ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތަކީ ވަރަށް ނަޒާހަތްތެރި ބޭފުޅެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމަނިކުފާނުގެ ތަޖުރިބާތަކަށް ބަލާއިރު ބަންޑާރަ ނައިބު ރިފްއަތު ކޮރަޕްޝަންގެ އެއްވެސް އަމެލެއް ހިންގާނެ ބޭފުޅެއް ނޫން ކަމަށެވެ.
ރިފްއަތު ދިފާއު ކުރައްވާ ނަޝީދު މިއަދު ވާހަކަފުޅު ދެއްކެވިއިރު، އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދޭން ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރުމުން ބަދަލެއްގެ ގޮތުގައި 348 މިލިއަން ރުފިޔާ ދޭން ކުރި ހުކުމުގެ ތަންފީޒީ މަރުހަލާއާ ގުޅޭ ގޮތުން އޭޖީ އޮފީހުން ހަދަނީ ދޮގު ކަމަށް ދީބާޖާ ކުންފުނިން މިއަދު ވަނީ ބުނެފަ އެވެ.
އެ މައްސަލަ ކޯޓުން ބޭރުން ނިންމަން ބޭނުންވާ ކަމަށް ވިދާޅުވެ ބަންޑާރަ ނައިބު ރިފްއަތު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. ކޯޓުން ބޭރުން މައްސަލަ ނިންމަން އުޅުނީ ކޮރަޕްޝަން ހިންގަން ކަމަށް އެ ސިޓީގައި ތުހުމަތުކޮށްފައިވެ އެވެ.
ދެހާސްދިހަ ވަނަ އަހަރުގެ ތެރޭގައި ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏަށް ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަދި ޅ. އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި އެވެ.
ނަމަވެސް އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަކޮށް ދޭންޖެހޭ ކަންކަން ފުރިހަމަ ނުކޮށް 2013 ވަނަ އަހަރު އެއްބަސްވުން ވަނީ ބާތިލްކޮށްފަ އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.
އޭޖީ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދޭން ޖެހޭ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ބާތިލްކުރަން ދައުލަތުން ސިވިލް ކޯޓުގައި އެދިފައިވާ ކަމަށެވެ. އަދި މައްސަލަ ބާތިލް ކުރަން ކޯޓުގައި އެދުނީ ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލާ ހިލާފަށް، އެ މައްސަލައިގެ ހުކުމް ތަންފީޒުކުރުމުގެ ބައި ކުރިއަށް ގެންގޮސްފައިވާތީ ކަމަށްވެސް އޭޖީ އޮފީހުން ބުންޏެވެ.