ހަބަރު

ތިމަރަފުށީ އެކްސިޑެންޓްގައި ކޯމާއަށް ދިޔަ މީހާ މަރުވެއްޖެ

May 14, 2019
1

ތ. ތިމަރަފުށީގައި ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއްވެ ކޮމާއަކަށް ދިޔަ ޒުލޭހާ އަބްދުުލް ޣަނީ މަރުވެއްޖެ އެވެ. އޭނާއަކީ ތ. ވަންދޫއަށް އުފަން މީހެކެވެ.

ފުލުހުން މިރޭ ބުނި ގޮތުގައި ޒުލޭހާ މަރުވެފައިވަނީ މިރޭ ލަންކާގަ އެވެ. މަރުވީ ލަންކާގައި އޭނާއަށް ފަރުވާދެމުންދަނިކޮށް މިރޭ 1:20ގަ އެވެ.

އެ އެކްސިޑެންޓްގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުންޏެވެ.

އެކްސިޑެންޓަކީ މިދިޔަ މާޗް މަހުގެ ތެރޭގައި ހިނގި އެކްސިޑެންޓެކެވެ. އެކްސިޑެންޓް ހިނގީ ތިމަރަފުށީ އެއާޕޯޓަށް އާއިލާ ބަޔަކު ބަލައި ޒުލޭހާ ގޮސް އުޅުމުގެ ތެރޭގަ އެވެ. އެކްސިޑެންޓްވީ އެއާޕޯޓަށް ދާ މަގުގެ އެއް ފަރާތުން އޭނާ ހިނގާފައި ދަނިކޮށް އެ މަގުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލުން ނެއްޓި ޒުލޭހާގެ ގައިގާ ޖެހިގެންނެވެ.

އެކްސިޑެންޓްގައި ޒުލޭހާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވި އެވެ. އޭނާގެ ސިކުނޑީގެ އޮޕަރޭޝަނެއް އޭޑީކޭގައި ވެސް ކުރި އެވެ. އޭގެ ފަހުން ލަންކާގައި ވެސް ސިކުނޑީގެ ދެ އޮޕަރޭޝަނެއް ކުރި އެވެ. ބޮލުގެ އިތުރަށް ޒުލޭހާގެ މޭ ކަށިގަނޑަށް ވެސް އަނިޔާވި އެވެ.

އުމުރުން 52 އަހަރުގެ ޒުލޭހާ އެކްސިޑެންޓްގައި ލިބުނު އަނިޔާގައި މަރުވެފައިވާއިރު ވޭން ދުއްވި ޑްރައިވަރުގެ ލައިސެންސް ދެ އަހަރަށް ވަނީ ހިފަހައްޓާފަ އެވެ.