ހަބަރު

އަމީރު އެއްސެވީ މާހިރުންގެ ލަފާގެ އެއްބައި: ގަވަރުނަރު

ކޮވިޑް-19 އިގެ ހާލަތާ ގުޅިގެން މުޅި ދުނިޔެއާއެކު ރާއްޖޭގެ އިގުތިސޯދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް، ސަރުކާރު މެދުވެރިވެގެން ވީހާވެސް ބޮޑަކަށް އިގުތިސޯދީ ހަރަކާތްތައް އިތުރު ކުރަންޖެހޭ ކަމަށް ބޭރުގެ މާލީ އިދާރާތަކާ ހަވާލާދީ ފިނޭންސް މިނިސްޓަރު އިބްރާހިމް ވިދާޅުވެފައި ވަނީ، އެ ލަފާގެ "އެއް ބައި" އަޑު އައްސަވައިގެން ކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމް މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް 34.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މިދިއަ ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން އަމީރު ވިދާޅުވީ އިގުތިސޯދު ވީ އެންމެ އަވަހަކަށް ރިބައުންޑް ކުރުމަށް އޮތް ހައްލަކީ ފިސްކަލް ޕޮލިސީ މެދުވެރިކޮށް އިގުތިސޯދު ސްޓިމިއުލޭޓް ކުރުން ކަމަށެވެ.

"މިއީ އަޅުގަނޑުމެންގެ މާލީ ހާލަތު ތަންދިން އެންމެ ބޮޑަކަށް، އިގުތިސޯދީ ހަރަކާތް ސްޓިމިއުލޭޓްކޮށް، އިތުރު މަޝްރޫއުތައް ފަށައި، އިގުތިސޯދު ސިންދަފާތުކޮށް، ވިލުންވެރިކަން އިތުރުކޮށް، ސަރަހައްދީ ތަރައްގީ އަށް އިންވެސްޓްކުރަންވީ ވަގުތު،" ބަޖެޓު ސްޕީޗުގައި ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓަށް، މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ދީފައިވާ ލަފާގެ މައްޗަށް ބަޖެޓު ކޮމެޓީގައި މާވަށު ދާއިރާގެ އިދިކޮޅު މެންބަރު މުހައްމަދު ސައީދު ވަނީ އަމީރުގެ އެ ވާހަކަތަކާ ގުޅޭ ގޮތުން ސުވާލު އުފައްދަވައިފަ އެވެ.

ކުރީގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ސައީދު ވިދާޅުވީ އުފެއްދުންތެރިކަމުގެ ނިސްބަތުން އެތައް ގުނައެއް ދަރަނި އިތުރުވާއިރު، އިގުތިސޯދު ކޮޅަށްޖެހޭނެ މަންޒަރެއް ބަޖެޓުން ސާފުނުވާކަމަށް ވިދާޅުވެ އަމާޒު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ގަވަރުނަރު ވިދާޅުވީ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ އިތުރުން ވޯލްޑް ބޭންކުގެ ލަފަޔަކީ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ކަންކަން ވެސް ކުއްލިއަކަށް ހުއްޓާ ނުލުން ކަމަށެވެ.

"ފިނޭންސް މިނިސްޓަރު އެއްސެވީ އެއްބައި ކަންނޭނގެ އެ ލަފާގެ. އެ ލަފާގައި ބުނަނީ މިހާރު އޮތް ހާލަތުގައި މިހާރު ހުރި ޕޮލިސީސްތައް ކުއްލިއަކަށް ހުއްޓާނުލާށޭ. ހުއްޓާލާފިއްޔާ އެ އަންނަ ޝޮކު މާ ބޮޑުވާނޭ އިކޮނޮމީ ތެރޭގައި. އެހެންވީމާ ވަރަށް ގްރެޖުއަލްކޮށް ގެންދާށޭ،" އަލީ ހާޝިމް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އެއްސެވީ އެ ލަފާގެ އެއްބައި ކަންނޭނގެ. އެ ލަފާގައި ބުނަނީ މިހާރު އޮތް ހާލަތުގައި މިހާރު ހުރި ޕޮލިސީސްތައް ކުއްލިއަކަށް ހުއްޓާނުލާށޭ. ހުއްޓާލާފިއްޔާ އެ އަންނަ ޝޮކު މާ ބޮޑުވާނޭ އިކޮނޮމީ ތެރޭގައި. އެހެންވީމާ ވަރަށް ގްރެޖުއަލްކޮށް ގެންދާށޭ
އަލީ ހާޝިމް | ގަވަރުނަރު

