ހަބަރު

ހާލުގައި ޖެހުނު ކުނަހަންދޫއަށް ފެން ފޯރުކޮށްދީފި

May 20, 2019

ވާރޭ ނުވެހޭތާ ގިނަ ދުވަސްވެ މިމަހުގެ ކުރީކޮޅުން ފެށިގެން ފެން ހުސްވެ ހާލުގައި ޖެހުނު ލ. ކުނަހަންދޫއަށް މިއަދު ފެންފޯރުކޮށްދީފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ކޮންމެ އަހަރަކު ވިއްސާރަ ނުވެދާ ދުވަސްވަރު ފެނަށްޖެހޭ ރަށްތަކުގެ ތެރޭގައި ހިމެނޭ ކުނަހަންދޫގައި ގޭބީސީތަކުން ވާރޭ ފެން ހުސްވެގެން ކަމާބެހޭ އިދާރާތަކަށް އެންގީ މިމަހުގެ ދެވަނަ ދުވަހު އެވެ.

އެ ރަށު ކައުންސިލްގެ ނައިބު ރައީސް ލިރުޣާމް ސައީދު ވިދާޅުވި ގޮތުގައި އެންވަޔަރަމަންޓް މިނިސްޓްރީ މެދުވެރިކޮށް ފެނަކަ ކޯޕަރޭޝަންގެ ދޯންޏެއް މިއަދު އެ ރަށަށް ފެން ފޯރުކޮށްދެމުންދާ ކަމަށެވެ.

"އަޅުގަނޑުމެން އެންމެ ފުރަތަމަ ފެން މި އަޅަނީ ރަށު ކައުންސިލުން ބަލަހައްޓާ ފެން ތާނގިތަކަށް. ދެން އާންމުންވެސް އެދޭ މިންވަރަކުން ގޭބީސީތަކަށްވެސް އަޅުގަނޑުމެން ފެން ފޯރުކޮށްދޭނަން،" ލިރުޣާމް ވިދާޅުވި އެވެ.

ލިރުޣާމް އިތުރަށް ވިދާޅުވި ގޮތުގައި، މިހާރުވެސް އެރަށަށް އޮތީ ވިއްސާރަ ބޯމަތިކޮށްފައި ކަމަށާއި، ވަރަށް އަވަހަށް އެ ރަށަށް ވިއްސާރަ ކުރާނެކަމަށް މެޓް އޮފީހުންވެސް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"ވިއްސާރަކޮށްފިއްޔާ ދެން އަޅުގަނޑުމެންނަށް ފެންވެސް ނެގޭނެ. އެކަމަކު ފެނަކައިން ގެނެސްދިން ފެނުންވެސް މުޅި ރޯދަ މަހު އަޅުގަނޑުމެންނަށް ދަތިނުވެ އުޅެވޭނެ. ރައްޔިތުންވެސް މިހާރު ތިބީ ވަރަށް ހިތްހަމަޖެހިގެން. ވަރަށް ދަތި ހާލުގައި އަސްލު މި ދުވަސްތައް މިދިޔައީ،" ލިރުޣާމް ވިދާޅުވި އެވެ.

ގާތްގަނޑަކަށް 970 އެއްހާ މީހުން ދިރިއުޅޭ ކުނަހަންދޫއަކީ ފެންތިލަ ރަށެއް ކަމުން، އެ ރަށުން ނަގާ ފެން އެއްވެސް ވަރަކަށް ބޭނުން ނުކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ވަފުދަކުން އިރުޝާދު ދީފައިވާކަމަށް ކައުންސިލުން ބުނެ އެވެ.

"ބޯން ކީއްކުރަންތޯ، ގަޔަށް އަޅަން ވެސް ކަމުދާ ފެނެއް ނޫންކަމަށް އެ ބޭފުޅުން ވިދާޅުވީ. އަޅުގަނޑުމެންގެ ޒަރޫރީ ބޭނުންތަކަށް މި ބޭނުން ކުރަނީ ކޮންމެ ގެއެއްގައި ވެސް ރައްކާކޮށްފައި ހުންނަ ވާރޭ ފެން،" ލިރުޣާމް މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

ކޮންމެ އަހަރަކު ވިއްސާރަ ނުވެދާ ދުވަސްވަރު ކުނަހަންދޫ ފެނަށްޖެހޭއިރު، އެ ރަށު ރައްޔިތުންގެ އެދުމަކީ އެކަމަށް ދާއިމީ ހައްލެއް ލިބިގެން ދިއުން ކަމަށް ވެސް ލިރުޣާމް މިއަދު ވިދާޅުވި އެވެ.