އެތުލެޓިކޯ މެޑްރިޑް

ގްރީޒްމަން ބާސާއަށް ބަދަލުވުމާ ގާތަށް

އެތުލެޓިކޯ މެޑްރިޑް ދޫކޮށްލަން ނިންމި ނިންމުމަކީ، އޭނާއަށް އުނދަގޫ ނިންމުމެއް ކަމަށް، އެ ޓީމުގެ ފޯވަޑް އެންޓްއާން ގްރީޒްމަން ބުނެފި އެވެ.

ފަސް އަހަރަށް ފަހު އެތުލެޓިކޯ މެޑްރިޑް ދޫކޮށްލަން ފްރާންސްގެ ވޯލްޑް ކާމިޔާބު ކުރި ޓީމުގެ ފޯވަޑް އިއްޔެ ވަނީ އިއުލާން ކޮށްފަ އެވެ. އެތުލެޓިކޯގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް، އެތުލެޓިކޯގެ ސަޕޯޓަރުންނާ މުހާތަބު ކުރަމުން ގްރީޒްމަން ބުނެފައި ވަނީ މިހެންނެވެ.

"ތިޔަ ހުރިހާ ސަޕޯޓަރުންނާ މުހާތަބުކޮށް އަހަރެން ބުނެލަން ބޭނުން ވަނީ، އާ ތަޖުރިބާއެއް ކުރުމަށްޓަކައި، އަދި އާ ޗެލެންޖަކާ ކުރިމަތިލުމުގެ ގޮތުން އެތުލެޓިކޯ މެޑްރިޑް ދޫކޮށްލަން އުޅޭ ވާހަކަ،" ވީޑިއޯ މެދުވެރިކޮށް ގްރީޒްމަން ބުނެފައި ވެއެވެ. "މި ނިންމުމަކީ އަހަންނަށް ނިންމަން ވަރަށް އުނދަގޫވި ނިންމުމެއް، ނަމަވެސް އަހަރެން ދެކެނީ މިއީ އަހަރެން ނިންމަން ޖެހޭ ނިންމުމެއް ކަމަށް."

ގްރީޒްމަން އިތުރަށް ބުނެފައި ވަނީ، އޭނާގެ ކެރިއަރުގައި ހޯދި ފުރަތަމަ ތަށި ހޯދީ އެތުލެޓިކޯގައި ކަމަށް ވުމުން، އެ ކުލަބުގެ ހަނދާންތައް އޭނާގެ ހިތުގައި އަބަދުވެސް ދެމިހުންނާނެ ކަމަށެވެ.

އެތުލެޓިކޯ އާއެކު އިތުރު ފަސް އަހަރު ދެމިހުންނަން ގްރީޒްމަން ސޮއި ކުރީ މިދިޔަ އަހަރުގެ ހޫނު މޫސުމުގަ އެވެ. ގްރީޒްމަން ކުލަބު ބަދަލު ކުރަން އުޅޭ ވާހަކަ މީގެ ކުރިންވެސް އާންމުވި އެވެ. އޭނާ ވަނީ 2017 ވަނަ އަހަރު ސީޒަން ފެށުމުގެ ކުރިން ކުލަބު ބަދަލު ކުރަން މަސައްކަތް ކުރި ނަމަވެސް، އެ އަހަރު ހޫނު މޫސުމުގެ ޓްރާންސްފާ ޕީރިއަޑްގައި އެއްވެސް އިތުރު ކުޅުންތެރިޔެއް ނުގެނެވޭނެ ގޮތަށް ފީފާއިން އެތުލެޓިކޯއަށް ދިން އަދަބާއެކު ޓީމުގައި މަޑުކުރަން ގްރީޒްމަން ނިންމީ އެވެ.

އެއް އަހަރު ކުރިން ސޮއި ކުރި އެގްރިމެންޓްގައި ވާގޮތުން އެހެން ކުލަބަކުން ގްރީޒްމަން ގެންދަން ބޭނުންނަމަ 200 މިލިއަން ޔޫރޯ (ތިން ބިލިއަން ދިވެހި ރުފިޔާ) ހޭދަ ކުރަން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ. އެހެންނަމަވެސް އެ އަގު 125 މިލިއަން ޔޯރޯ (ދެ ބިލިއަން ޔޫރޯ) އަށް ކުޑަ ކޮށްފަ އެވެ.

އޭގެ ތެރެއިން 24 މިލިއަން ޔޫރޯ ލިބޭނީ، ގްރީޒްމަންގެ ކުރީގެ ކުލަބު، ރެއާލް ސޮސިއެޑާޑް އަށެވެ. ގްރީޒްމަންގެ ސީނިއާ ކެރިއާ ފެށި އެ ޓީމުންނެވެ. އެތުލެޓިކޯއަށް 2014 ވަނަ އަހަރު ސްޕެނިޝް ލީގް ހޯދައިދިނުމަށް ފަހު، ސާޖިއޯ ކުން އަގުއޭރޯ މެންޗެސްޓާ ސިޓީއަށް ބަދަލުވުމުން، އެތުލެޓިކޯގެ ފޯވަޑްލައިން ވަރުގަދަ ކުރުމަށްޓަކައި އެ ޓީމުން ގެނައީ ގްރީޒްމަން އެވެ.

އެތުލެޓިކޯގައި ގްރީޒްމަން ފާހަގަ ކުރެވިފައި ވަނީ، އެއްވަރެއްގައި ލަނޑު ޖަހާ ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އެތުލެޓިކޯ ދޫކޮށްލަން ނިންމުމުގެ ކުރިން، ގްރީޒްމަން ވަނީ ކޯޗް ޑިއޭގޯ ސިމިއޯނޭ އާއި ކުލަބުގެ ރައީސް މިގްއެލް އެންހަލް ޖިލް މާރިން އާ ބައްދަލު ކޮށްފަ އެވެ.

ގްރީޒަމަން ބާސާ އަށް؟

ގްރީޒްމަން ގެންދިއުމަށް، ބާސެލެނާއިން ވަނީ ޝައުގުވެރިކަން ފާޅު ކޮށްފަ އެވެ. 2017 ވަނަ އަހަރު، ބްރެޒިލްގެ ނޭމާ ބާސާ ދޫކޮށްލުމުން، އޭނޭގެ ރިޕްލޭސްމެންޓަކަށް ގްރީޒްމަން ގެންދިއުމަށް ބާސާއިން މަސައްކަތް ކުރި އެވެ. ގްރީޒްމަން ނުލިބުމުން، އެޓީމުން ގެނައީ އޭރު ބްރޫޝިއާ ޑޯޓަމުންޑަށް ކުޅެމުން ދިޔަ އުސްމާން ޑެމްބެލޭ އެވެ. އެހެންނަމަވެސް ޑެމްބެލޭއަށް ދޭތެރެދޭތެރެއިން ކުރިމަތވާ އަނިޔާގެ މައްސަލަތަކާ ހެދި ސީޒަންގެ އެންމެ މުހިންމު ދަނޑިވަޅުގައި އޭނާގެ ބޭނުމެއް އެންމެ އެދެވޭ ގޮތުގައި ބާސާއަށް ނުހިފެ އެވެ.