އެމްއެމްއޭ

ބަޖެޓް ބައި ކުރުމުގެ އުސޫލަށް އެމްއެމްއޭ މަރުހަބާ ކިޔައިފި

ފިނޭންސް މިނިސްޓްރީން ޝާއިއު ކުރި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓު ބައި ކުރުމާއި އެއްބައިން އަނެއް ބަޔަށް ބަދަލު ކުރުމުގެ އުސޫލަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މަރުހަބާ ކިޔައިފި އެވެ.

މަރުކަޒީ ބޭންކުން ބުނީ މިދިއަ ދެ އަހަރުގެ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް އެ އޮތޯރިޓީން ފޮނުވާފައިވާ ލަފާގައި، ފިސްކަލް އެޕްރޮޕްރިއޭޝަނާ ގުޅޭ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަން ބާރު އަޅާފައިވާނެ ކަމަށެވެ. އަދި އޭގެ ސަބަބަކީ، އަހަރުން އަހަރަށް ދައުލަތުގެ ރިކަރަންޓް ޚަރަދުތައް އަންޑައެސްޓިމޭޓް ކުރެވި، އާމްދަނީ ލިބޭނެ މިންވަރު އޯވައެސްޓިމޭޓް ކުރެވުމުން، އަހަރުން އަހަރަށް ސަރުކާރުގެ ޑެފިސިޓް އިތުރުވަމުންދާތީ ކަމަށެވެ.

އަދި ބުނީ ޕަބްލިކް ފައިނޭންސްގެ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ފާސްކޮށްފައިވާ މިންވަރަށް ވުރެ ޚަރަދު އިތުރު ނުކުރުމަށާއި، ވަކި ކަމަކަށް ޚަރަދެއް ކަނޑައަޅާފައިވާނަމަ، އެކަމަކަށް ޚަރަދު ކުރުމަށްޓަކައި އަމަލުކުރާނެ އުސޫލުތަކެއް މިނިސްޓްރީ އޮފް ފިނޭންސްއިން ޝާއިޢު ކުރުމަކީ ދައުލަތުގެ މާލީ ކަންތައްތައް ހަރުދަނާ ކުރުމަށް އެޅިގެންދިޔަ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ.