ވިޔަފާރި

ލަފާޖު-ހޮލްސިމްގެ ގުޅުން: ރާއްޖެއަށް ކޮން މޮޅެއް؟

Jul 17, 2015

ރާއްޖޭގައި އިމާރާތްކުރުމުގެ ދާއިރާ މި ދަނީ ކުރިއަރަމުންނެވެ. ހާއްސަކޮށް ރާއްޖޭގައި ހަދާ ރިސޯޓު ޕްރޮޖެކްޓްތަކަކީ ދުނިޔޭގެ ފެންވަރުގައި ވެސް "މަތީ ފަންތީގެ" އިމާރާތް ކުރުމުގެ މަޝްރޫއުތަކެވެ. މި ސަބަބާ ހުރެ، ސިމެންތި ވެގެން ގޮސްފައިވަނީ ރާއްޖޭގެ އިގްތިސާދަށް މުހިންމު އުފެއްދުމަކަށެވެ. މިހެން މިކަންއޮށްވައި އިއްޔެ އިވިގެން ދިޔަ އަޑަކީ އިމާރާތް ކުރުމުގެ ދާއިރާގެ "ދެ ބާރު" ކަމަށްވާ ލަފާޖު ކުންފުންޏާއި ހޮލްސިމް ގުޅާލި ހަބަރެވެ: މި ހަބަރާއެކު އުފެދޭ ސުވާލަކީ މީގެން ރާއްޖެއަށް ލިބޭނީ ކޮން މޮޅެއް ބާ އެވެ؟

"ދެ ކުންފުނި ގުޅާލުމުގެ ސަބަބުން ރާއްޖެއަށް ވެސް ފައިދާ ކުރާނެ. ނަމަވެސް ލިބޭނެ ފައިދާތައް އެނގޭނީ ތަންކޮޅެއް ފަހުން،" ލަފާޖު އިންޓަނޭޝަނަލްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ، ލަފާޖު މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މަމްދޫހު ވިދާޅުވި އެވެ.

ލަފާޖު ކުންފުނި އުފެދުނީ 1833 އަހަރު ފްރާންސުގަ އެވެ. ފްރާންސުގެ ރައްޔިތެއް ކަމަށްވާ ބުރޫނޯ ރަފޮންޓޭ އުފެއްދި މި ކުންފުނީގައި 63،000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. މި ކުންފުނިން މިހާތަނަށް 12.8 ބިލިއަން ޔޫރޯ އަށްވުރެ ގިނަ ވިޔަފާރިކޮށްފައިވެ އެވެ. އެ ކުންފުނީގެ އުފެއްދުންތައް 61 ގައުމެއްގެ 1،600 އަށްވުރެ ގިނަ ކޮންސްޓްރަކްޝަން ސައިޓުތަކުގައި ބޭނުން ކުރެ އެވެ. މި ކުންފުނީގެ ގޮތްޕެއް ރާއްޖޭގައި އުފެދިފައިވަނީ 2002 ވަނަ އަހަރެ އެވެ. ތިލަފުށީގައި ގާއިމްކޮށްފައިވާ މި ގޮފިން ދަނީ ސިމެންތި ބަންދުކޮށް ވިއްކަމުންނެވެ.

ހޮލްސިމް ކުންފުންޏަކީ 1912 ވަނަ އަހަރު އުފަންވި ކުންފުންޏެކެވެ. ސިމެންތި އާއި ކޮންސްޓްރަކްޝަން މެޓީރިއަލް އުފެއްދުމަށް މަޝްހޫރު މި ކުންފުނީގެ ގޮފިތައް މެދުއިރުމައްޗާއި ޔޫރަޕު އަދި އެފްރިކާގައި ވެސް ހުރެ އެވެ.

ލަފާޖު ކުންފުނިން ރާއްޖޭގައި ސިމެންތި ބަންދު ކުރުމުގެ މަސައްކަތް ފަށާފައިވަނީ 2002 ވަނަ އަހަރެވެ. މި ކުންފުނީގެ މަސައްކަތް ރާއްޖޭގައި ފެށުމުގައި އެންމެ އިސް ދައުރެއް އަދާކުރީ އެސްޓީއޯގެ މިހާރުގެ އެމްޑީ އަހުމަދު ޝަހީރު އެވެ. އޭރު ޝަހީރު ހުންނެވި އެ ކުންފުނީގެ ސޭލް އެންޑް ޑިޕާޓްމަންޓުގެ އިސްވެރިޔާގެ ގޮތުގަ އެވެ.

