މެންޗެސްޓާ ސިޓީ

އުފާފާޅު ކުރުން ނުނިމެނީސް ސިޓީއަށް ބޮޑު ބިރެއް

އިނގިރޭސި ޗެމްޕިއަންކަން މެންޗެސްޓާ ސިޓީން ހޯދައި އުފާ ފާޅުކުރުންތައް ނުނިމެނީސް، ސިޓީއަށް ބޮޑު ބިރެއް ކުރިމަތި ވެއްޖެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ހޯދައި، އުފާ ފާޅުކުރުންތައް ނުނިމެނީސް ސިޓީގެ ކަރުބުޑުގައި ލައްވާލި ހިތި ރަހަ އަކީ، ޔޫއެފާއިން ސިޓީގެ މައްސަލަ ތަހްގީގު ކުރަން ފެށި ޚަބަރެވެ.

ޔޫއެފާގެ ފައިނޭންޝިއަލް ފެއާޕްލޭގެ އުސޫލާ ހިލާފަށް ސިޓީން އަމަލު ކޮށްފައިވާކަން ތަހްގީގަށް ސާބިތު ވެއްޖެ ނަމަ އެއް އަހަރު ވަންދެން ޔޫރަޕްގެ އެއް ވެސް މުބާރާތެެެއްގައި ސިޓީއަށް ވާދަ ނުކުރެވޭނެ އެވެ.

ކޮންމެ ޓްރާންސްފާ ޕީރިއަޑެއްގައިވެސް، ޓްރާންސްފާގެ ހަރަދުގެ ގޮތުގައި އެންމެ މައްޗަށް ހޭދަ ކުރެވޭނެ ވަކި އަދަދެއް ޔޫއެފްއާއިން ވަނީ ކަނޑައަޅާފަ އެވެ. އެއީ 200 މިލިއަން ޔޫރޯއަށް ވުރެ ބޮޑު ހޭދައެއް ނުކުރުމެވެ.

ސިޓީން ވަނީ، 2017 ވަނަ އަހަރު ސީޒަންގައި ބޮޑު ހޭދައެއް ކޮށްފަ އެވެ. މުޅި ޔޫރަޕްގައިވެސް ޓްރާންސްފާގައި އެންމެ ބޮޑު ހޭދައެއް ކުރާ ކުލަބަކަށް ސިޓީ ވާނެ އެވެ. އެ ލިސްޓްގައި ޕީއެސްޖީވެސް އެބައޮތެވެ. ޕީއެސްޖީގެ މައްސަލަވެސް ޔޫއެފާއިން ދަނީ ތަހްގީގު ކުރަމުންނެވެ.

އެހެންނަމަވެސް މެންޗެސްޓާ ސިޓީން ބުނެފައި ވަނީ، އެ ޓީމުން ހަރަދު ކޮށްފައި ވާނީ، ފައިނޭންޝިއަލް ފެއާޕްލޭއާ އެއްގޮތަށް ކަމަށެވެ.