ގަވަރުނަރު ވިދާޅުވީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއު ތަކަކީ ދިގު ރާސްތާގައި އިގްތިސޯދާއި ތިމާވެށީގެ ރައްކާތެރިކަމަށް އިސްކަންދޭ މަޝްރޫއު ތަކެއްކަން ޔަގީންކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންވާ ކަމަށެވެ.

"ވިހި އެކާވީސް ވަނަ އަހަރު ވެސް ލަފާ ކުރާ ވަރަށް އާމްދަނީ ނުލިބިއްޖެނަމަ ސަރުކާރުގެ ކޭޝް ޕްލޯ ދަތިވެ، މަޝްރޫއުތައް ނުހިންގުން އެކަށީގެންވޭ. ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި ވެސް ވަނީ އިގްތިސޯދީ ހާލަތާ ނުބައްދަލު މަޝްރޫއު ތަކެއް. މި ފަދަ މަޝްރޫއު ތަކަށް ބޭނުންވާ ފައިސާ ހޯދަން މައިގަނޑު ގޮތެއްގައި ބަރޯސާ ވެފައިވަނީ ދަރަނި ނަގައިގެން ކަމަށްވުމާއެކު ކޮންސެޝަނަލް ފައިނޭންސިން އަށް އިސްކަން ދޭން ލަފާދޭން،" އަލީ ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ފޮނުވި ބަޖެޓުގައި "ގްރީން" އަދި "އިނޮވޭޓިވް" ފައިނޭންސިން ހޯދަން ހިމަނާފައިވާ ބަޔަކަށް އަލި އަޅުއްވާލައި ގަވަރުނަރު ވިދާޅުވީ މި އުސޫލުން ރާއްޖެއަށް ފައިނޭންސް ލިބިއްޖެނަމަ "ކޮންސެޝަނަލް" ކޮށް ލުއި ފަސޭހަ ގޮތަކަށް ފައިސާ ލިބިގެންދާނެ ކަމަށެވެ.

"ބޮންޑު އަދި ސުކޫކްއަށް ބަރޯސާ ވެގެން ކުރި އަށް ގެންގޮސްފިނަމަ އަޅުގަނޑުމެންނަށް [ރާއްޖެ] އަށް ފައިނޭންސިން ލިބޭ އިންޓްރެސްޓް ރޭޓް މަތި ވެގެން ދާނެ،" އަލީ ވިދާޅުވި އެވެ.

ސަރުކާރުން ވަނީ އަންނަ އަހަރު ބޮޑެތި މަޝްރޫއުތަކެއް ހިންގަން ނިންމާފަ އެވެ. މީގެތެރޭގައި ހިމެނޭ އެންމެ ބޮޑު މަޝްރޫއަކީ ގުޅިފަޅުގައި ހަދާ ބަނދަރާއި "ތިލަ-މާލެ" ބްރިޖު މަޝްރޫއެވެ. މީގެ އިތުރުން ޕީއެސްއައިޕީގައި ހިމެނޭ ފެނާއި ނަރުދަމާގެ އަދި ބަނދަރު ހެދުމުގެ ގިނަ މަޝްރޫއުތަކެއް ހިންގަން ބަޖެޓުކޮށްފައިވެ އެވެ.