ޝަހީރު ވިދާޅުވީ ވިދާޅުވީ އެސްޓީއޯއާ ގުޅިގެން ވިޔަފާރިކުރަމުން ގެންދާތާ 17 އަހަރުވެފައިވާ ލަފާޖު ކުންފުންޏަށް މިއައި ބޮޑު ބަދަލުގެ ސަބަބުން ރާއްޖެއަށް ގިނަ ފައިދާ ތަކެއް ކުރާނެ ކަމަށެވެ. އެގޮތުން އެ ކުންފުންޏާ ގުޅިގެން އާ އުފެއްދުންތަކެއް ބާޒާރަށް ނެރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

" މި އުންމީދުކުރަނީ މި ސިނާޖީ (ލަފާޖު-ހޮލްސިމް) ގުޅިގެން ދުނިޔޭގެ އެންމެ ބޮޑު ސިމެންތި ކުންފުންޏަށް ބަދަލުވެގެން އައުމުން މީގެ އަގު ތަކަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް. ދުވަސްކޮޅެއް އަންނާނެ ބަދަލުތަކެއް އަންނަން. އެ ފަރާތާ ވާހަކަ ދައްކަމުން މިދަނީ. ކުރިއަށް އޮތްތަނުގައި މި ކޮލެޓީގައި އެހެންނަމަވެސް އަގު ރަނގަޅު ސިމެންތިއެއް ނެރެވޭތޯ،" ޝަހީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ 17 އަހަރުކުރިން ލަފާޖު ސިމެންތި "މެރިން ސިމެންތި" ރާއްޖޭގެ ބާޒާރަށް ތައާރަފުވުމާއެކު ސިމެންތީގެ އަގު ހެޔޮވެގެން ދިޔަ ކަމަށެވެ.

" ޕެކިން ފެސިލިޓީސް ފެއްޓިއިރު ސިމެންތި ކޮތަޅެއްގެ އަގު އުޅެނީ 80ރ. އާއި 90ރ. އާ ދޭތެރޭގައި. ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް ބޫމެއް އައީ. އެގޮތުން އަޅުގަނޑުމެން ބެލިން، ވެލިއު އެޑްކޮށްގެން ނެރެވޭނީ ކޮން ބާވަތެއް ތޯ؟ އެގޮތުން ސިމެންތި މިއީ އެއް ބާވަތް. ސިމެންތި ފައްޓައިގެން ދުވަސްކޮޅެއްގެ ތެރޭގައި 85-90ރ. އަށް ހުރި ސިމެންތި ކޮތަޅެއްގެ އަގު 50- 45ރ. އަށްތިރި ވެގެން ދިޔައީ،" ޝަހީރު ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސިމެންތި ދެ ކުންފުނި ގުޅުމާއެކު ރާއްޖެއަށް ސިމެންތީގެ އާ އުފެއްދުންތަކެއް ތައާރަފުވުމުގެ ފުރުސަތު ބޮޑެވެ. އެސްޓީއޯ އިން ވަނީ އެކަން ފާހަގަ ކޮށްފަ އެވެ.

ލަފާޖު މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މަމްދޫހު ވިދާޅުވީ ރާއްޖޭގައި ހިންގާ ބައެއް މަޝްރޫއުތަކަށް ހާއްސަކޮށްގެން "ހާއްސަ ކޮންކްރީޓް" އުފެއްދުމުގެ ރިކުއެސްޓެއް ލިބެމުންދާ ކަމަށާއި، އެ ކަމަށް މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

"ބައެއް ރިސޯޓުތަކުން އެބަހުރޭ ރިކުއެސްޓްކޮށްފަ. ސްފެޝަލް ކޮންކްރީޓް ހަދަން. މިހާރު މި ކެޕޭސިޓީ ރާއްޖޭގައި ނެތީ. ރެޑީމިކްސް ފެށިގެން ދިޔައީމަ އަޅުގަނޑުމެން ގަބޫލުކުރަނީ އިތުރު ޕްރޮޑަކްޓް ތަކެއް ލޯންޗް ކުރަން ފުރުސަތު ލިބޭނެ ކަމަށް. އެކަހަލަ ރިކުއާމެންޓް ތަކެއް ލިބެމުން ދޭ. އެ ޕްރޮޑަކްޓްތަކަކީ ތަންކޮޅެއް އަގު ބޮޑުވިނަމަވެސް އެ ބޭނުންތަކަށް އެކަށީގެންވާ ޕްރޮޑަކްޓްތަކެއް. އެހެންނަމަވެސް ރާއްޖޭގައި އާއްމުކޮށް ބޭނުން ނުކުރަނީ ތަންކޮޅެއް އަގު ބޮޑުވީމަ،" މަމްދޫހު ވިދާޅުވި އެވެ.