ފިނޭންސް މިނިސްޓްރީ

އެމްއެމްއޭއިން ދޫކުރި ލޯނު ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލުކުރަނީ

ކޮވިޑު-19ގެ ހާލަތާ ގުޅިގެން ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް އިސްތިސްނާކުރި މުއްދަތު މިމަހުގެ ނިޔަލަށް ހަމަވުމުން ދައުލަތުގެ ޕަބްލިކް ބޭންކް އެކައުންޓް އޯވަޑްރޯވެފައިވާ މިންވަރު ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލުކުރަން ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ދައުލަތުގެ ހަރަަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑްކުރީ އެޕްރީލް 2020ގަ އެވެ. އެ މުއްދަތު މިމަހުގެ ނިޔަލަށް އިތުރުކުރަން މަޖިލީހުން ފާސްކުރީ ނޮވެމްބަރު 23، 2021ގަ އެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ހާލަތެއް މިހާރު ނެތުމުން އެ ގާނޫނުގެ 32 ވަނަ މާއްދާގެ ހ. ރ. އަދި ބ. އަށް ގެނެވުނު އިސްތިސްނާކުރުން ޖެނުއަރީ 1، 2024 އިން ފެށިގެން ނިމުމަކަށް ގެނެސް އެ ގާނޫނު ފުރިހަމައަށް އިޔާދަކުރުމަށް އެދިވަޑައިގެންފަ އެވެ.

އިސްތިސްނާ މުއްދަތު ހަމަވާއިރު ދައުލަތުގެ ޕަބްލިކް ބޭންކް އެކައުންޓުން އޯވަޑްރޯވެފައިވާ މިންވަރު ސެކިއުރަޓައިޒްކޮށް ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު ޝަފީގު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.

"2024 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގެ ފައިނޭންސިން ޕްލޭންގައި ރާވާފައިވާ ފަދައިން އިސްތިސްނާގެ މުއްދަތު ހަމަވާއިރު ދައުލަތުގެ ޕަބްލިކް ބޭންކް އެކައުންޓް އޯވަޑްރޯވެފައިވާ މިންވަރު އެއްކޮށް ސެކިއުރަޓައިޒްކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ސަރުކާރަށް އިޝޫކުރާ ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލުކުރަން ރާވާފައިވާކަން މައުލޫމާތަށްޓަކާ ދަންނަވަން،" ޝަފީގު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ރާއްޖޭގެ އިގުތިސާދީ ހިސާބުތަކަސް ބަލާއިރު 2022 ވަނަ އަހަރު ރާއްޖޭގެ ރިއަލް ޖީޑީޕީ ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން 2019 ވަނަ އަހަރު ހުރި މިންވަރަށް ފަހަނަ އަޅާފައިވާކަން ފާހަގަކުރައްވާފަ އެވެ.