މެންޗެސްޓާ ސިޓީ

ޖެހިޖެހިގެން ދެވަނަ ފަހަރަށް ސިޓީ ޕްރިމިއާ ލީގް ހޯދައިފި

އިނގިރޭސި ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެވަނަ ފަހަރަށް މެންޗެސްޓާ ސިޓީ ހޯދައިފި އެވެ.

ސިޓީ ލީގް ޗެމްޕިއަންކަން ހޯދީ، ބްރައިޓަން ހޯވް އެލްބިއޯން އާ ދެކޮޅަށް ކުޅުނު މެޗު 4-1 އިން ކާމިޔާބު ކޮށްގެނެވެ. މިއީ ފަހުގެ ތާރީހުގައި ފެނުނު ޕްރިމިއާ ލީގްގެ އެންމެ ވާދަވެރި ސީޒަނެވެ. ލީގްގެ އެންމެ ފަހު މެޗާ ހަމައަށް ދިޔައިރު ލީގްގެ ދެ ވަނަ ހޯދި ލިވަޕޫލް ވެސް ވަނީ ސިޓީގެ ފަހަތުގައި ވިއްދާފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގަށް ބަލާއިރު، ވޭތުވެދިޔަ 10 އަހަރު ތެރޭ، އެއްވެސް ޓީމަކަށް ޖެހިޖެހިގެން ލީގް ހޯދިފައެއް ނުވެ އެވެ. އެ ތާރީހު ސިޓީން ބަދަލު ކުރީ އެވެ. މިއީ ލީގް ޗެމްޕިއަންކަން، މެންޗެސްޓާ ސިޓީ ހޯދި ހަތަރު ވަނަ ފަހަރެވެ.

ބްރައިޓޮން ހޯވް އެލްބިއޯންގެ ދަނޑުގައި ކުޅުނު މެޗުގައި، ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކުރީ ބްރައިޓޮން އެވެ. އެ ޓީމުގެ ލަނޑު މެޗުގެ 27 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ގްލެން މުރޭ އެވެ. އެ ލަނޑުޖަހައިގެން އެއް މިނެޓެއްހާއިރު ވެސް ބްރައިޓޮން އަށް ހަމަޖެހިލައިގެން ނޯވެވުނުނެވެ.

ޖެހިގެން އައި 28 ވަނަ މިނެޓްގައި ސާޖއޯ ކުން އަގުއޭރޯ ސިޓީއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އޭގެ 10 މިނެޓް ފަހު ލަޕޯޓެ ވަނީ ސިޓީއަށް ލީޑް ނަގައި ދީފަ އެވެ. ސިޓީއަށް ނަތީޖާގެ ފަރަު ބޮޑު ކޮށްދިނީ 63 ވަނަ މިނެޓްގައި ރިޔާދު މަހްރޭޒް ކާމިޔާބު ކުރި ލަނޑުންނެވެ. ސީޓީގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ ގުންޑޯގަން އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 72 ވަނަ މިނެޓްގަ އެވެ.

މެން ސިޓީ އައެކު ލީގަށް ވާދަ ކުރި ލިވަޕޫލުން ވަނީ އަމިއްލަ ދަނޑިގައި ވޯލްވާ ހެމްޓަން ވޮންޑާސް އާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެފަ އެވެ.

ލިވަޕޫލް މެޗު ކާމިޔާބު ކުރީ 2-0 ންނެވެ. އެ ޓީމުގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ ސެޑިއޯ މާނޭ އެވެ.