ދިވެހި ފަންނާނުންގެ ގިނަ އުފެއްދުން ތަކެއް އެއް ތަނަކުން ލިބޭ އޮންލައިން ޕްލެޓް ފޯމް ބައިސްކޯފާއި ދިރާގު ގުޅިގެން މަދަހަ އަލްބަމެއް ނެރެފި އެވެ.
ދިރާގު އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި "އާލަމް" ގެ ނަމުގައި ނެރެފައިވާ މަދަހަ އަލްބަމްއާ ބެހޭ ގޮތުން ދިރާގު މެނޭޖަރު ޕްރޮޑަކްޓް ޑިވްލޮޕްމަންޓް އެންޑް އިނޮވޭޝަން މުހައްމަދު ފާރިހު ވިދާޅުވީ މި މަދަހަ އަލްބަމްގައި އަށް މަދަހައެއް ހިމެނޭ ކަމަށެވެ. އަދި މަދަހަތައް ކިޔާފައިވަނީ ކުރި އާއި މިހާރުގެ ލަވަކިއުންތެރިން ކަމަށް އޭނާ ވިދާޅުވި އެވެ.
"އާލަމް" މަދަހަ އަލްބަމްގެ ޅެންތައް ހަދާފައިވަނީ މަޝްހޫރު ޅެންވެރިޔާ އާދަމް ނަސީރު އާއި ކުރީގެ މަޝްހޫރު ފިލްމީ ތަރި އީސާ ޝަރީފުގެ އިތުރުން ޒުވާން ބައެއް ކުދިންނެވެ.
މަދަހަ އަލްބަމްއާ ބެހޭ ގޮތުން ބައިސްކޯފުގެ ކްރިއޭޓިވް ޑިރެކްޓަރު އީސާ ޝަރީފު ވިދާޅުވީ ބައިސްކޯފުން ބުނީ "އާލަމް"ގެ ނަމުން މި އަލްބަމަށް ނަން ދީފައިވަނީ މި އަލްބަމްގައި ހިމެނޭ ގިނަ މަދަހަ ތަކަކީ އާލަމާއި ކާއިނާތާ ގުޅުން ހުރި މަދަހަ ތަކަށް ވުމުން ކަމަށެވެ.
"މި އަލްބަމްގެ މަދަހަތައް ކިޔާފައިވާނެ އިހުގެ ލަވަކިއުންތެރިނާއި މިހާރުގެ ކުރިން. ރާފިއަތު ރަމީޒާ އާއި ފާތުމަތު ރައޫފް އަދި އައިޝަތު ޝައިނާ [މޯލްޑިވިއަން އައިޑަލް އިން ވިދާލި] ޝައިނާ ކިޔާފައިވާނީ ވަރަށް އިހުގެ ރާގަކަށް ތިޔަ ބޭފުޅުން އަޑު އެއްސެވީމަ އެނގޭނެ ބަދަލު،" ފިލްމީ ދާއިރާގައި 27 އަހަރު ހޭދަކުރެއްވި ތަޖުރިބާކާރު ފަންނާނު އީސަ ބުންޏެވެ.
އާލަމް މަދަހަ އަލްބަމް ބައިސްކޯފު ހިލޭ ލިބެ އެވެ. އަދި އެހެން އެއްޗިހި ބަލަން ބޭނުންނަމަ 69 ރުފިޔާގެ ސަބްސަކްރިބްޝަން ފީއެއް ދައްކަން ޖެހެ އަށެވެ. އަދި އަލްބަމް ޑައުންލޯޑް ކުރާ ފަރާތްތަކަށް ކުޑަ ކުދިންނަށް ހާއްސަ މައުލޫމާތާއި ދިވެހި ތާރީހާ ގުޅުން ހުރި ޑޮކިއުމެންޓްރީތައް ހިލޭ ލިބިގެން ލިބޭނެ އެވެ.
ބައިސްކޯފު އެޕަކީ މުނިފޫހިފުލުވުމާއި ކުރީގެ ފިލްމުތަކުން ފެށިގެން ފަހުގެ ފިލްމުތައް ވެސް ބަލައިލެވޭ ހާއްސަ ޕްލެޓްފޯމް އެކެވެ. ބައިސްކޯފުގައި މިހާރު ވެސް 100 އަށްވުރެ ގިނަ މަދަހަ ހިމަނާފައިވެ އެވެ. އަދި ދިވެހި ފަންނާނުންގެ ގިނަ އުފެއްދުން ތަކެއް ބައިސްކޯފުން ލިބެން ހުރެ އެވެ. މީގެތެރޭގައި އިހުގެ ފިލްމާއި ޑްރާމާ އަދި ލަވަތައް ހިމެނެ އެވެ.