ހައްޖާއި އުމްރާއަށް މީހުން ގެންދަން ސަރުކާރުން އުފައްދާފައިވާ ކުންފުނި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ، އޮޕަރޭޝަން މެނޭޖަރު މަގާމުން ވަކިކޮށްފި އެވެ.
ހައްޖު ކޯޕަރޭޝަންގައި މެނޭޖިން ޑިރެކްޓަރާއި ޗެއާމަން ފިޔަވައި އިސްކޮށް ހަތަރު މެނޭޖަރުން ތިއްބަވަ އެވެ. މިގޮތުން އެ ކޯޕަރޭޝަންގެ އޮޕަރޭޝަން މެނޭޖަރުގެ މަގާމުން މިއަދު ވަކިކޮށްފައިވަނީ މީގެ ދެ އަހަރު ކުރިން އެ މަގާމާ ހަވާލުވެ ވަޑައިގެންނެވި އަހުމަދު އަސްލަމް އަބްދު ﷲ އެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖަރު ކަމުން މިއަދު ވަކިކުރި އަސްލަމް އަވަސް އަށް ވިދާޅުވީ އޭނާ ވަޒީފާއިން ވަކި ކުރަން އުޅޭކަން އެނގުނީ މިއަދު ކަމަށެވެ.
"މިއަދު ހެނދުނު އެމްޑީ އަޅުގަނޑު ގެންގޮސް ވިދާޅުވީ ދެ ގޮތެކޭ އޮތީ އަމިއްލައަށް ވަކިވުމޭ، ނޫނީ ވަކި ކުރުމޭ. އަމިއްލައަށް ވަކި ވެއްޖިއްޔާ ރެކޯޑް ރީތި ވާނެއޭ. ހަމަ ހެނދުނު ގެޒެޓް ބަލައިލިިއިރު އޮތް އަޅުގަނޑުގެ ވަޒީފާއަށް މީހަކު ހޯދަން އިއުލާނު ވެސް ކޮށްފަ. އެހެންވެ، ވަކި ކުރުމުގެ ކުރިން އެ އޮތީ މީހަކު ހޯދަން އިއުލާނު ކޮށްފައި،" ވޭތުވެދިޔަ ތިން އަހަރު ހައްޖާއި އުމްރާގެ ކަންކަން މެނޭޖު ކުރުމުގައި އިސްކޮށް އުޅުއްވި އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ އޭނާ ވަކި ކުރި ސަބަބެއް ކަމަށް ކޯޕަރޭޝަނުން ފޮނުވި ޗިޓުގައި އޮތީ ތައުލީމާއި ތަޖުރިބާ ނެތުން ކަމަށެވެ. އަދި އޭނާ ވިދާޅުވީ ހައްޖު ކޯޕަރޭޝަންގެ ވަޒީފާއަށް ވަޑައިގަތުމުގެ ކުރިން ވެސް އެތަނުގައި ހަތަރު އަހަރު ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްދެއްވި ކަމަށެވެ.
"އަޅުގަނޑުގެ އަތުގައި އޮތީ މެޑިސިން ޑިގްރީއެއް. ވަޒީފާގައި އޮންނަނީ ޝަރިއްޔާ ޑިގްރީއެއް. މި ވަޒީފާ އަޅުގަނޑަށް ލިބުނީ ތަކުރާރުކޮށް މީހަކު ހޯދަން އިއުލާނު ކޮށްގެން މީހަކު ނުވެގެން، އިއުލާނުގައި އޮވޭ ނުވެއްޖެ ހާލަތުގައި ވަޒީފާ ދެވިދާނެ ކަމަށް،" އަޒްހަރު ޔުނިވާސިޓީން ކިޔަވައި ވިދާޅުވި، އަސްލަމް ވިދާޅުވި އެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖަރު މަގާމުން ވަކިކޮށްފައިވާއިރު، އެ މަގާމަށް މުވައްޒަފެއް ހޯދަން މިހާރު ވަނީ އިއުލާން ކޮށްފަ އެވެ.