންނަށް މިހާރު ހައްގު ވާނެ، ކުޅުންތެރިންނަށް އެކަން އެނގޭނެ."

މިދިޔަ 11 އަހަރު ތެރޭގައި، ޖެހިޖެހިގެން ދެ ފަހަރަށް އެއްވެސް ޓީމަކަށް ޕްރިމިއާ ލީގް ޗެމްޕިއަންކަން ހޯދިފަ އެއް ނުވެ އެވެ. ގާޑިއޯލާ ނިކުންނާނީ އެ ތާޜީހް ބަދަލު ކުރުމަށެވެ.

"ޖެޖެހިގެން ޕްރިމިއާ ލީގް ހޯދާ ވާހަކަ ނުދައްކާތާ ދެތިން ދުވަހެއް ވެއްޖެ،" ގާޑިއޯލާ ބުންޏެވެ. "އަހަރެމެން ބަލި ވެއްޖެއްޔާ ކިހިނެއް ވާނީ، އެއީ ބްރޮއިޓަންގެ މަސައްކަތް އެހެންވީމަ އެހަރުމެން ޖެހޭނީ އެކަމަށް ވިސްނަން، އެމީހުން ޑިފެންސް ކުރާ ގޮތް އަދި އެމީހުންގެ ވަރުގަދަ ކަމާއި ބަލިކަށި ކަމަކީ ކޮބައިކަން އަހަރެމެން ޖެހެނީ ވިސްނަން، ދައްކަން ޖެހޭނީ އެ ވާހަކަ."

މެޗަށް ނިކުންނައިރު، ލިވަޕޫލް އޮތީ ރަނގަޅު ރޫހެއް ގަ އެވެ. ޗެމްޕިއަންސް ލީގް ކްއާޓާ ފައިނަލުގައި، ވަރުގަދަ ބާސެލޯނާއިން ތިން ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް، ލިވަޕޫލުން ވަނީ ދެ ވަނަ ލެގް މެޗުގައި އަމިއްލަ ދަނޑުގައި އެ ނަތީޖާ އަނބުރާލާފަ އެވެ.

ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް، ގަބޫލު ކުރާ ގޮތުގައި ލީގް ހޯދުމުގެ ރޭހުގައި، ސިޓީ އޮތްވަރުގެ ފުރުސަތެއް ލިވަޕޫލަށް ނެތް ނަމަވެސް އަދިވެސް ރޭސް ނުނިމެ އެވެ. ލިވަޕޫލަށް އޮތީ އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރުންކަން އޭނާ ފާހަގަ ކުރެ އެވެ.