އަންނަ އަހަރުގެ ބަޖެޓުގައި ޑޮމެސްޓިކް މާކެޓުން ދަރަނި ނަގާ މިންވަރު އިތުރުކުރާނަމަ، އޭގެ ނޭދެވޭ އަސަރު އަމިއްލަ ވިޔަފާރިތަކަށް ކުރާނެކަމަށް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.
އަންނަ އަހަރަށް ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، ޑެފިސިޓާއި އެހެންނިހެން ކަންކަން ހަމަޖެއްސުމަށް 17.3 ބިލިއަން ރުފިޔާ ހޯދަންޖެހޭނެކަމަށް ވަނީ އަންދާޒާކޮށްފައި އެވެ.
މީގެ ތެރެއިން، 13 ބިލިއަން ރުފިޔާ ބޭރުގެ އެކި ފަރާތްތަކުން ހޯދަން ހިމަނާފައިވާއިރު، ބާކީ ހަތަރު ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ކަނޑައަޅާފައިވަނީ އެތެރޭގެ ފަރާތްތަކުންނެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓަށް، މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ދީފައިވާ ލަފާގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމެޓީގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ދައުލަތުން ދަރަނި އާއްމުކޮށް ނަގަނީ ވިޔަފާރި ބޭންކުތަކުން ކަމަށްވާއިރު، އެ ދަރަނި ނެގޭނެ ލިމިޓުތަކެއް ކޮންމެ ބޭންކެއްގައި ވެސް ހުންނާނެ ކަމަށެވެ.
އަދި އެ މިންވަރަށް ދަރަނި ނަގަންޖެހޭނަމަ، އަމިއްލަ ފަރާތްތަކަށް ބޭންކުތަކުން ލޯނު ދޫކުރާ އަދަދުތަކަށް ނޭދެވޭ އަސަރު ކުރާނެކަމަށް ގަވަރުނަރު ވިދާޅުވި އެވެ.
"ޑޮމެސްޓިކް މާކެޓް ކްރައުޑް އައުޓްވާ އިޝޫ އަކީ އަބަދުވެސް މެންބަރުން ނަންގަވާ އިޝޫއެއް. މީގެން އެހެންވާނެ. ކްރައުޑް އައުޓްވާނެ. މިހާވަރަށް ދަރަނި ނަގަންޖެހެންޏާ ކްރައުޑް އައުޓްވާނެ،" އޭނާ ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި މަރުކަޒީ ބޭންކުން ވަނީ އަންނަ އަހަރު ބަޖެޓާމެދު ބައެއް ކަންބޮޑުވުންތައް ހިއްސާކޮށްފައި އެވެ.
މިގޮތުން، އާމްދަނީއަށް ވުރެ ރިކަރަންޓު ހަރަދު ބޮޑުވުމާއި، އަންނަ އަހަރުވެސް ދަރަނި އިތުރުވުމާއި، އިގުތިސޯދީ ހާލަތާ ނުބައްދަލު މަޝްރޫއުތައް ހިމަނާފައިވާކަމަށް ބުނެ ވަނީ ކަންބޮޑުވުންފާޅުކޮށްފައި އެވެ.