އެމްއެމްއޭ

އޯޑީ ދައްކާއިރު އިންޓްރެސްޓް ހިމަނަން ދެކޮޅު

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ސަރުކާރަށް އޯވާޑްރާފްޓް ފެސިލިޓީއެއް ގޮތަށް ދޫކޮށްފައިވާ 4.4 ބިލިއަން ރުފިޔާގެ ލޯން އަނބުރާ ދައްކާއިރު ފައިނޭންޝަލް ކޯސްޓެއް ނުވަތަ އިންޓަރެސްޓެއް ހިމަނަން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ހުށަހަޅުއްވައިފި އެވެ.

ގަވަރުނަރު އެކަން ހުށަހެޅުއްވީ އޯވާޑްރާފްޓް ފެސިލިޓީގެ މުއްދަތު އިތުރު ކޮށްދިނުމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ހުށަހެޅުއްވި މައްސަލަ މަޖިލީހުގައި ދިރާސާކުރާ ހާއްސަ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގަވަރުނަރު ވިދާޅުވީ އޯޑީ ދައްކާއިރު ފައިނޭންޝަލް ކޯސްޓެއް ނުވަތަ އިންޓަރެސްޓެއް ހިމަނަން ބޭނުން ވަނީ ފައިސާ ދެއްކުމަށް ބާރު އެޅުއްވުމުގެ ބޭނުމުގައި ކަމަށެވެ. އޯޑީ ދައްކާއިރު އިތުރަށް ދައްކަން ޖެހޭ އަދަދެއްގެ ގޮތުގައި ނަގަން ބޭނުންވާ އަދަދެއްގެ ގޮތުގައި ހުށަހެޅުއްވީ ޓީބިލް ރޭޓަށް ވުރެ ދަށް އަދަދެކެވެ.

"ޓީބިލް ރޭޓަށް ވުރެ އެ އަދަދު ދަށް ވުމުން ރަނގަޅުވާނެ. އެއީ އެއްޗެއް ދަރަންޏަށް ނަގާއިރު ކޮސްޓެއް ލުމުން އަވަހަށް ރީޕޭ ކުރަން ބާރު އަޅާނެ. އެ ޑިސިޕްލިން ކުރަން ރީޕޭމެންޓް ޕްލޭނެއް ވެސް އެބަ ހުށަހަޅަން. ފިނޭންސުން ވެސް އެކަމަށް ދެކޮޅެއް ނުހަދާ. ކުޑަ ކޮސްޓެއް ނަމަވެސް ލުން މުހިންމު،" ގަވަރުނަރުގެ އެ ހުށަހެޅުއްވުން އިތުރަށް އޮޅުންފިލުއްވައި ދެއްވި އެވެ.

ގަވަރުނަރުގެ ހުށަހެޅުއްވުމަށް އޮޑިޓާޖެނަރަލް ހަސަން ޒިޔަތު ވަނީ ތާއީދު ކުރައްވާފަ އެވެ. ޒިޔަތު ވިދާޅުވީ ފައިނޭންޝަލް ކޮސްޓެއް ހިމެނުމަކީ އަނބުރާ ފައިސާ ދެއްކުމަށް ބާރު އެޅޭނެ ގޮތެއް ކަމަށެވެ. އެކަމަކު އެ މައްސަލާގައި ގޮތެއް ނިންމަން ވާނީ އެމްއެމްއޭ އާއި ފިނޭންސުން ކަމަށެވެ.

ގަވަރުނަރުގެ ހުށަހެޅުއްވުމަށް އޮޑިޓާ ޖެނަރަލް ތާއީދު ކުރެއްވި ނަމަވެސް ކޮމިޓީގެ މެންބަރުންނާއި ފިނޭންސް މިނިސްޓަރު އަމީރު ވަނީ އެ ހުށަހެޅުއްވުމަށް ދެކޮޅު ހައްދަވާފަ އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ އޯޑީގެ މުއްދަތު އިތުރު ކުރުމަށް ސަރުކާރުން ހުށަހެޅީ ވެސް މިވަގުތު ފައިސާ ހޯދާނެ އިތުރު ގޮތެއް ނެތުމުން ކަމަށެވެ. އެހެންކަމުން އުނދަގޫ މި ހާލަތުގައި އޯޑީ ދައްކާއިރު އިތުރު ފައިސާއެއް ނެގުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށެވެ. މިހާރު އޯވަޑްރޯ ކުރަން ހުށަހަޅާފައިވާ އަދަދަށް ވުރެ އިތުރަށް އޯވަޑްރޯ ނުކުރާނެ ކަމުގެ ޔަގީންކަން ވެސް މިނިސްްޓަރު ދެއްވި އެވެ.

ގަވަރުނަރުގެ ހުށަހެޅުއްވުމަށް ދެކޮޅު ހައްދަވަމުން މެންބަރުން ވެސް ވިދާޅުވީ އޯޑީ ފެސިލިޓީ ދައްކާނެ ކަމަށާއި އަދި އެކަމާ ގުޅޭ ޕްލޭނެއް އޮތް ކަމަށް މިނިސްޓަރު ވިދާޅުވާއިރު އޯޑީއަށް އިތުރު ފައިސާ ހިމެނުމަކީ ދައުލަތަށް މިވަގުތު އިތުރު ބުރައަކަށް ވާނެ ކަމެއް ކަމަށެވެ. ގަވަރުނަރުގެ ހުށަހެޅުމަށް އަމަލުކޮށްފިނަމަ އެކަމުގައި ހުރިހާ ގެއްލުމެއް ލިބޭނީ ރައްޔިތުންނަށް ކަމަށްވާތީ މިއީ އެފަދަ ފައިސާއެއް ނަގަން ޖެހޭ ވަގުތެއް ނޫން ކަމުގައިވެސް ވިދާޅުވި އެވެ.

ކޮމިޓީގެ ރޭގެ ބައްދަލުވުން ނިންމަވާލެއްވިއިރު ގަވަރުނަރުގެ ހުށަހެޅުމަށް ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.

ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގައި ބުނެފައިވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭއިން ސަރުކާރަށް ދަރަނީގެ ގޮތުގައި ފައިސާ ނެގޭނެ ލިމިޓަކީ ދައުލަތުގެ އެވެރެޖް އާމްދަނީގެ އެއް ޕަސެންޓް ކަމަށެވެ. އެއީ ގާތްގަނޑަށް 180 މިލިއަން ރުފިޔާ އެވެ. އަދި އެގޮތަށް ނަގާ ދަރަނި 91 ދުވަހުގެ ތެރޭގައި ދައްކަން ސަރުކާރަށް ލާޒިމުވެ އެވެ. އެހެންކަމުން ފިނޭންސް މިނިސްްޓްރީން މަޖިލީހަށް ހުށަހެޅީ 32 ވަނަ މާއްދާގެ ތިން އަކުރެއް ސަސްޕެންޑް ކުރުމަށްފަހު މަރުކަޒީ ބޭންކުން ދަރަންޏަށް ފައިސާ ނެގޭނެ ލިމިޓް 4.4 ބިލިއަން ރުފިޔާއަށް މަތިކުރުމަށެވެ.