މާލީ އަދި އިގްތިސާދީ ކަންކަމާ ގުޅޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިސްނަގައިގެން އެއްވެސް ލަފައެއް ނުދޭ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ސާފުކޮށްދޭން އެދި ފޮނުވި ސިޓީއަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަފީގު މިހެން ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތް މިއަދު އޮތް ހިސާބަށް އައީ އެމްއެމްއޭ އިން ދިން ލަފާތައް އަޑުނޭހުމުން ކަމަށް ގަވަރުނަރު އަލީ ހާޝިމް ކުރިން ވިދާޅުވެފައިވާތީ އެކަމަށް ޖަވާބު ދިނުމުގެ ގޮތުންނެވެ.
މަޖިލީހުން އެމްއެމްއޭގެ މަސައްކަތްތަކާއި ގަވަރުނަރުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތުތަކެއް ސާފުކުރުމަށް ފިނޭންސް މިނިސްޓްރީއަށް ސިޓީއެއް ފޮނުވީ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ރައީސްއަށް ލަފާ ދެއްވައި އަދި އަލީ ހާޝިމްގެ މައްސަލަތަކެއް ކޮމިޓީން ބަލަމުންދާތީ އެވެ.
މިނިސްޓަރު ޝަފީގުގެ ސިޓީގައި ވިދާޅުވީ އެމްއެމްއޭ އިން އިސްނަގައިގެން ލަފާ ނުދިން ނަމަވެސް 2023 ވަނަ އަހަރުގެ ފަހުކޮޅު އެމްއެމްއޭއާއެކު ޕޮލިސީ ލެވެލްއެއްގައި ކަންކަން ރަނގަޅުކުރަން މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ. އެ މަޝްވަރާތަކުގެ ތެރެއިން ފޮރިން ކަރަންސީ އެކްސްޗޭންޖް މިހާރަށް ވުރެ ރަނގަޅަށް ރެގިއުލޭޓް ކުރުމަށް އެމްއެމްއޭއިން އެދުނު ކަމަށާއި އެކަމާ ގުޅޭ ޓެކްނިކަލް ފެންވަރުގެ ބައްދަލުވުންތަކެއް ބޭއްވުނު ކަމަށްވެސް ސިޓީގައި ވެއެވެ.
އެކަމަކު ފާއިތުވެ ދިޔަ މަސްތަކުގައި އެމްއެމްއޭ އިން އެންމެ އެދެވޭ ގޮތުގައި ފިސްކަލް އަދި މަނިޓަރީ ޕޮލިސީ އެލައިންކުރަން މަސައްކަތް ކޮށްފައި ނުވާ ކަމަށް މިނިސްޓަރު ތުހުމަތުކުރައްވާފައިބވެ އެވެ. އެމްއެމްއޭގެ ޒިންމާއެއް ކަމަށްވާ މިނިމަމް ރިޒާވް ރިކުއަމަންޓްވެސް ފިނޭންސް މިނިސްޓްރީން ބަލަހައްޓަން ޖެހުމުގެ ސަބަބުން ކޮމާޝަލް ބޭންކުތަކާއި ކުރާ މުއާލަމާތްތަކަށް ދަތިތަކެއް ކުރިމަތިވި ކަމަށްވެސް ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ. ނަމަވެސް އެ މައްސަލައަށް މިހާރު ހައްލުތަކެއް ހޯދާފައިވާ ކަމަށް ވިދާޅުވި އެވެ.
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ލަފާ ދޭން ކޮމިޓީން ފާސްކުރީ އެމްއެމްއޭގެ ގާނޫނުގައި ބުނާ މައިގަނޑު މަގުސަދުތައް ހާސިލްކުރުމަށްޓަކައި، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ދުވަހުން ފެށިގެން މިދިޔަ މުއްދަތުގެ ތެރޭގައި ސަރުކާރަށް ލަފާ ދިނުމާއި ގާނޫނުގައިވާ މަގުސަދުތައް ހާސިލްކުރުމަށްޓަކައި އަމަލީގޮތުން ހަރުދަނާ މަސައްކަތްތަކެއް އަލީ ހާޝިމް ކުރައްވާފައި ނުވުމުގެ ސަބަބުން ކަމަށް ކޮމިޓީގެ މެންބަރުން ވިދާޅުވެ އެވެ.
އޭނާ މަގާމުން ވަކިކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނުމުގެ މައްސަލަ ދިރާސާކުރަން މާލިއްޔަތު ކޮމިޓީއަށް ފޮނުވުމަށްފަހު މިއަދު ބާއްވަން ހަމަޖެއްސި ބައްދަލުވުމަށް ހާޒިރުވެވެން ނެތް ކަމަށް އަލީ ހާޝިމް ވަނީ އަންގަވާފަ އެވެ.