ދިވެހިރާއްޖޭގެ މިނިވަންކަމަށް ރަންޔޫބީލް ފުރުން ކުލަގަދަކޮށް ފާހަގަކުރުމަށް ގަލޮޅު ދަނޑު ބޭނުންކުރާތީވެ، އުރީދޫ ދިވެހި ޕްރެމިއާ ލީގު އަނެއްކާ ވެސް މެދުކަނޑާލައިފި އެވެ.
ލީގު އަލުން ފަށާނީ އަންނަ މަހު އެކަކުން ހަތަކަށް ރިޔޫނިއަންގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ފަހު އެވެ. މިހެންވެ މަހެއްހާ ދުވަހުގެ ޗުއްޓީ އެއް ކުޅުންތެރިންނަށް ލިބޭނެ އެވެ.
އެންމެ ފަހުގެ ތިން އަހަރުގެ ޗެމްޕިއަން ނިއު ރޭޑިއަންޓާއި އާއި އީގަލްސް ރޭ 1-1އިން އެއްވަރުވި މެޗަށް ފަހު ލީގު މެދުކަނޑާލީ މިނިވަން 50 އަށް މިދިޔަ ހަފުތާގައި ވެސް ލީގު މެދުކަނޑާލުމަށްފަހު އެވެ. ނަމަވެސް ފަހުން ކުއްލި ގޮތަކަށް ނިންމީ މި ހަފުތާގައި ކޮންމެ ޓީމެއް މެޗެއް ކުޅުމަށްފަހު މެދުކަނޑާލުމަށެވެ.
ލީގު މެދުކަނޑާލިއިރު ފުރަތަމަ ބުރުގައި ކޮންމެ ޓީމަކަށް ބާކީ އޮތީ އެންމެ މެޗެކެވެ. މި ވަގުތު އެއްވަނާގައިވަނީ 14 ޕޮއިންޓާއެކު ނިއު އެވެ. ރޭ އީގަލްސް ކޮޅަށް އެ ޓީމަށް ލަނޑު ޖަހައިދިނީ ރިލްވާން ވަހީދު (ކަކާރިލޭ) އެވެ. ޓޭބަލުގެ ހަތަރުވަނާގައި އޮތް އީގަލްސް އަށް ނަތީޖާ ހަމަހަމަކޮށްދިނީ ބަދަލު ކުޅުންތެރިޔާ އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. އީގަލްސް އަށް ލިބިފައިވަނީ 10 ޕޮއިންޓެވެ. ޓޭބަލުގެ ދެ ވަނާގައިވަނ 12 ޕޮއިންޓާއެކު މާޒިޔާ އެވެ. ތިން ވަނާގައިވަނީ 11 ޕޮއިންޓާއެކު ޓިސީ އެވެ. ފަސް ވަނާގައިވަނީ އަށް ޕޮއިންޓާއެކު ބީޖީ އެވެ. ހަޕޮއިންޓާއެކު ވިކްޓަރީ އޮތް އިރު ތިން ޕޮއިންޓާއެކު ހަތްވަނާގައިވަނި ވެލެންސިއާ އެވެ. ޓޭބަލުގެ ފުލުގައި އޮތް މަހިބަދޫ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
ދިވެހި ލީގުގެ ފުރަތަމަ ބުރު ނުނިމިއުޅޭއިރު ތިން ވަނަ ފަހަރަށް ލީގު މެދުކަނޑާލާފައިވާތީގެ ކޯޗުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.