ދުނިޔެ

އައިފެލް ޓަވަރަށް އަރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ފްރާންސްގެ ޕެރިސްގައި ހުންނަ އައިފެލް ޓަވަރުގެ އެއް އަރިމަތިން މައްޗަށް އަރަމުން ދިޔަ މީހަކު މިދިޔަ ހޯމަ ދުވަހު ޕެރިހުގެ ފުލުހުން ހައްޔަރު ކޮށްފި އެވެ.

ޕެރިހުގެ ފުލުހުންގެ ތަރުޖަމާނަކު ސީއެންއެންއަށް މައުލޫމާތު ދެއްވި ގޮތުގައި އެ މީހާ އިމާރާތަށް އަރަން ހުންނަ ވަސީލަތްތައް ބޭނުން ނުކޮށް އިމާރާތުގެ އެއް އަރިމަތީ ދަގަނޑުތަކުން އަރަމުން ދިޔަ ސަބަބު މިހާތަނަށް އެނގިފައެއް ނުވެއެވެ. ފުލުހުން އޭނާ ހައްޔަރުކުރި ނަމަވެސް އޭނާގެ އެއްވެސް މައުލޫމާތެއް އަދި ހިއްސާކޮށްފައެއް ވެސް ނުވެއެވެ.

އޭނަ އިމާރާތަށް އަރާތަން ފެނުނު ހިސާބުން ފުލުހުން އެ އިމާރާތުގައި ތިބި އެންމެން ބޭރުކުރުމުގެ މަސައްކަތް ފަށައި އިމާރާތް ބަންދު ކުރިއެވެ. އެމީހާ އަތުލައިގަތީ އެ މަސައްކަތް ފެށިތާ ހަތް ގަޑިއިރުންނެވެ.

އެމީހާ، 324 މީޓަރުގެ މަޝްހޫރު ބިނާގެ އަރިމަތީ ދަގަނޑުތަކުގެ އެހީގައި އަރަމުން ދިޔަ މަންޒަރުތައް ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

ފްރެންްޗް ރިވޮލިއުޝަން ފާހަގަ ކުރުމަށްޓަކައި 1889 ވަނަ އަހަރު ގަސްތާވް އައިފެލް ޑިޒައިންކޮށް ބިނާކޮށްފައިވާ އައިފެލް ޓަވަރު ބަލާލައި ޓަވަރު މަތިން ފެންނަ ހިތްގައިމު މަންޒަރުތައް ދެކިލުމަށް ކޮންމެ އަހަރަކު ހަތް މިލިއަނަށް ވުރެ ގިނަ މީހުން ޕެރިހަށް ދަތުރު ކުރެއެވެ. މިދިޔަ ހަފުތާތެރޭގައި އެ ބިނާއަށް ވަނީ 130 އަހަރު ފުރިފަ އެވެ.

އެ ޓަވަރަށް މީހަކު އަރަން މަސައްކަތް ކޮށްފައިވާ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން 2015 ވަނަ އަހަރު ތިން މީހަކު އެ އިމާރާތަށް އަރަން މަސައްކަތް ކޮށްފައި ވެއެވެ. އަދި ހަމަ އެ އަހަރު ޕެރިހަށް ދީފައިވާ ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން ދެ ދުވަހަށް ޓަވަރ ބަންދު ކުރިއެވެ. އަދި 2013 ގައި ސަލާމަތީ ސަބަބުތަކަށްޓަކައި ބަންދު ކޮށްފަވާއިރު 2010 އެއްގައި ވެސް ބަންދު ކުރި އެވެ.

ޓަވަރުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ ބޭނުމުގައި 2017 ވަނަ އަހަރު ޓަވަރުގެ ތިރީބައި ވަށައިގެން ގާތްގަނޑަކަށް 2.5 އިންޗި ބޯމިނުގެ ބުލެޓްޕްރޫފް ބިއްލޫރި ވަނީ ޖަހާފައި އެވެ.